އދ. މާމިގިލިން އާދަޔާ ޚިލާފަށް ގިނައިން ފައިދިގު މަކުނު ފެންނަން ފެށުމާ ގުޅިގެން އެރަށު ސްކޫލް ބަންދުކޮށްފި އެވެ.
މާމިގިލީ ކައުންސިލްގެ ރައީސް ޖުނައިދު އިބްރާހިމް ވިދާޅުވީ އެއް ދަންފަޅިއަށް ކިޔަވައިދެމުން އަންނަ އެ ރަށު ސްކޫލް ބަންދުކުރީ އާދަޔާ ޚިލާފަށް ސްކޫލްގެ ތެރެއިން ގިނަ އަދަދަކަށް ފައިދިގު މަކުނު ފެންނަން ފެށުމުން ކަމަށެވެ. އަދި މަކުނު ފެންނަނީ ސްކޫލްގައި ދަރިވަރުން އިށީންނަން ބޭނުން ކުރާ ގޮނޑިތަކުން ކަމަށް ވެސް ކައުންސިލަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފައިދިގު މަކުނުގެ ވައްތަރެއް ކަމަށްވާ "ބްރައުން ވިޑޯ" ފެންނަން ފެށީ މީގެ އަހަރެއްހާ ދުވަސް ކުރިން ކަމަށާއި ގިނަ އަދަދަކަށް ފެންނަ މަކުނުގެ ސަބަބުން މިހާތަނަށް އެއްވެސް ކުއްޖަކަށް ވެސް މީހަކަށް ވެސް ސީރިއަސް މައްސަލައެއް ދިމާވެފައި ނުވާ ކަމަށެވެ. ނަމަވެސް އެއިން މަކުނަކާ ކުޅެނިކޮށް ކުއްޖަކު މިއަދު ވިހަވެފައިވާ ކަމަށެވެ.
"މިއަދު ކުއްޖަކު އޭގެ މަކުނަކާ ކުޅެނިކޮ ދަތް އަޅައިގެން އުޅުނު. ސިއްހީ މަރުކަޒަށް ގެންދިޔައީމަ ޑޮކްޓަރު ވިދާޅުވީ އާދައިގެ ފައިދިގު މަކުނެއް ދަތް އެޅިޔަސް ވިހަވާނެއޭ އެކަހަލަ ގޮތެކޭ ވެފައި ހުރީ. ސީރިއަސް ކަމެއް ނެތޭ،" ކައުންސިލަރު ވިދާޅުވި އެވެ.
ކައުންސިލަރު ވިދާޅުވީ އެރަށުން ފެންނަނީ ބަނޑުދަށުގައި ހުދު ލަފެއް ހުންނަ މުށި ކުލައިގެ ފައިދިގު މަކުނެއް ކަމަށެވެ.
އާބާދީގައި 2000 އަށްވުރެ ގިނަ މީހުން ދިރިއުޅޭ އެރަށުން ފައިދިގު މަކުނު ފެންނާތީ އާންމުން ކަންބޮޑުވާން ފެށީ އެ އެއްޗެހި ދަތް އަޅާ ތަންތަން ރަނގަޅު ނުވާނެ ކަމަށާއި ފައިދިގު މަކުނު ކަށިޖަހާ ތަނެއް ޖެހޭނީ ބުރިކުރަން ކަމަށް ރަށުތެރޭ އަޑު ފެތުރުމުން ކަމަށް ވެއެވެ.
މާމިގިލީ ސްކޫލާއި އެއާޕޯޓާއި އެރަށު ވަލުތެރެއިން މަކުނު ފެނިފައިވާއިރު، މަކުނުގެ ސާމްޕަލެއް ހިފައިގެން ކައުންސިލްގެ މެމްބަރަކު މިއަދު ވަނީ މާލެ އައިސްފަ އެވެ. އަދި ހެލްތުން އަންގާ ގޮތެއްގެ މަތިން މަކުނުތައް ނައްތާލުމުގެ މަސައްކަތް މާދަމާ ކުރަން ފަށާނެ ކަމަށް ކައުންސިލްގެ ރައީސް މިއަދު ވިދާޅުވި އެވެ.
މީގެ އަހަރުތަކެއް ކުރިން ރާއްޖޭގެ އެކި ހިސާބުތަކުން ވަނީ ފައިދިގު މަކުނުގެ ވިހަގަދަ ބާވަތެއް ކަމަށްވާ ބްލެކް ވިޑޯ ގިނަ އަދަދަކަށް ފެނި ފިޔަވަޅުތައް އަޅާފަ އެވެ.
ގިނަ އަދަދަކަށް ފައިދިގު މަކުނު ފެންނާތީ މާމިގިލީ ސްކޫލް ބަންދުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ