ބިސް ކޮތަޅު އޮތީ މެމްބަރު އައްސަދުގެ އަތުގައި!

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި "ބިހުގެ ކުޅިވަރު" މެމްބަރުން ކުޅުއްވިއިރު، ދާންދޫ ދާއިރާގެ މެމްބަރު އަހުމަދު އައްސަދު ބިސް ކޮތަޅެއް ގެންގުޅުއްވާ ވީޑިއޯ، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް އާއްމު ކުރައްވައިފި އެވެ.
އެ ވީޑިއޯ އިން ފެންނަ ގޮތުގައި މަޖިލީހުގައި އައްސަދަށް ހާއްސަކުރައްވާފައިވާ ގޮނޑީގައި އޭނާ އިންނެވީ ބިސްކޮތަޅު މޭޒު ދޮށުގައި ބާއްވައިގެންނެވެ. އެ ބިސްކޮތަޅު މަހްލޫފް ވީޑިއޯ ކުރައްވަން ފެއްޓެވުމުން އައްސަދު ތެދުވެވަޑައިގަންނަވާއިރު، ވާތުގައި އޮތް ބިސްކޮތަޅު ރީއްޗަށް ފެނެ އެވެ.
މިއަދުގެ ޖަލްސާ ވެސް ފޭސްބުކްގައި ލައިވްކުރައްވަމުން ގޮސް މަހްލޫފް، އައްސަދުގެ ގާތަށް ވަޑައިގެންނެވިއިރު އޭނާ އިންނެވީ ގޮނޑީގައި ވަރަށް މަޑުން ހަމަޖެހިވަޑައިގެންނެވެ. ރަށުން ބޭރުގައި އުޅުއްވުމަށް ފަހު، ޖަލްސާ އަށް މިއަދު ވަޑައިގަތުމުން އައްސަދު ހުންނަވާނީ ވަރަށް ހަމަޖެހިފައި ކަަމަށް ވެސް މަހްލޫފް ވެސް ވިދާޅުވެ އެވެ.
އޭގެފަހުން އޭނާ އެދިވަޑައިގަތީ އައްސަދު ގެންގުޅުއްވި ބިސްކޮތަޅު ދެއްކެވުމަށެވެ. ބިސްކޮތަޅު ނުދެއްކެވުމުން، އައްސަދުގެ ވާތުގައި އޮތް ބިސްކޮތަޅާ ދިމާލަށް ފޯނު ދިއްކުރައްވައި "ފެނޭ ފެނޭ"އޭ ވިދާޅުވެ އެވެ. ބިސް ކޮތަޅާ އެކު އައްސަދު ގޮނޑިން ތެދުވެވަޑައިގަންނަވަނީ މަހްލޫފްގެ އުނދަގޫ ބޮޑުވެގެންނެވެ.
އައްސަދު ފޯނު ނުނަންގަވާތީ މިކަމުގައި އޭނާގެ ބަހެއް ނުލިބުނެވެ.
ރައްޔިތުންގެ މަޖިލިސް ތެރޭގައި ބިސް ޖަހާފައި. -- ފޮޓޯ: ރޮޒައިނާ އާދަމް/ޓްވިޓާ
މަހްލޫފް ވިދާޅުވީ މަޖިލީހުގެ ތަޅުމަށް ބިސްކޮތަޅުތައް ވެއްދީ ޕީޕީއެމަށް ނިސްބަތްވާ މެމްބަރުން ކަަމަށެވެ. އަދި މަޖިލީހުގެ އެކި ތަންތަނަށް ބިސް ޖަހައި ހެދީ ވެސް އެ މެމްބަރުން ކަމަށް އޭނާ ވިދާޅުވި އެވެ.
މަޖިލިސް މިއަދު ފެށުމުގެ ކުރިން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު އިންނަވާ ގޮނޑި އަށް ވެސް ވަނީ ބިސް ޖަހައިފަ އެވެ. ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު ވިދާޅުވި ގޮތުގައި، އެއީ މަހްލޫފް ކުރެއްވި ކަމެކެވެ.
ދާންދޫ ދާއިރާގެ މެމްބަރު އަހުމަދު އައްސަދު.
އެކަމަކު މަހުލޫފު އެކަން ދޮގު ކުރެއްވަ އެވެ. އޭނާ ވިދާޅުވީ ބިސް ޖެހީ މަޖިލީހުގެ ނައިބު ރައީސް ހުޅު ހެންވޭރު ދާއިރާގެ ރީކޯ މޫސާ މަނިކު ކަމަށެވެ.
ބިހުގެ ކުޅިވަރުގައި އެންމެ އިސްކޮށް އުޅުއްވީ ވެސް މޫސަ ކަމަށް އިދިކޮޅު މެމްބަރުން ތުހުމަތު ކުރައްވަ އެވެ.
މަޖިލިސްގެ ޖަލްްސާ ނިމުނު ފަހުން ޗެމްބަރުގެ ބޭރުގައި ކޮރިޑޯގެ ބިންމަތީގައި ވެސް ބިހުގެ ތޮށިތައް ހުއްޓެވެ. އެއީ ވެސް މޫސާ މަނިކު ކުރެއްވި ކަމެއް ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ.
މަޖިލީހުގެ ތަޅުންގަނޑަށް އުކާފައިވާ ބިސްތަކުގެ ލޮނޑިގަނޑު މަތިން އިހަވަންދޫ ދާއިރާގެ މެމްބަރު މުހަންމަދު އަބްދުﷲ ވެއްޓުނު މަންޒަރު ވެސް ފޭސްބުކް ވީޑިއޯއަކުން ފެނެ އެވެ. އަދި ބައެއް ބޭފުޅުންގެ ހެދުމަށް ވެސް ބިސް ތެޅިފައި ހުއްޓެވެ.
ރައްޔިތުންގެ މަޖިލިސް ތެރޭގައި ބިސް ޖަހާފައި. -- ފޮޓޯ: ރޮޒައިނާ އާދަމް/ޓްވިޓާ
މާފަންނު ހުޅަނގު ދާއިރާގެ މުހަންމަދު ފަލާހު ވިދާޅުވީ މައިނޯރިޓީ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހުގެ ކޮޓަރީގެ ދޮރު ހުޅުވާފައި މޫސަ ބިސް ޖެއްސެވިތަން އޭނާ އަށް ފެނިވަޑައިގަތެވެ.
"ރީކޯ މޫސަ ބިސް ޖެހީ. ރީކޯ މޫސަ ކުރި ކަމެއް އެއީ،" އޭނާ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ތެރެއަށް ދުންމާރި އާއި ބިސް ކަހަލަ އެއްޗެހި މެމްބަރުން ވެއްދުން އޮންނަނީ މަނާކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ