ނުރައްކާތެރި ކުށްވެރިންތަކަކާ ދެކޮޅަށް ހެއްކަކު ދިން ސިއްރު ބަޔާންތަކެއް ލީކުވި މައްސަލަ ކޯޓުން ބަލައިފި

މުޖުތަމައަށް ނުރައްކާތެރި ކަމަށް ފުލުހުން ބުނެފައިވާ ބައެއްގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ދައުވާކުރާ މައްސަލައެއްގައި ހިމެނޭ ހެއްކަކު ދިން ސިއްރުކޮށްފައިވާ ބަޔާންތަކެއް ލީކުވި މައްސަލަ ކްރިމިނަލް ކޯޓުން ބަލައިފި އެވެ.
ލީކުވެފައި ވަނީ މ. ކޮޅުފުށީ ޒަހީރާމަންޒިލް، އަހްމަދު ޝިރުހާނާއި ހ. ހަމަރޯޅި ރިލްވާން ފަރުހަތާއި ގއ. ދާންދޫ ދިލްކަޝްވިލާ ހައުޒާން ނިޒާމާއި ގއ. ވިލިނގިލީ ހިތިލާގޭ މުހައްމަދު ނައްވިރާއި ހ. އަގި އަސީލް އިސްމާއިލްގެ މައްޗަށް ދައުލަތުން ދައުވާކުރާ މައްސަލައިގެ ޑޮކިއުމެންޓްތަކެކެވެ. އެ މީހުންގެ މައްޗަށް ޕީޖީ އޮފީހުން ދައުވާކުރަނީ އާންމު ތަނެއްގައި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުނު ކަމަށް ބުނެ އެވެ.
އެ މައްސަލައިގައި އޮގަސްޓް ،28 2011 ގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުވާ ލިބޭ މީހެއްގެ ދިފާއީ ވަކީލު އަތުގައި އެ މައްސަލައިގައި ހެއްކަކު ދީފައިވާ ބަޔާނެއް އޮތެވެ. އެހެން ނަމަވެސް ކްރިމިނަލް ކޯޓުގެ ތައްގަނޑު ޖަހާފައިވާ އެ ބަޔާނަކީ ސިއްރުކޮށްފައިވާ ބަޔާނެކެވެ.
ނުރައްކާތެރި މާރާމާރީ އާއި ގޭންގު ކުށްތައް ފަދަ މައްސަލަތަކުގައި ހެކި ނުލިބޭތީ އެފަދަ މައްސަލަތަކުގައި ޝަރީއަތް ކުރިއަށް ގެންދިއުމަށް ކޯޓުން ހަމަޖައްސާފައި ވަނީ ލިޔެކިޔުންތައް ސިއްރުކޮށްގެންނެވެ. އަދި ހެކިވެރިންގެ ހެކި ބަސް ނަގަނީ އޯޑިއޯ ލިންކެއް މެދުވެރިކޮށް އަޑު ވެސް ބަދަލުކޮށްގެންނެވެ.
އެ މައްސަލައިގައި ދިފާއީ ވަކީލުގެ އަތުގައި އޮތީ އެ ދުވަހު ހެކި ބަސް ދިނުމަށް ހަމަޖެހިފައިވާ އަންހެނެއްގެ ބަޔާނެވެ. އެ މީހާގެ ފުރިހަމަ ނަމާއި ދިރިއުޅޭ އެޑްރެސް ވެސް ލިޔެފައިވާ އެ ބަޔާނުގައި އަންހެން މީހާ ބުނެފައި ވަނީ ވަޅިއެއް ހިފައިގެން މައްސަލައިގައި ހިމެނޭ އަސީލް އެ ގޭ ތެރެއަށް ވަދެފައިވާ ކަމަށެވެ. ނަމަވެސް ޝަރީއަތުގެ މަޖިލީހުގައި އެ މީހާ ބުނެފައި ވަނީ ވަޅިއެއް ހިފައިގެން ހުރި މީހަކު އެ ގޭ ތެރެއަށް ވަން ކަމަށާއި އެކަމަކު އެއީ ކާކުކަން ބުނެދޭން ނޭނގޭ ކަމަށެވެ.
އެ ދުވަހު ޝަރީއަތުގެ މަޖިލީހުގައި މައްސަލަ ބެއްލެވި ފަނޑިޔާރު ސުވާލު ކުރެއްވުމުން ދިފާއީ ވަކީލު ވިދާޅުވީ ބަޔާން ނެގީ ކޯޓުން ކަމަށެވެ. ގާޒީ ވިދާޅުވީ ބަޔާން ލީކުވި މައްސަލަ ބައްލަވާނެ ކަމަށެވެ.
ކްރިމިނަލް ކޯޓުގެ މީޑިޔާ އޮފިސަރު އަހުމަދު މުހައްމަދު މަނިކު މިއަދު ވިދާޅުވީ އެ މައްސަލަ ކޯޓުން މިހާރު ބަލާފައިވާ ކަމަށާއި ކޯޓުން އެއްވެސް ފަރާތަކަށް ބަޔާން ދޫކޮށްފައިނުވާނެ ކަމަށެވެ.
"ލިޔުންތައް ދޫކުރާ ގޮތަށް ހަމަޖެހިފައި އޮތް މައްސަލައެއް ނޫން މިއީ. މި މައްސަލައިގައި ކޯޓުން ބަލަންޖެހޭ ކަންތައްތައް އަޅުގަނޑުމެން މިހާރު ވާނީ ބަލައިފަ. ކޯޓުން އެއްވެސް ފަރާތަކަށް ބަޔާނެއް ދުލެއް ނުކުރަން،" މީޑިޔާ އޮފިސަރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ