ކާރުގެ ޑިކީ ތެރެއިން ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެތި ފެނިގެން ހައްޔަރުކުރި ޏ. ފުވައްމުލަކު ޑެއިލީ ބުލޫ އަބްދުއްލަތީފްގެ ކުށެއް ނެތް ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފްކުރުމުގެ މަރުހަލާ ނިމެންދެން އޭނާ ބަންދުގައި ބަހައްޓަން ސުޕްރީމް ކޯޓުން ދެންމެ އަމުރުކޮށްފި އެވެ.
ސުޕްރީމް ކޯޓުގެ އަމުރުގައި ވަނީ އިސްތިއުނާފް މަރުހަލާގައި މައްސަލަ ވަކި ގޮތަކަށް ނިމެންދެން ހޯމް މިނިސްޓްރީން ކަނޑައަޅައި ތަނެއްގައި ލަތީފް ބަންދުގައި ބެހެއްޓުމަށެވެ.
ލަތީފްގެ މައްސަލާގައި ކްރިމިނަލް ކޯޓުން ކުރި ހުކުމް ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ވަނީ ހައި ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ.
ސުޕްރީމް ކޯޓުގެ އަމުރުގައި ވަނީ ކުށުގެ ބާވަތާއި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު އަބްދުއްލަތީފަކީ މުޖުތަމައަށް ނުރައްކާތެރި މީހެއްގެ ގޮތުގައި ބަލަން ޖެހޭ ކަމަށެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހު ހައްޔަރުކުރި ލަތީފްގެ ޝަރީއަތް ނިމެންދެން، މި އަހަރުގެ އޭޕްރީލް މަހުގެ 13 ވަނަ ދުވަހުން ފެށިގެން ބަންދުގައި ބަހައްޓަން ކޯޓުން ކުރި އަމުރު ބާތިލްކޮށްފައި ވަނީ ކްރިމިނަލް ކޯޓުން މެއި 25 ގައި ފޮނުވި ސިޓީއަކުންނެވެ. އެ ސިޓީ ހައި ކޯޓުން ބާތިލްކޮށްފައި ވަނިކޮށް، އަލުން ދެ ވަނަ ފަހަރަށް ކްރިމިނަލް ކޯޓުން ވަނީ ލަތީފް ބަންދުން ދޫކޮށްލައިފަ އެވެ. އެ އަމުރު ހައި ކޯޓްގައި އިސްތިއުނާފްކުރުމުން އެ ކޯޓުން ވަނީ ދަށު ކޯޓުގެ ނިންމުމަށް ތާއީދުކޮށްފަ އެވެ.
ލަތީފްގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކުރި ހުކުމް ހައި ކޯޓްގައި ދައުލަތުން އިސްތިއުނާފްކުރީ މިއަދު އެވެ.
ކުށް ސާބިތު ނުވި ލަތީފް ބަންދުކުރަން ސުޕްރީމް ކޯޓުން އަމުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ