ސުޕްރީމް ކޯޓު އުވާލުމަށް ކުރީގެ ބަންޑާރަނައިބް ދިޔާނާ ސައީދު ގޮވާލައްވައިފިއެވެ.
ދިޔާނާ މިކަމަށް ގޮވާލެއްވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީ ބަދަލުކޮށްފިނަމަ މަޖިލީހުގެ ގޮނޑި ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމާއި ގުޅިގެން ކުރެއްވި ޓްވީޓްތަކެއްގައެވެ.
އެގޮތުން ދިޔާނާ ވިދާޅުވީ ސުޕްރީމް ކޯޓަށް ލިބިފައިވާ ގާނޫނީ ބާރު ނަހަމަގޮތުގައި ތަކުރާރުކޮށް އެ ކޯޓުން ބޭނުންކޮށްފައިވާތީ ރައްޔިތުންގެ މަޖިލީހުން ސުޕްރީމް ކޯޓު އުވާލަން ޖެހޭ ކަމަށެވެ.
އަދި ރައްޔިތުންގެ މަޖިލީހަށް ގާނޫނު އަސާސީން ދީފައިވާ ބާރުތަށް މިހާރުން މިހާރަށް އެ މަޖިލީހުގެ އަތްމައްޗަށް ގެނައުމަށްވެސް ދިޔާނާ ވަނީ ގޮވާލާފައެވެ. މަޖިލީހުން މިއަދު ގޮތެއް ނުނިންމައިފިނަމަ ގޮނޑި ގެއްލޭ މެމްބަރުންނަށް އަލުން ވާދަނުކުރެވޭ ގޮތަށް ސުޕްރީމް ކޯޓުން ކަނޑައެޅުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށްވެސް ދިޔާނާ ވިދާޅުވިއެވެ.
ސުޕްރީމް ކޯޓުން ކުރި ހުކުމަށް ފާޑު ވިދާޅުވަމުން ދިޔާނާ ވިދާޅުވީ ސުޕްރީމް ކޯޓުގެ ނިންމުމަކީ ނުކިއްސަރު އިޖުރައާތަކުން ހިންގާފައިވާ އަދި މުތުލަގަށް ގާނޫނު އަސާސީއާ ހިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ. އެހެންކަމުން އެއީ ސައްހަ ހުކުމެއްގެ ގޮތުގައި ބަލައިގެން ނުވާނެ ކަމަށްވެސް ދިޔާނާ ވަނީ ވިދާޅުވެފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީ ބަދަލުކޮށްފިނަމަ މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅުމާއެކުވެސް އިދިކޮޅު ފަރާތްތަކުން ވަނީ އެކަމާއި ދެކޮޅަށް އަޑުއުފުލާފައެވެ.
އެގޮތުން ވަކި ޕާޓީއެއް ތަމްސީލު ކުރައްވުމަށްފަހު ރައްޔިތުންގެ އިތުބާރާއެކު ވޯޓު ހޯއްދަވައިގެން، އިންތިޚާބުވުމުން ޕާޓީ ބަދަލުކުރުމުގެ މިނިވަން ލިބެން ޖެހޭނެކަމަށް އެފަރާތްތަކުން ބުނަމުންދެއެވެ.
ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ވިދާޅުވެފައިވަނީ ރައްޔިތުން އިންތިހާބުކުރާ ފިކުރާ ހިލާފަށް ގޮނޑި ބަދަލުކުރުމަކީ މަސްލަހަތު ގެއްލިގެންދާނެ ކަމެއް ކަމަށެވެ.
އެހެންކަމުން ރައްޔިތުންގެ މަޖިލީހަށް މެންބަރަކު ހޮވޭއިރު ހުންނަ ޕާޓީން އެހެން ޕާޓީއަކަށް ބަދަލުވިޔަސް، ޕާޓީން ވަކިވިޔަސް، ވަކި ކުރިޔަސް އަދި އެހެން ޕާޓީއަކާ ގުޅުނަސް އެ މެންބަރެއްގެ ގޮނޑި ގެއްލޭނެ ކަމަށް އެ ހުކުމުގައި ވަނީ ކަނޑައަޅާފައެވެ.
ސުޕްރީމް ކޯޓު އުވާލުމަށް ދިޔާނާ ގޮވާލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ