ހޫޘީންނާ އިއްތިހާދު ހަދާފައިވާކަން ޔަމަނުގެ ކުރީގެ ރައީސް ރަސްމީކޮށް އިޢްލާން ކުރައްވައިފި

ޔަމަނުގެ ވެރިކަމަށް އަތްގަދަ ކޮށްގެން އުޅޭ ހޫޘީ ހަނގުރާމަވެރިންނާއި އިއްތިހާދު ހަދާފައިވާކަން، ޔަމަނުގެ ކުރީގެ ރައީސް އަލީ އަބްދުﷲ ސާލިހް ރަސްމީކޮށް އިޢްލާން ކުރައްވައިފިއެވެ.
މިއީ، ހޫޘީންނަށް ވާގިވެރިވަނީ ސާލިހްކަމަށް ސައުދީ އަރަބިއްޔާއާއި، އދ އިންވެސް ކުރަމުންދިޔަ ތުހުމަތުތަކާ ބެހޭގޮތުން ކުރީގެ ރައީސް އެއްޗެއް ވިދާޅުވި ފުރަތަމަ ފަހަރެވެ. ހޫޘީންނާ އެއްބައިވެގެން ހަނގުރާމަ ކުރަމުންދާ ޔަމަނު ސިފައިންގެ ވެރިޔަކަށް ހުންނަނީވެސް، ޔަމަނުގެ ރިޕަބްލިކަން ގާރޑުންގެ ވެރިޔަކަށް ކުރިން ހުންނެވި ސާލިހްގެ ދޮށީ ދަރިކަލުން ކަމަށް ވެއެވެ.
ހުޘީންނާ ބައިއަތު ހިފިކަން ޔަމަނުގެ ކުރީގެ ރައީސް ސާލިހް ރަސްމީކޮށް މި އިޢްލާން ކުރެއްވީ، ގުޅިފައިވާ ފައުޖުން ވެރިރަށް ސަންޢާގައި ހުންނަ ސާލިހްގެ ގެކޮޅަށް ބޮމުގެ ހަމަލާތަކެއް ދިން ފަހުންނެވެ.
މިހަމަލާ ދިންއިރު، ކުރީގެ ރައީސް އަލީ އަބްދުﷲ ސާލިހްއާއި، އާއިލާ ގޭގައި ނޫޅުއްވާ ކަމަށާއި، ނަމަވެސް ބޮމުގެ ހަމަލާތަކުގައި ގެކޮޅުގެ ތިން ފާރަވެރިން މަރުވެ، ގެކޮޅު ހުންނަ ގޯތީގެ ތިން އިމާރާތެއް ހަލާކުވި ކަމަށް ޚަބަރު ލިބެއެވެ.
ގެކޮޅަށް ދިން ހަމަލާއަށްފަހު އަލީ އަބްދުﷲ ސާލިހް ނެރުއްވި ބަޔާނެއްގައި ވަނީ، ހޫޘީންނަށް ހިތްވަރު ދެއްވައި ވާހަކަފުޅު ދައްކަވާފައެވެ. އަދި ހަތިޔާރު ނުބެހެއްޓުމަށާއި، ޔަމަނާ ދެކޮޅަށް ދެމުންދާ ހަމަލާތަކަށް ރައްދު ދިނުމުގައި ދެމިތިބުމަށް ގޮވާލައްވާފައި ވެއެވެ.
ސައުދީން އިސްވެ އޮވެ ޔަމަނަށް ދެމުންދާ ވައިގެ ހަމަލާތައް އަލީ އަބްދުﷲ ސާލިހް ސިފަކުރައްވާފައިވަނީ "ފިނޑިންގެ އަމަލެއް" ގެ ގޮތުގައެވެ. "ހިތްވަރު ހުރިއްޔާ މައިދާނަށް އައިސް އަހަރެމެންނާ ކުރިމަތިލާ. އަހަރެމެން މިތިބީ ތައްޔާރަށް. ހަނގުރާމަމަތީ މަތިންދާ ބޯޓްތަކާއި، ރޮކެޓް ހަމަލާތަކުން ކަލޭމެންގެ މަގްސަދެއް ހާސިލެއް ނުވާނެ" އަލީ އަބްދުﷲ ސާލިހް ވިދާޅުވެފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ