ފަނޑިޔާރުން ބަންދުގައި ބޭތިއްބޭނީ ސުޕްރީމް ކޯޓުގެ އަމުރަކުން: ހަސަން ލަތީފް

މިވަގުތު ފުލުހުން ހައްޔަރުކޮށް ޖަލުގައި ބަންދުކޮށްފައިވާ އުއްތަމަ ފަނޑިޔާރު އަލްއުސްތާޒު އަބުދުﷲ ސައީދާއި، ފަނޑިޔާރު އަލްއުސްތާޒު އަލީ މުހައްމަދު މިހާރު ބަންދުގައި ބޭތިއްބޭނީ ސުޕްރީމް ކޯޓްގެ އަމުރެއް ހޯދައިގެންކަމަށް މަޝްހޫރު ގާނޫނީ ވަކީލް އަދި އެމްޑީޕީގެ ޗެއާޕާސަން އަލްއުސްތާޒު ހަސަން ލަތީފު ވިދާޅުވެއްޖެއެވެ.
ފަނޑިޔާރުން މިނިވަންކުރުމަށް ގޮވާލާ ފޮޓޯއެއް ހިއްޕަވައިގެން ހުންނަވާ ނަންގަވާފައިވާ ފޮޓޯއަކާއިއެކު ހަސަން ލަތީފު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ކުއްލި ހާލަތު ނިމުމަށްފަހު ސުޕްރީމް ކޯޓްގެ ފަނޑިޔާރުން ބަންދުގައި ބޭތިއްބުމަށްޓަކައި، ސުޕްރީމް ކޯޓްގައި މިވަގުތު ބާކީ ތިއްބެވި ފަނޑިޔާރުންގެ އަމުރެއް ހޯދުމަކީ ލާޒިމުކަމެއްކަމަށެވެ.
އެފަދަ އަމުރެއްނެތި، އުއްތަމަ ފަނޑިޔާރު އަލްއުސްތާޒު އަބުދުﷲ ސައީދާއި، ފަނޑިޔާރު އަލްއުސްތާޒު އަލީ މުހައްމަދު ބަންދުގައި ބޭތިއްބުން ވާނީ ގާނޫނާ ޚިލާފު ހައްޔަރަކަށްކަމަށް ހަސަން ވިދާޅުވިއެވެ.
އެފަދަ އަމުރެއްނެތި އުއްތަމަ ފަނޑިޔާރާއި، ފަނޑިޔާރު އަލީ ހަމީދު ބަންދުކޮށްފައިވާތީ އެ ދެ ބޭފުޅުން ވަގުތުން މިނިވަންކުރަންޖެހޭކަމަށްވެސް ހަސަން ވިދާޅުވިއެވެ.
ފެބުރުއަރީ މަހުގެ 1 ވަނަ ދުވަހު ސިޔާސީ ނުވަ ބޭފުޅަކު މިނިވަންކުރުމަށާއި، މަޖިލީހުގެ ބާރަ މެންބަރުން ހިމަނައިގެން ޖަލްސާތައް ކުރިއަށްގެންދިއުމަށް އަމުރުކޮށް ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރު ތަންފީޒުކުރަން ދެކޮޅު ހަދާ ސަރުކާރުން ވަނީ އަސްކަރިއްޔާ މެދުވެރިކޮށް އުއްތަމަ ފަނޑިޔާރު އަލްއުސްތާޒު އަބުދުﷲ ސައީދާއި، ފަނޑިޔާރު އަލްއުސްތާޒު އަލީ މުހައްމަދު ވަނީ ހައްޔަރުކޮށްފައެވެ.
މި ދެ ބޭފުޅުން ހައްޔަރުކޮށްފައިވަނީ ސުޕްރީމް ކޯޓްގެ ތެރޭގައި ތިއްބަވަނިކޮށް އަސްކަރިއްޔާގެ ޔުނީފޯމްއެޅި ބަޔަކު ސުޕްރީމް ކޯޓްގެ ދޮރުވައްޓާލައިގެން ސުޕްރީމް ކޯޓްގެ ހުރުމަތްކެނޑުމަށްފަހު އެެ އިމާރާތުގެ ތެރެއަށް ވަދެގެންނެވެ. ފެބުރުއަރީ 5 ވަނަ ދުވަހުގެ ރޭ އެ ދެ ބޭފުޅުން ހައްޔަރުކޮށްފައިވަނީ ގިނަ އިރުތަކެއްވަންދެން އަސްކަރިއްޔާއިން ސުޕްރީމް ހިމެނޭ ސަރަހައްދު ބަންދުކޮށް، އެ ސަރަހައްދުން މީޑިއާ ފޮނުވާލުމަށްފަހުއެވެ.
އެދުވަހުން ފެށިގެން އެ ދެ ބޭފުޅުން ޖަލު ބަންދުގައި ތިއްބަވާއިރު، އެ ބޭފުޅުންގެ މައްޗަށް ގިނަ ތުހުމަތުތަކެއްކޮށް، ގިނަ ދައުވާތަކެއް އުފުލާ އޭގެ ތެރެއިން ދެ ދައުވާގެ ޝަރީއަތްވެސް މިހާރު ވަނީ ފަށާފައެވެ. މި ދެ ބޭފުޅުންނަށް އަމާޒުކޮށް ސަރުކާރަށް ނިސްބަތްވާ މަޖިލީހުގެ މެންބަރުން އެކަނި ތިއްބަވައިގެން ފަނޑިޔާރުންގެ ގާނޫނަށްވެސް މިހާރު ވަނީ ބަދަލުގެނެސް، ދެ ބޭފުޅުންގެ މުސާރައާއި އިނާޔަތްތައްވެސް ހިފަހައްޓާފައެވެ.
ސުޕްރީމްކޯޓްގެ ފެބުރުއަރީ 1 ވަަ ދުވަހުގެ އަމުރު ނެރެފައިވަނީ ފަސް ފަނޑިޔާރުން އިއްތިފާގުން ނަމަވެސް ސަރުކާރުން ބުނަމުންދަނީ އެ އަމުރުގައި ދެންތިބި ތިން ފަނޑިޔާރުން ލައްވާ ސޮއިކުރުވާފައިވަނީ އޮޅުވާލައިގެންކަމަށެވެ. ނަމަވެސް މިކަމާއި ގުޅޭގޮތުން އެ ފަނޑިޔާރުން އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.
އުއްތަމަ ފަނޑިޔާރު އަލްއުސްތާޒު އަބުދުﷲ ސައީދާއި، ފަނޑިޔާރު އަލްއުސްތާޒު އަލީ މުހައްމަދު ހައްޔަރުކޮށް، ޝަރީއަތް ހިންގަމުންދަނީ ގާނޫނު އަސާސީއާއި ގާނޫނުތަކާއި ޚިލާފަށްކަން ފާހަގަކޮށް މިހާލަތުގައި ސުޕްރީމްކޯޓްގެ ފަނޑިޔާރުން ލަދުވެތިވެ އެބޭފުޅުން ވަގުތުން މިނިވަންކުރުމަށް އަމުރެއް ނެރެންޖެހޭނެކަމަށް މަޝްހޫރު ގާނޫނީ ވަކީލުންވެސް ގެންދަވަނީ ވިދާޅުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ