މައުމޫން އަރިސް ބޭފުޅުންނަށް ދެއްވި ލޯނު ދެއްކުން ފަސްކުރުމުގައި ކޮރަޕްޝަނެއް ނެތް – އޭސީސީ

ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ ވެރިކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ އިނާޔަތުގެ ދަށުން ސަރުކާރުގެ މަތީ ވަޒީފާތަކުގައި ތިއްބެވި ރައީސް މައުމޫނުގެ އަރިސް ބޭފުޅުންނަށް ދޫކުރި ލޯނުތައް އަނބުރާ ދައްކަން ޖެހޭ މުއްދަތު ފަސްކުރުމަކީ ރައީސް މައުމޫން ހިންގަވާފައިވާ ކޮރަޕްޝަންގެ އަމަލެއް ނޫން ކަމަށް އޭސީސީ އިން ނިންމައިފިއެވެ.
އޭސީސީ އިން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މިމައްސަލައިގެ ތަޙްޤީޤަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، 1992 ވަނަ އަހަރުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ޢިނާޔަތުގެ ދަށުން އަމިއްލަ ފަރާތްތަކަށް ދޫކޮށްފައިވާ ލޯނުތަކުގެ މުއްދަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން 2008 ވަނަ އަހަރު އިތުރުކޮށްދީފައިވަނީ، އެފަދައިން ލޯނު ދޫކޮށްފައިވާ ހުރިހާ ފަރާތަކަށް ހަމަހަމަކަމާއެކު، ވަކި މީހަކަށް ނުވަތަ ވަކި ބަޔަކަށް ތަފާތުކުރުމެއް ނެތިކަމަށެވެ.
އެފަދަ ލޯނުތައް ބެލެހެއްޓުން އޭގެ ކުރިންވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއާ ހަވާލުކުރާ އުސޫލުން އެ ލޯނުތައް ބެލެހެއްޓުމާއި، އެ ލޯނުތަކާ ގުޅިގެން އަންގަންޖެހޭ އެންގުންތައް އަންގައި ލިޔެކިޔުންތައް ހަމަޖެއްސުމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް އަންގާފައިވާ ގޮތުގެމަތިން އެ މިނިސްޓްރީން ޢަމަލުކޮށްފައިވާކަމާއި، އެ ލޯނުތަކާ ގުޅޭ ހިސާބުތައް އެ މިނިސްޓްރީން ބަލަހައްޓާފައިވާކަން ތަޙްޤީޤަށް ލިބިފައިވާ ލިޔެކިޔުންތަކުން އެނގޭ ކަމަށާއި ލޯނުތައް އަނބުރާ ނުދައްކާ ފަރާތްތައް ޝަރީޢަތަށް ހުށަހެޅުމަށްޓަކައި އެ ފަރާތްތަކާއެކު ވެފައިވާ އެއްބަސްވުންތަކުގެ ޤާނޫނީ ބުރަދަން ބެލުމަށް އެޓާރނީ ޖެނެރަލްގެ އޮފީހާއެކު އެ މިނިސްޓްރީން މުޢާމަލާތުކޮށްފައިވާކަން ތަޙްޤީޤަށް ލިބިފައިވާ ލިޔެކިޔުންތަކުން އެނގޭ ކަމަށް ވެސް ބަޔާނުގައި ވެއެވެ.
ލޯނުތަކުގެ އިންޓަރެސްޓްގެ ގޮތުގައި ކޮންމެ މަހަކުވެސް ބޮޑު ޢަދަދެއް ޖަމާވަމުންދާތީއާއި އަނބުރާ ނުލިބިހުރި ލޯނުތަކާ ގުޅިގެން ޢަމަލުކުރުމަށް 2015 ވަނަ އަހަރު އިކޮނޮމިކް އެންޑް ޔޫތު ކައުންސިލުން ނިންމާފައިވާ ގޮތުގެމަތިން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން 8 ޑިސެމްބަރ 2015 ގައި އެކުލަވާލި "1992 ވަނަ އަހަރުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ދައުލަތުގެ ޓްރެޜަރީން އަމިއްލަ ފަރާތްތަކަށް ދޫކޮށްފައިވާ ލޯނުތަކުގެ ތެރެއިން މިހާތަނަށް ދައްކާ ޚަލާޞްކޮށްފައިނުވާ ލޯނުތަކާމެދު ޢަމަލުކުރާނެ އުސޫލު" އާ އެއްގޮތަށް އެ ލޯނުތައް ރީޝެޑިއުލްކޮށް، އާ ޝެޑިއުލާ އެއްގޮތަށް ލޯނު އަނބުރާ ދެއްކުމަށް އެންގުމުގެ މަސައްކަތް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން ކުރަމުންދާ ކަމަށް ވެސް ބަޔާނުގައި ވެއެވެ.
އެ އުސޫލުގެ ދަށުން މިހާތަނަށް ޖުމުލަ 18 ފަރާތަކާއެކު ލޯނު އަނބުރާ ދެއްކުމުގެ އާ އެއްބަސްވުންތަކުގައި ސޮއިކޮށްފައިވާކަމަށާއި ލޯނު އަނބުރާ ނުދައްކާ ފަރާތްތަކުން ދައްކަންޖެހޭ ފައިސާ ޝަރީޢަތް މެދުވެރިކޮށް ހޯދުމަށްޓަކައި އެޓާރނީ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމަށް ބޭނުންވާ ލިޔުންތައް އެ މިނިސްޓްރީން ތައްޔާރުކުރަމުންދާކަމަށް އެ މިނިސްޓްރީން އޭސީސީ އަށް މައުލޫމާތު ލިބިފައިވާ ކަމަށް ބަޔާނުގައި ވެއެވެ.
އޮޑިޓަރ ޖެނެރަލްގެ އޮފީހުން 06 ޖޫން 2013 ގައި ނެރެފައިވާ، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައި، ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ޢިނާޔަތުގެ ދަށުން އަމިއްލަ ފަރާތްތަކަށް ދޫކޮށްފައިވާ ލޯނުތަކުގެ ތެރެއިން، 2010 ވަނަ އަހަރުގެ ނިޔަލަށް 154 ލޯނަކުން ޖުމުލަ 51402714.00 (ފަންސާސް އެއްމިލިއަން ހަތަރުލައްކަ ދެހާސް ހަތްސަތޭކަ ސާދަ) ރުފިޔާ ނުލިބިހުރިކަން ބަޔާންކޮށްފައިވެއެވެ.
އޭސީސީ އިން ވިދާޅުވީ އެކޮމިޝަންގެ ތަޙްޤީޤަށް ލިބިފައިވާ 2015 ވަނަ އަހަރުގެ ލިޔުންތަކަށް ބަލާއިރު، 2015 ވަނަ އަހަރުގެ ނިޔަލަށް ދައްކައި ޚަލާސްކޮށްފައި ނުވަނީ 97 ލޯނުކަމާއި، އެ ލޯނުތަކުން އިންޓަރެސްޓް އާއެކު އެހާތަނަށް ދައުލަތަށް އަނބުރާ ދައްކަންޖެހޭ 79050116.00 (ހަތްދިހަނުވަ މިލިއަން ފަންސާސްހާސް އެއްސަތޭކަ ސޯޅަ) ރުފިޔާގެ ތެރެއިން 29639696.58 (ނަވާވީސް މިލިއަން ހަލައްކަ ތިރީސްނުވަހާސް ހަސަތޭކަ ނުވަދިހަ ހަ ރުފިޔާ ފަންސާސް އަށްލާރި) ދައުލަތަށް ހޯދާފައިވާތީ، އެ ލޯނުތަކާގުޅޭ ފައިސާ ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާފައިނުވާކަމަށް ބެލެވެން ނެތް ކަމަށް ބަޔާނުގައި ވެއެވެ.
އިތުރަށް ބަޔާނުގައި ވަނީ 2015 ވަނަ އަހަރުގެ ނިޔަލަށް އެ ލޯނުތަކުގެ ގޮތުގައި އިންޓަރެސްޓް އާއެކު ދައުލަތަށް ނުލިބިހުރީ 49410146.42 (ސާޅީސްނުވަ މިލިއަން ހަތަރުލައްކަ ދިހަހާސް އެއްސަތޭކަ ސާޅީސް ހަ ރުފިޔާ ސާޅީސް ދެލާރި) ކަމަށް ތަޙްޤީޤަށް ފާހަގަކުރެވިފައިވާ ކަމަށާއި އެ ފައިސާ ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން މަސައްކަތް ކުރަމުންދާކަމަށް އެ މިނިސްޓްރީން އޭސީސީ އިން އަންގާފައިވާ ކަމަށެވެ.
އެހެންކަމުން އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނުގެ 25 ވަނަ މާއްދާގެ (ހ)ގެ 1 ވަނަ ނަންބަރުގެ ދަށުން މި މައްސަލައަކީ ކޮރަޕްޝަންގެ ކުށެއް ހިމެނިފައިނުވާ މައްސަލައެއް ކަމަށް ކަނޑައަޅައި، މި މައްސަލަ ނިންމީ ކަމަށް އޭސީސީ އިން ވިދާޅުވިއެވެ.
ދައުލަތަށް ނުލިބިވާ ފައިސާ އަނބުރާ ދައުލަތަށް ހޯދުމަށްޓަކައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން މަސައްކަތްކުރަމުންދާކަން ތަޙުޤީޤަށް ފާހަގަކުރެވުނު ނަމަވެސް، އެ ފައިސާ ހޯދުން ލަސްވާކަން ތަޙުޤީޤަށް ފާހަގަކުރެވޭތީ، މިހާރަށްވުރެ ހަލުވިކޮށް އެ މަސައްކަތް ކުރިއަށްގެންދިއުމަށާއި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 1.07 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެމަތިން އެ ލޯނުތަކުގެ ފައިސާ އަނބުރާ ދައުލަތަށް ހޯދުމަށްޓަކައި ޝަރީޢަތަށް ފޮނުވައިގެން އެ ފައިސާ ހޯދަންޖެހޭ ފަރާތެއްވާނަމަ، އެފަރާތެއްގެ މައްސަލަ ޝަރީޢަތަށް ފޮނުވުން ވީހާވެސް އަވަސްކުރުމަށްޓަކައި، ބޭނުންވާ ލިޔުންތައް ތައްޔާރުކުރުމުގައި ލަސްނުކުރުމަށް އޭސީސީ އިން ވަނީ ލަފާ ދީފައެވެ.
އަދި ލޯނާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ލޯނުތަކުގެ ލިސްޓުގައި ސީރިއަލް ނަންބަރުތަކުގެ ބައެއް ނަންބަރުތައް ނެތްކަން ތަޙްޤީޤުގައި ފާހަގަކުރެވިފައިވާތީ، އެފަދަ ހިސާބުތަކުގެ ލިސްޓުތަކުގައި ސީރިއަލް ނަންބަރު ޖެހުމުގައި މިހާރަށްވުރެ ފަރުވާތެރިވުމަށާއި، ސަމާލުކަން ދިނުމަށް ވެސް ވަނީ ލަފާ ދީފައެވެ.
އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން 8 ޑިސެމްބަރ 2015 ގައި އެކުލަވާލި "1992 ވަނަ އަހަރުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ދައުލަތުގެ ޓްރެޜަރީން އަމިއްލަ ފަރާތްތަކަށް ދޫކޮށްފައިވާ ލޯނުތަކުގެ ތެރެއިން މިހާތަނަށް ދައްކާ ޚަލާޞްކޮށްފައިނުވާ ލޯނުތަކާމެދު ޢަމަލުކުރާނެ އުސޫލު" އާ އެއްގޮތަށް އެ ލޯނުތަކުގެ ފައިސާ އަނބުރާ ނުދައްކާ ފަރާތްތައް ބްލެކްލިސްޓްކޮށް، އެ ފަރާތްތަކުގެ މަޢުލޫމާތު ދިވެހިރާއްޖޭގައި ހުރި ބޭންކުތަކަށް ފޮނުވައި، ދައުލަތަށް ލިބެންޖެހޭ ފައިސާ އަވަހަށް ހޯދުމަށް އިތުރަށް މަސައްކަތްކުރުމަށް އެދި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ވަނީ ދެންނެވިފައި ކަމަށް އޭސީސީ އިން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ