މީރާއިން ޓެކްސްއާއި ގުޅިގެން އަޅާ ފިޔަވަޅެއް ތަންފީޒު ކުރުމާއި ގުޅޭ ގޮތުން ފިޔަވައި ޓެކްސް ނުދެއްކުމާ ގުޅުން ހުރި އެހެން ކަމެއްގައި، ސިވިލް ކޯޓަށް ޝަރިއަތްތައް ނުހިންގޭނެ ކަމަށް ހައި ކޯޓުން ކަނޑައަޅައިފި އެވެ.
މީޑިއާނެޓުން ވިތުހޯލްޑިން ޓެކްސް ދެއްކުމަށް ދެކޮޅު ހެދުމުން މީރާއިން އެ ފައިސާ ހޯދުމަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެ ކުންފުންޏާ އެއްކޮޅަށް ނިމުމުން މީރާ އިން ވަނީ ހައިކޯޓްގައި އެ މައްސަލަ އިސްތިއުނާފު ކޮއްފައެވެ. އަދި ހައިކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ، މީރާއިން ނިންމި ނިންމުމާމެދު އިއުތިރާޒު ކުރާނަމަ އެ ނިންމުން ނިންމާތާ 30 ދުވަހުގެ ތެރޭގައި މީރާއަށް އެ ކަން އަންގަންޖެހޭނެ ކަމަށާއި، އެ ގޮތުން އަންގާ އެންގުމާ ގުޅިގެން މީރާއިން ނިންމާ ނިންމުމާމެދު ހިތްހަމަ ނުޖެހޭނަމަ 30 ދުވަހުގެ ތެރޭގައި އެ ނިންމުން ޓެކްސް އެޕީލް ޓްރައިބިއުނަލްގައި އިސްތިއުނާފު ކުރުމުގެ ޙައްޤު ޓެކްސް ދައްކާ ފަރާތަށް އޮންނަކަން ގާނޫނުން ސާފު ކޮށް އެނގޭ ކަމަށެވެ.
މި މަރުހަލާތައް ފުރިހަމަ ނުކޮށް އޮންނަނަމަ މީރާގެ އެ ނިންމުމަކީ ޓެކްސް ދައްކާ ފަރާތަށް ވެސް ޤަބޫލުކުރެވޭ ނިހާއީ ނިންމުމެއް ކަމަށް ގާނޫނީ ގޮތުން ބެލެވޭނެ ކަމަށް ހައިކޯޓުގެ ހުކުމްގައި ބަޔާންކޮށްފައިވެ އެވެ. އަދި އެއިން މަރުހަލާއަކަށް ޢަމަލު ނުކުރުމާ ގުޅިގެން މީރާއިން އެ ނިންމުން ތަންފީޒު ކުރުމަށް ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުން ސިވިލް ކޯޓުގައި އެ މައްސަލައިގެ މައުޟޫއާމެދު ވާހަކަ ދެކެވި ގޮތްތަކެއް ކަނޑައެޅިގެން ދިއުމަކީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ ރޫހާއި، މީރާގެ ޒިންމާތަކާއި މަސްއޫލިއްޔަތުތަކާމެދު ސުވާލު އުފެދޭ، އަދި ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މަގުސަދާއި ބޭނުން ނެތިދާނެ ކަމެއް ކަމަށް ބެލެވޭ ކަމަށް ވެސް ހުކުމުގައިވެ އެވެ.
މިހުކުމުގައިވަނީ "ނިންމުން ތަންފީޒުކުރުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން ފިޔަވައި ސިވިލް ކޯޓުގައި އިތުރު ޝަރީޢަތުގެ މަޖިލިސްތަކެއް ބޭއްވުމަކީ ގާނޫނީ ގޮތުން ހަމަޖެހޭ ކަމެއް ނޫން" ކަމުގައެވެ.
މީރާ އިން ހައިކޯޓަށް މިމައްސަލަ ވެއްދީ، އެފައިސާ ދައްކަން ނުޖެހޭނެ ކަމަށް ސިވިލް ކޯޓުގައި މީޑިއާނެޓުން ބުނެ އަދި އެފައިސާ ދައްކަން ނުޖެހޭނެ ކަމަށް ސިވިލް ކޯޓުންވެސް ނިންމެވުމުންނެވެ.
ސިވިލް ކޯޓުން މީރާގެ ކޮންމެ ކޮންމެ ޝަރީއަތެއް ނުކުރެވޭނެ- ހައި ކޯޓު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ