ގާނޫނީ ވަކީލު އަހުމަދު ނަޖީބު މަރާލުމުގެ ކުށް ސާބިތުވެ މެރުމަށް ހުކުމް ކޮށްފައިވާ އަހުމަދު މުއްރަތަށް ދައުލަތުގެ ހަރަދުގައި ވަކީލަކު ހަމަޖައްސަން ސުޕްރީމް ކޯޓުން ފުރުސަތު ދީފިއެވެ.
މ. މަސްރޫރާގައި މުއްރަތު ދިރިއުޅޭ ކޮޓަރި ތެރޭގައި 2012 ވަނަ އަހަރުގެ ޖޫން މަހުގެ 30 ވީދުވަހު ނަޖީބު ބަނދެފައި ބޭންދުމަށް ފަހު، އޭގެ ޖެހިގެން އައި ދުވަހު ނަޖީބު އަޑުގަދަ ކުރަން އުޅުމުން އޭނާގެ ކަރަށް ވަޅިން ހަމަލާދީ މަރާލި މައްސަލާގައި މުއްރަތު މަރަން ދަށު ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން ވަނީ ތާއީދުކޮށްފައެވެ.
މުއްރަތުގެ މައްޗަށް އިއްވާފައިވާ ހުކުމަކީ ނިހާއީ ހުކުމެއްކަން ކަނޑައަޅައިދިނުމަށް ހުށަހަޅާފައިވަނީ ދައުލަތުގެ ފަރާތުންނެވެ. މިއަދު ބޭއްވި އެ މައްސަލައިގެ ފުރަތަމަ އަޑުއެހުމަށް މުއްރަތު ހާޒިރުކޮށް، ވަކީލު ކޮބާތޯ ފަނޑިޔާރުންގެ ބެންޗުން ސުވާލު ކުރުމުން މުއްރަތު ބުނީ ވަކީލަކު ނެތް ކަމަށާއި ޖަލުގައި ހުންނަ އިރު އިންތިޒާމްތައް ހުންނަ ގޮތުން އެކަން ހަމަނުޖެހެނީ ކަމަށެވެ. ވަކީލަކު ހަމަޖައްސަން ކިހާ ދުވަހެއް ބޭނުންވޭތޯ ސުވާލު ކުރުމުން މުއްރަތު ބުނީ އަމިއްލަ އަށް ވަކީލަކު ހޯދެން ނެތް ކަމަށާއި، އެކަމުގައި އާއިލާގެ މާ ބޮޑު އެހީތެރިކަމެއް ނުލިބޭ ކަމަށެވެ.
ފަނޑިޔާރުންގެ ބެންޗުން ދައުލަތުގެ ޚަރަދުގައި ވަކީލަކު ހަމަޖައްސަން ބޭނުންވޭތޯ ސުވާލު ކުރުމުން މުއްރަތު ބުނީ އެ ފުރުސަތު ލިބެން އޮތް ނަމަ ބޭނުންވާ ކަމަށެވެ. އެހެންކަމުން މިއަދުގެ ޝަރީއަތުގެ މަޖިލިސް ނިންމާލީ އެ ފުރުސަތު މުއްރަތަށް ދިނުމަށް ފަހުއެވެ. މި މައްސަލައިގައި މުއްރަތުގެ ލޯބިވެރިޔާ ފާތިމަތު ހަނާގެ މައްޗަށް ވެސް ދަށު ކޯޓުން ވަނީ މަރުގެ ހުކުމް އިއްވާފައެވެ. ހަނާގެ މައްސަލައިގެ އިސްތިއުނާފު އަޑުއެހުންތައް އަދިވެސް ހައިކޯޓުގައި ދަނީ ހިގަމުނނެވެ..
މުއްރަތަށް ދައުލަތުގެ ހަރަދުގައި ވަކީލަކު ހަމަޖައްސަން ސުޕްރީމް ކޯޓުން ފުރުސަތު ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ