އައްޑޫގެ ކަރަންޓު މައްސަލަ ހައްލުކުރުމަށް މިދަނީ މަސައްކަތްކުރަމުން - ފެނަކަ

އައްޑޫ ސިޓީން ކޮންމެ ދުވަހަކު ކަރަންޓް ދާ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.
އައްޑޫ ސިޓީން ކޮންމެ ދުވަހަކު ކަރަންޓް ދާ މައްސަލައާ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއްގެ ގޮތުގައި އިއްޔެ ހުށަހެޅި އެވެ. އެހެންނަމަވެސް އެ މައްސަލަ މަޖިލީހަށް ބަލައިގެންފައެއް ނުވެ އެވެ. އެމައްސަލަ މަޖިލީހަށް ބަލައިނުގަތުމާއި ގުޅިގެން އެ މައްސަލަ ސަރުކާރު މަސްއޫލިއްޔަތު ބަލާ ކޮމެޓީއަށް ވަނީ ހުށަހަޅާފައެވެ.
ފެނަކަ ކޯޕަރޭޝަނުން ބުނީ އައްޑޫ ސިޓީން ކަރަންޓު ކެނޑެނީ އައްޑޫ ސިޓީގައި ކަރަންޓު ދިނުމަށް ބޭނުންކުރަމުންދާ 750 ކިލޯވޮޓުގެ ޔަންމާ އިންޖީނެއްގެ ޓާބޯއަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށާއި ކަރަންޓު ކަނޑަމުން އަންނަނީ އާންމު ރައްޔިތުންނަށް އުނދަގޫ ނުވާނެ ގޮތަށް ބަލައިގެން ކަމަށެވެ.
އަދި މައްސަލަ ޖެހިފައިވާ ޓާބޯ ރާއްޖެ ގެނައުމަށް އެމްޓީސީސީގެ ފަރާތުން ދީފައިވާ މުއްދަތަކީ 45 ދުވަސް ކަމުން އެކަމަށް ގިނަ ދުވަސް ނަގާނެތީވެ ރަމަޟާން މަހު ކަރަންޓުގެ މައްސަލައެއް ދިމާވެއްޖެނަމަ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި އައްޑޫ ސިޓީއަށް ގެންގޮސްފައިވާ 800 ކިލޯވޯޓުގެ ޖަނެރޭޓަރު އިންސްޓޯލްކުރުމުގެ މަސައްކަތް ކަރަންޓުގެ މައްސަލަ ޖެހުނު ދުވަހުން ފެށިގެން ފަށާފައިވާ ކަމަށް ވެސް ވެސް ބަޔާނުގައިވެ އެވެ.
އެގޮތުން އެ ޖަނެރޭޓަރު އިންސްޓޯލް ކުރުމުގެ މަސައްކަތް މިއަދުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް ފެނަކަ ކޯޕަރޭޝަންގެ ބަޔާނުގައިވެ އެވެ.
މީގެއިތުރުން ކަރަންޓުގެ ހިދުމަތް ރަނގަޅު ކުރުމަށް 1.6 މެގަވޯޓު ޖަނެރޭޓަރުގެ ސްޕެއާތައް ފޮނުވައި އިތުރަށް ބޭނުންވާނެ ކަމަށް އިންޖިނިއަރުން ފާހަގަކޮށްފައިވާ ސްޕެއާތައް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އައްޑޫ ސީޓީއަށް 2 މެގަވޯޓުގެ އާ ޖަނެރޭޓަރެއް ގަތުމަށް ބިޑް އެވޯޑުކުރި ފަރާތްތަކާ އެ ކުންފުންޏާ ދެމެދު މިމަހު ތެރޭގައި ސޮއިކުރެވިގެންދާނެ ކަމަށް ވެސް ބަޔާނުގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ