"ލާދީނީ" ފިކުރުގެ ބަޔަކު ވަނީ އެމްޑީޕީގެ ލީޑަޝިޕް ހިސޯރުކޮށްފައި ކަމަށް، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އެމްޑީޕީއަށް 12 އަހަރު ފުރުމުގެ މުނާސަބަތުގައި އުމަރު ނެރުނު ބަޔާނެއްގައި ވިދާޅުވީ އެމްޑީޕީއަކީ ވަރަށް މުނާސަބު ވަގުތެއްގައި އުފެދިގެންދިޔަ ޕާޓީއެއް ކަމަށާއި ނަމަވެސް އެ ޕާޓީ އުފެދުމާއެކު އެ ޕާޓީ ހިސޯރުކުރީ ރާއްޖެއަށް އެހެން ދީންތައް ގެނައުމަށާއި ބަނގުރާ ހުއްދަކުރުމަށް ވަކާލާތުކުރާ "ލާދީނީ" ފިކުރުގެ މަދު ބައެއް ކަމަށެވެ.
"މި ދެންނެވި މީސްކޮޅުގެ އެންމެ އިސް މީހަކަށް ހުންނެވީ ރައީސް މުހައްމަދު ނަޝީދެވެ" އުމަރު ވިދާޅުވިއެވެ.
އެމްޑީޕީ ހިސޯރުކޮށްފައިވާ ކުރުމުން އެ ޕާޓީ ސަލާމަތްކުރެވޭތޯ އިބްރާހިމް އިސްމާއިލް، ޑރ. މުނައްވަރު އަދި ޑރ. ޑީޑީ މަސަތްކަތް ކުރެއްވި ކަމަށް އުމަރު ވިދާޅުވިއެވެ. މި ބޭފުޅުންނަކީ ވަރަށް ފުންނާބު އުސް ސިޔާސީ ބޭފުޅުން ކަމަށާއި ނަމަވެސް މި ތިން ބޭފުޅުން ވެސް ޕާޓީގެ ރައީސްކަމުން ދުރުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާންކުރެއްވުމާއެކު އެމްޑީޕީއަށްޓަކާ އެންމެ ބޮޑަށް ގުރުބާންވި ރީކޯ މޫސާ މަނިކު ވެސް ޕާޓީން ވަކިކޮށްފައިވާ ކަމަށް އުމަރު ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވެއެވެ. އެ ޕާޓީގެ އިންތިހާބީ ނައިބް ރައީސް އަލްހާން ފަހްމީ ވެސް ޕާޓީން ވަކިކޮށްފައިވާކަން އުމަރު ވަނީ ފާހަގަކޮށްފައެވެ.
ވޭތުވެދިޔަ ހަ އަހަރު ދުވަހުގެ ތެރޭ އެމްޑީޕީގެ އެތެރޭގަ ލީޑަޝިޕް އިންތިހާބެއް ބާއްވާފައެއް ނުވެއެވެ. މިނިވަން އިންސާފުވެރި އެތެރޭގެ އިންތިހާބެއް ނުބާއްވާ ޑިމޮކްރެސީގެ ހަމަތައް ވަނީ ފުޑުފުޑުކޮށްފައެވެ. އިންތިހާބީ ރައީސުން ވަނީ ޕާޓީން ވަކިކޮށްފައެވެ. އެމްޑީޕީ ވަނީ "ކަލްޓް" އަކަށް ބަދަލުކޮށްފައެވެ" އުމަރު ވިދާޅުވިއެވެ.
އުމަރުގެ ބަޔާން ނިންމާލަމުން ވަނީ މިނިވަން އިންސާފުވެރި އެތެރޭގެ އިންތިހާބެއް ބާއްވައިފިނަމަ "ލާދީނީ" ޓީމު ބަލިވެދާނެ ކަމަށް ބުނެފައެވެ.
ލާދީނީ ފިކުރުގެ ބަޔަކު ވަނީ އެމްޑީޕީގެ ލީޑަޝިޕް ހިސޯރުކޮށްފައި - އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ