އައްޑޫ ސިޓީގެ ބައެއް އަވަށްތަކުން ކަރަންޓު ކެނޑެމުންދާތީ އެ މައްސަލަ ހައްލު ކުރަން އިތުރު ތިން ޖަނެރޭޓަރު ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފެނަކަ ކޯޕަރޭޝަނުން މިއަދު ބުނެފި އެވެ.
އައްޑޫގައި ކަރަންޓު ކަނޑަމުންދަނީ އިންޖީނުގޭގައި ބޭނުންކުރާ 11 ޖަނަރޭޓަރުގެ ތެރެއިން ހަތަރު ޖަނަރޭޓަރަށް މައްސަލަ ޖެހުމުންނެވެ.
ފެނަކަ ކޯޕަރޭޝަންގެ މެނެޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވީ މި މައްސަލަ ހައްލު ކުރުމަށް މި ހަފުތާ ބަންދުތެރޭގައި އައްޑު އަށް 1.2 ކިލޯވޮޓާއި އެއް ކިލޯވޮޓްގެ ދެ ޖަނަރޭޓަރު ސެޓް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އަދި އޭނާ ވިދާޅުވީ މައްސަލަ ޖެހުނު ހަތަރު ޖަނެރޭޓަރަށް ދިމާވި މައްސަލަ އަދިވެސް ހައްލު ކުރެވޭ ގޮތް ނުވާ ކަމަށެވެ. އެގޮތުން އައްޑޫގައި ކަރަންޓުގެ ހިދުމަތް ދިނުމަށް ބޭނުން ކުރާ 39 ޓްރާންސްފޯމަރުގެ ތެރެއިން ހަތަރު ޓްރާންސްފޯމަރުން ކަރަންޓު ކަނޑާފައި ވާ ކަމަށް ވެސް ޝަރީފު ވިދާޅުވިއެވެ.
ފެނަކަ އިން ބުނީ ގުޅިފައިވާ އަވަށްތަކުން ކަރަންޓް ކެނޑޭ މައްސަލަ އަށް ދާއިމީ ހައްލެއް ލިބޭނީ މަރުކަޒީ އިންޖީނުގެ އަށް ގެނެސްފައި ހުރި ދެ މެގަވޮޓްގެ ދެ އިންޖީނު އިންސްޓޯލްކޮށް ބޭނުން ކުރަން ފެށުމުން ކަމަށެވެ.
އޯ ލެވެލް އިމްތިހާން ކުރިއަށް ދާ މިދުވަސްވަރުގައި ކަރަންޓު ކަނޑަމުންދާތީ ދަރިވަރުންނަށް އެކަމުގެ އުނދަގޫ ވާކަމަށް ބުނެ އައްޑޫގެ ބައެއް ރައްޔިތުން ދަނީ ހިންހަމަނުޖެހުން ފާޅުކޮށް މައްސަލަ ވީހާވެސް އަވަހަށް ހައްލު ކުރުމަށް އެދެމުންނެވެ.
ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް އައްޑޫއަށް އިތުރު ޖަނަރޭޓަރުތަކެއް ފެނަކަ އިން ފޮނުވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ