މުހުތާޒް މުހުސިން ހަތް ދުވަހަށް ބަންދުގައި ބަހައްޓަން ހައި ކޯޓުން އަމުރުކޮށްފި

ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރަން ސައްޙަ ނޫން ކޯޓު އަމުރެއް ނެރުނު ކަމަށް ބުނާ މައްސަލައިގެ ތުހުމަތު ކުރެވޭ ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިން ދަށު ކޯޓުން ދޫކޮށްލާފައި ވަނިކޮށް އޭނާ ހަތް ދުވަހަށް ބަންދުގައި ބަހައްޓަން ހައި ކޯޓުން މިއަދު އަމުރުކޮށްފިއެވެ.
އދ. މާމިގިލީ ކޯޓު މެދުވެރިކޮށް ކ. މާފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަމުގައި ކޯޓު އަމުރެއް ތައްޔާރުކުރި މައްސަލާގައި މުހުތާޒްގެ ބަންދުގެ މުއްދަތު ދެ ފަހަރެއްގެ މަތިން އިތުރު ކުރުމަށް ފަހު މިދިޔަ ހުކުރު ދުވަހުގެ ރޭ ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލީ އިތުރަށް ބަންދުގައި ބަހައްޓަން ނުފެންނަ ކަމަށް ބުނެއެވެ.
އޭރު މުހުތާޒް ދޫކޮށްލީ އޭނާގެ މައްޗަށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި ވާތީ އެކަމަށް ރިއާޔަތްކޮށްފައެވެ.
އެހެން ނަމަވެސް މުހުތާޒު ދޫކޮށްލި މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން މިއަދު މެންދުރު އަމުރުކުރީ ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ހަތް ދުވަހަށް މުހުތާޒް ބަންދުގައި ބެހެއްޓުމަށެވެ.
މި މައްސަލައިގެ ތުހުމަތުގައި މުހުތާޒް ފުރަތަމަ ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ގެންދިއުމުން ވެސް ދަށު ކޯޓުން އޭނާ ދޫކޮށްލުމުން އެފަހަރުވެސް ދައުލަތުން އެދިގެން މުހުތާޒު ބަންދުގައި ބަހައްޓަން އަމުރު ކުރީ ހައިކޯޓުން، ޕީޖީ މުހުތާޒްގެ އިތުރުން މާމިގިލީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ނިހާން ވެސް ވަނީ އެ މައްސަލާގައި ހައްޔަރުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ