މޯލްޑިވިއަންގެ ފްލީޓަށް އޭޓީއާރު މަރުކައިގެ އިތުރު ބޯޓެއް ގެނެސްފި

ގައުމީ އެއާލައިން މޯލްޑިވިއަން އިން އޭޓީއާރް 42-600 މަރުކާގެ މަތިންދާބޯޓެއް މިއަދު ރާއްޖެއަށް ގެނެސްފި އެވެ. މިއީ އެ އެއާލައިނުން ގެނައި އޭޓީއާރް މަރުކާގެ ހަތަރު ވަނަ ބޯޓެވެ.
އެ މަރުކާގެ ބޯޓުތަކުގައި 30 އާއި 50 ސީޓާ ދެމެދުގެ އަދަދަކަށް ސީޓު ޖެހޭނެ އެވެ. މޯލްޑިވިއަން އިން ބުނީ އެ ބޯޓުގެ ސަބަބުން އެ އެއާލައިނުން ދެމުންދާ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުވެ، ދަތުރުފަތުރު ކުރަން އިތުރަށް ފަސޭހަ ވާނެ ކަމަށެވެ.
މޯލްޑިވިއަންއިން ބުނީ އެ ކުންފުނީގެ ފްލީޓަށް ގެނައި އާ މަތިންދާބޯޓުގެ ސަބަބުން ކުންފުނީގެ ގާބިލުކަން އިތުރުވެ، ދިވެހިންނާއި ފަތުރުވެރިންނަށް ވެސް އިތުރު ރޫޓުތަކަށް ޚިދުމަތް ދެވޭނެ މަގުފަހިވާނެ ކަމަށެވެ.
"ފްލީޓަށް މިއަދު އަލަށް ގުޅިފައިވާ މަތިންދާބޯޓުގެ ސަބަބުން މޯލްޑިވިއަންގެ ކެޕޭސިޓީ އިތުރުކުރެވި އަދި ރޫޓުތަކަށް ދެމުންގެންދާ ހިދުމަތްތައް އިތުރަށް ރަނގަޅުކުރެވި، ދިވެހިންނަށާއި ފަތުރުވެރިންނަށް ކަނެކްޓިވިޓީ އިތުރުކުރެވ،ި ފަސޭހަކަމާއެކު ދަތުރުތައް ހަމަޖެއްސޭނެ،" މޯލްޑިވިއަން އިން ނެރުނު ބަޔާނުގައި ބުންޏެވެ.
މޯލްޑިވިއަން އިން ބުނީ އޭޓީއާރް 42-600 އަކީ ޒަމާނީ ޓެކުނޮލޮޖީއާއެކު ފަރުމާކޮށްފައިވާ ބޯޓެއް ކަމަށެވެ.
"މީގެ އިތުރުނ،ް މި މަތިންދާބޯޓަކީ ޒަމާނީ ޓެކްނޮލޮޖީ ހިމެނޭ ވަސީލަތްތަކާއެކު އެންމެ މަތީ ފެންވަރުގެ ހިދުމަތް ފޯރުކޮށްދެވޭނެ ގޮތަށް ފަރުމާކުރެވިފައިވާ އުޅަނދެއް،" ބަޔާނުގައިވެ އެވެ.
އެ ބޯޓު ގެނެސް މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން މޯލްޑިވިއަންގެ މެނޭޖިން ޑައިރެކްޓަރު އިބްރާހިމް އިޔާސް ވިދާޅުވީ އަލަށް ގެނައި މަތިންދާބޯޓުގެ އެތެރޭގެ ހޫނުމިން ކޮންޓްރޯލް ކުރެވޭތީ އާއި އަޑުގަދަވުމުގެ މިންވަރު ވަރަށް ބޮޑަށް ދަށްވުމުން އަރާމުކޮށް ދަތުރުކުރެވޭނެ ކަމަށެވެ. އަދި މޯލްޑިވިއަންގެ ފްލީޓަށް އޭޓީއާރު 600-42ގެ ބޯޓެއް އިތުރުވުމަކީ ލިބޭ އުފަލެއް ކަމަށާއި، މިއީ ރާއްޖޭގެ ހުރިހާ ހިސާބެއްގައި އެ ކުންފުނިންދޭ ހިދުމަތާ މެދު އޮތް އިތުބާރު ރަނގަޅުވާނެ ކަމެއް ކަމަށް އުންމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މޯލްޑިވިއަންގެ ފްލީޓުގައި މިހާރު އޮތީ 25 މަތިންދާބޯޓެވެ. މީގެ ތެރޭގައި އޭޓީއާރުގެ ހަތަރު މަތިންދާބޯޓުގެ އިތުރުން އެއާބަސް އޭ320 މަތިންދާބޯޓަކާއި، ޑޭޝް-8 ސީރީޒްގެ ނުވަ އެއާކްރާފްޓާއި، 11 ޓްވިން އޮޓަ ސީޕްލޭން ހިމެނެއެވެ.
އެ ފްލީޓު ޒަމާނީ ކުރުމަށްޓަކައި އާ އޭޓީއާރު މަތިންދާބޯޓުތައް ގެންނަނީ ޑޭޝް-8 ސީރީޒްގެ ބޯޓުތަކުގެ ބަދަލުގައި ކަމަށް މޯލްޑިވިއަނުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ