ގާޒީ ޗުއްޓީގައި ހުރުމުން ޒިޔަތުގެ ޝަރީއަތް ކެންސަލް ކޮށްފި

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ މެނޭޖިން ޑިރެކްޓަރު އަބުދުﷲ ޒިޔަތުގެ މައްޗަށް އުފުލާފައިވާ ދައުވާގެ ދެވަނަ އަޑުއެހުން މިއަދު ކެންސަލްކޮށްފި އެވެ.
މިއަދު ހެނދުނު 9:30 ގައި ބާއްވަން ހަމަޖައްސާފައި އޮތް ޝަރީއަތުގެ އަޑުއެހުން ކެންސަލް ކުރީ މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ޗުއްޓީގައި ހުންނެވުމާ ގުޅިގެން ކަމަށެވެ.
ކްރިމިނަލް ކޯޓުން މިދިޔަ މަހުގެ ހަތްވަނަ ދުވަހު ބަލައިގެންފައިވާ މައްސަލާގައި ޒިޔަތުގެ މައްޗަށް ދައުލަތުން ދައުވާކޮށްފައިވަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)އިން މާލެ އަތޮޅުގެ ފަޅެއް އެބޮނީ ޕްރައިވެޓް ލިމިޑެޓް ނަމަކަށް ކިޔާ ކުންފުންޏަކަށް ކުއްޔަން ދިނުމުން އެކަމުގެ އަގުގެ ގޮތުގައި އެ ކުންފުނީގެ ފަރާތުން ދައުލަތަށް ދެއްކި އެއް މިލިއަން ޑޮލަރުގެ ޗެކަކާ ޒިޔަތު ހަވާލުވެ އެ ޗެކުގައިވާ ފައިސާ ދައުލަތަށް ލިބިފައި ނުވާތީ ހިޔާނާތުގެ ދައުވާ އެވެ.
މިމައްސަލާގައި މިމަހުގެ 17 ވަނަ ދުވަހު ވަނީ ޝަރީއަތުގެ ފުރަތަމަ އަޑުއެހުން ބާއްވާފަ އެވެ. އަދި މައްސަލަ ނިމެންދެން ޒިޔަތު ބަންދުކޮށްފައި ބެހެއްޓުމަށް ޝަރީއަތުން ވަނީ އެދުވަހު ނިންމާފަ އެވެ.
ދައުވާއަށް ޒިޔަތު އެދުވަހު ދެކޮޅު ހަދާފައިވާއިރު ލިޔުމުން ދައުވާއަށް ޖަވާބު ދިނުމަށް ޒިޔަތު އަށް ވަނީ ހަތް ދުވަސް ދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ