އިންތިހާބުގެ ކުރިން ރައީސް ޔާމީނުގެ ވެރިކަން ނިންމާނަން: އިބޫ

އަންނަ ރިޔާސީ އިންތިހާބުގެ ކުރިން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިންމާނެކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް މުހައްމަދު ޟާލިހް، އިބޫ ވިދާޅުވެއްޖެއެވެ.
އިބޫ މިހެން ވިދާޅުވީ އިދިކޮޅު ކޯލިޝަނުން ހުކުރު ދުވަހުގެރޭ އއ ރަސްދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
އިބޫ ވިދާޅުވީ މިނިވަން އިންސާފުވެރި އިންތިހާބެއް ބޭނުންނަމަ އަދި ޤާނޫނު އަސާސީގައި ބުނާފަދަ މިނިވަން އިންސާފުވެރި އިންތިހާބެއް ބާއްވަން ބޭނުންނަމަ އޭގެ ކުރިން ރައީސް ޔާމީންގެ ވެރިކަން ނިންމަން ޖެހޭ ކަމުގައެވެ. އަދި މިނިވަން އިންސާފުވެރި އިންތިހާބަކަށް އޮތް ހުރަހަކީ ރައީސް ޔާމީންކަމަށްވެސް އިބޫވަނީ ވިދާޅުވެފައެވެ.
އިބޫ ވިދާޅުވީ ފަސް އަހަރުން އެއް އަހަރު ޤައުމުގެ ރައީސް އަކު އިންތިހާބު ކުރަން ޖެހެނީ މިނިވަން އިންސަފުވެރި އިންތިހާބަކުން ކަމަށް ޤާނޫނު އަސާސީގައިވެސް ބުނެފައިވާކަމަށާއި ރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް ގެނައުމަށް ފަހުވެސް ގުޅިފައިވާ ޕާޓީތަކުން ނިކުންނާނީ އެއް ކެނޑިޑޭޓަކާއި އެކުގައި ކަމަށްވެސް އިބޫ ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހަށް އިޝާރާތް ކުރައްވާ އިބޫ ވިދާޅުވީ އެއީ މިހާރު ރައްޔިތުން ތަމްސީލުކުރާ ތަނެއް ނޫންކަމުގައެވެ. އަދި މަޖިލިސް ހުއްޓުވާފައިވަނީ "ހާލަތުން ޒަރޫރާ" ގެދަށުން ކަމަށްވެސް އިބޫ ވިދާޅުވިއެވެ.
މީގެ އިތުރުން ރާއްޖޭގެ ޝަރުއީ ދާއިރާގެ އިތުބާރު މިހާރު ދުވަހަކުވެސް ނުގެއްލޭ މިންވަރަށް ގެއްލިފައިވާކަމަށް އިބޫވަނީ މިރޭ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ