ހއ. ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފު މުހައްމަދު 100،000ރުފިޔާ ގެ ފައިސާގެ އިނާމު ހުށަހަޅުއްވައިގެން އެ އަތޮޅަށް ބާއްވާ ގުރުއާން މުބާރާތް މިއަދު ފަށައިފި އެވެ.
ހއ. އަތޮޅުގެ އެކި ރަށްތަކުން 188 ދަރިވަރުން ވާދަކުރާ، މި މުބާރާތުގައި ބަލައިގެންނާއި ނުބަލައި ކިޔެވުމުގެ ހުރިހާ އުމުރުފުރާތަކެއް އެއްކޮށް ހޮވޭ އެއް ވަނަ ދަރިވަރަށް 100،000ރުފިޔާ ލިބޭނެ އެވެ. ހަ އަހަރުން ދަށުގެ އުމުރު ފުރައިން ފެށިގެން އުމުރުން 21 އަހަރުން މައްޗަށް މި މުބާރާތުގައި މީހުން ވާދަކުރެ އެވެ.
ލަތީފް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ކުރީ އަހަރުތަކާ ހިލާފަށް އާ ވަނަތަކެއް ވެސް މި އަހަރު ހޮވަން ނިންމާފައިވާ ކަމަށެވެ. އެއީ، މުބާރާތުގެ އެންމެ މޮޅު ފަސް އަންހެން ބައިވެރިންނާއި ފިރިހެން ބައިވެރިން ކަމަށާއި މި ވަނަތަކަށް ހާއްސަ އިނާމްތަކެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މި މުބާރާތް ބާއްވަނީ ގުރުއާން ކިޔެވުމަށް ލޯބި ޖައްސައި, ދީނީ ކަންކަމަށް ހޭލުންތެރިކަން އިތުރުކުރުމަށެވެ.
މުބާރާތް ކުރިއަށް ގެންދަނީ މިއަދުން ފެށިގެން އަންނަ އަންގާރަ ދުވަހުގެ ނިޔަަލަށް ދިއްދޫގަ އެވެ. މުބާރާތުގައި ފަނޑިޔާރުކަން ކުރައްވަނީ، އިބްރާހިމް ޝިފާއު އާއި, އަބްދުލް ޖަލީލް އިސްމާއިލްގެ އިތުރުން އަހްމަދު ހާޝިމެވެ.
މިއީ، އެ މުބާރާތް މެދުނުކެނޑި ބާއްވާތާ ތިން ވަނަ އަހަރެވެ.
ދިއްދޫ ދާއިރާގެ މެންބަރު 100000 ރުފިޔާ އިނާމަކަށް ހުށައަޅާ ޤުރުއާން މުބާރާތެއް ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ