ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ކަރަންޓް ދޭން ފަށައިފި

ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ކަރަންޓް ދޭން ފަށައިފި އެވެ.
ވީނިއުސް އަށް މިއަދު މައުލޫމާތު ދެއްވަމުން ތިނަދޫ ރީޖަނަލް ހޮސްޕިޓަލާއި ހަވާލުވެވަޑައިގެންނެވި ހުސައިން ރަޝީދު ވިދާޅުވީ ރޭ ތިނަދޫ އިންޖީނުގޭގައި ރޯވެ އިންޖީނުގެ އެކީ އަނދާ ހުލިވެފައިވާތީ ތިނަދޫ ހޮސްޕިޓަލަށް ކަރަންޓް ދެނީ ތިނަދޫގެ މަގުތައް ހެދުމުގެ މަސައްކަތް ކުރަމުންދާ ކުންފުންޏެއްގެ އިންޖީނެއް ބޭނުންކޮށްގެން ކަމަށެވެ.
"ނަމަވެސް މިވަގުތު އަޅުގަނޑުމެންނަށް ކަރަންޓް ލިބުނު ނަމަވެސް ކުޑަކުޑަ އިންޖީނެއް މި ބޭނުން ކުރަނީ. އެހެންކަމުން މިހާރު ކަރަންޓް ލިބޭ މިންވަރަށް ބަލައިގެން ހޮސްޕިޓަލްގެ އެންމެ ވޯޑެއް މިވަގުތު ބޭނުންކުރަނީ،" ހުސައިން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މުޅި ތިނަދޫ އިން ކަރަންޓް ކެނޑިފައިވާތީ ހޮސްޕިޓަލަށްވެސް ކަރަންޓް ލިބުމުގައި ވަރަށް ބޮޑަށް ދަތި އިހްސާސް ކުރަން ޖެހިފައިވާ ކަމަށެވެ. އަދި ވިދާޅުވީ ކައިރި ރަށަކުން އިންޖީނެއް ގެނެސްގެން ހޮސްޕިޓަލަށް ކަރަންޓް ދިނުމުގެ މަސައްކަތް ކަމާ ގުޅުންހުރި ފަރާތްތަކުން ކުރަމުންދާ ކަމަށެވެ.
ރޭ ދަންވަރު މުޅި ތިނަދޫ އިން ކަރަންޓް ކަނޑައިގެން ދިޔައިރު ކިހާ ބަލި މީހުންނެއް ހޮސްޕިޓަލްގައި ތިބިތޯ ސުވާލު ކުރެއްވުމުން ހުސައިން ވިދާޅުވީ އެ މައުލޫމާތު ހިއްސާކުރާނީ ހެލްތް މިނިސްޓްރީން ކަމަށެވެ.
ތިނަދޫއަށް ކަރަންޓް ދިނުމަށް އެރަށު އިންޖީނުގޭގައި ބޭނުންކުރަމުން ދިޔައީ 1000 ކިލޯވޮޓުގެ ޖަނެރޭޓަރަކާއި 720 ކިލޯވޮޓުގެ ޖަނެރޭޓަރަކާއި އަދި 600 ކިލޯވޮޓުގެ ޖަނެރޭޓަރެކެވެ. އަދި ތިނަދޫ އިންޖީނުގޭގެ ފުރާޅުގައި 170 ސޯލާ ޕެނަލް ހަރުކޮށްފައިވާއިރު އެއީ މުޅި ޖުމްލަ 43 ކިލޯވޯޓުގެ ކެޕޭސިޓީގެ ސޯލާ ޕެނަލްތަކެވެ. މީގެ ތެރެއިން ދެބައިކުޅަ އެއްބައި ސޯލާ ޕެނަލްތައް ބޭނުން ނުކުރެވޭ ވަރަށް އަނދާ ހުލިވެފައިވާ ކަމަށްވެސް ތިނަދޫ އިންޖީނުގެ ހިންގާ ފެނަކަ ކޯޕަރޭޝަނުން ވަނީ ބުނެފަ އެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ