މައުމޫން، ފާރިސް، ނަދީމް ހައްޔަރުކުރަން ނެރުނު އަމުރު އިސްތިއުނާފަށް

ކުއްލި ހާލަތުގެ ދަށުން ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި މައުމޫންގެ ދަނބިދަރިކަލުން މުހައްމަދު ނަދީމްގެ ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން ނިންމި ނިންމުން އެ ބޭފުޅުންގެ ފަރާތުން އިސްތިއުނާފަށް ހުށަހަޅައިފި އެވެ.
އިސްތިއުނާފަށް ހުށަހެޅިޔަސް، އެ މައްސަލަތައް ބަލައިގަތުމާ މެދު ކޯޓުން ގޮތެއް ނިންމި ކަން އަދި ސާފެއް ނުވެ އެވެ.
މައުމޫނާއި ފާރިސާއި ނަދީމްގެ ޝަރީއަތް ނިމެންދެން ބަންދުގައި ބައިތިއްބަން ކްރިމިނަލް ކޯޓުން މިދިޔަ މަހު އަމުރުކުރީ އެ ބޭފުޅުންގެ މައްޗަށް އުފުލާފައިވާ ނިރުބަވެރި ދައުވާއާ ގުޅިގެންނެވެ.
ކްރިމިނަލް ކޯޓުގެ އެ ނިންމުން އިސްތިއުނާފް ކުރަން މައުމޫނާއި ފާރިސްގެ ފަރާތުން ހުށަހެޅީ މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު އެވެ. ނަދީމްގެ ފަރާތުން އިސްތިއުނާފަށް ހުށަހެޅީ މިދިޔަ އާދިއްތަ ދުވަހު ކަމަށް އެ ބޭފުޅުންގެ ވަކީލުންގެ ޓީމުން ބުންޏެވެ.
މައުމޫނާއި ފާރިސް އަދި ނަދީމްގެ އިތުރުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފާއި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި މައްޗަންގޯޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު ވެސް ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. އެ ބޭފުޅުންގެ ފަރާތުން އިސްތިއުނާފް ހުށަހެޅި ކަމެއް އަދި ސާފެއް ނުވެ އެވެ.
ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ދައުލަތުން ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި، ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ސަރުކާރު ވައްޓާލަން އުޅުމާއި ނިރުބަވެރި ކަމުގެ ދައުވާއާއި ރިޝްވަތު ދިނުމުގެ ދައުވާވެސް އުފުލާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ