އުރީދޫގެ ކުޑަކުދިންގެ ހަވީރު "ސައިޓެކް ކިޑްސް" މާދަމާ ކުޑަކުދިންގެ ބަގީޗާގައި

ދިވެހިރައްޔިތުންނާއި އެކު އުރީދޫގެ އެގާރަ ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށްޓަކައި ކުރިއަށްގެންދާ ޚާއްޞަ ކެމްޕެއިންގެ ދަށުން، ސައިޓެކް ކިޑްސްގެ ނަމުގައި ވަރަށް ޚާއްޞަ ކުޑަކުދިންގެ ހަވީރެއް މާދަމާ ބާއްވާނެކަމަށް އެކުންފުނިން ބުނެފިއެވެ.
އުރީދޫގެ އިން ބުނީ ސައިޓެކް ކިޑްސް އިވެންޓަކީ، ކުޑަކުދިންނަށް ޚާއްޞަ ކުރެވިފައިވާ އެކްސްޕެރިމަންޓްތަކާއި، ކުޅިވަރުތައް މެދުވެރިކޮށް، ސައިންސާއި ޓެކްނޮލޮޖީއަށް އެކުދިން އަހުލުވެރިކޮށް، އެކަންކަމާއި މެދު ކުދިންގެ ޝައުގުވެރިކަން އިތުރުކުރުމުގެ އަމާޒުގައި ބޭއްވޭ ހަރަކާތެއްކަމަށެވެ.
"ފަހުގެ ޓެކްނޮލޮޖީތަކާއި އުފެއްދުންތައް މެދުވެރިކޮށް، އުރީދޫ އިން ދަނީ ޑިޖިޓަލް މޯލްޑިވްސް އެއް ގާއިމް ކުރުމުގެ މަސައްކަތަށް ފުރިހަމަ އެއްބާރުލުން ދެމުން. މިއަދުގެ ޑިޖިޓަލް ދުނިޔޭގައި، ފަހި މުސްތަޤްބަލެއް ބިނާ ކުރުމުގައި، ސައިންސް އަދި ޓެކްނޮލޮޖީގެ ދައުރު ވަނީ ލާޒިމްވެފައި. މިގޮތުން، ކުރިއަށް އޮތް ޖީލަކީ އުފެއްދުންތެރި އަދި ޑިޖިޓަލް ޓެކްނޮލޮޖީތަކާއި ވިސްނުންތަކަށް އަހުލުވެރިވެފައިވާ ބަޔަކަށް ހެދުމަށްޓަކައި، ސައިންސް އަދި ޓެކްނޮލޮޖީ އަށް ކުޑަކުދިންގެ ޝައުގުވެރިކަން އިތުރު ކުރާނެ ފަދަ ހަރަކާތްތަކެއް ކުރިއަށްގެންދިއުން މުހިއްމު. އަޅުގަނޑުމެންގެ އުއްމީދަކީ ސައިޓެކް ކިޑްސް އަކީ ކުދިންނަށް މަޖާ އަދި ފައިދާ ހުރި ތަޖުރިބާ އަކަށް ވުން." އުރީދޫގެ އެސިސްޓަންޓް މެނޭޖާ ޕީއާރް ނޫރާ އިބްރާހިމް ޒާހިރު ވިދާޅުވިއެވެ.
ސައިޓެކް ކިޑްސް ބޭއްވިގެންދާނީ، މާދަމާ (ހުކުރުދުވަހު) ގެ ހަވީރު 4.00 އިން ފެށިގެން، ކުޑަކުދިންގެ ބަގީޗާގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ