މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑެނީ

ސްޓެލްކޯގެ 11،000 ވޮލްޓުގެ މައި ނެޓްވޯކްގެ ކޭބަލަށް ދިމާވި މައްސަލައަކާ ގުޅިގެން މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް ކެނޑެން ފަށައިފި އެވެ.
ސްޓެލްކޯ އިން ބުނީ މިއަދު ހަވީރުން ފެށިގެން ކަރަންޓު ކެނޑެން ފެށީ، ބޮޑުތަކުރުފާނު މަގުން، މައްޗަންގޮޅި އާއި މާފަންނު ހިމެނޭ ސަރަހައްދުގެ މަގުތައް ކޮނުމުގެ ތެރޭގައި 11،000 ވޮލްޓުގެ މައި ނެޓްވޯކްގެ ކޭބަލަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށެވެ.
މި މައްސަލަ ކުރިމަތިވެ، މިހާރު ވެސް މާލޭގެ ބައެއް ސަރަހައްދުތަކުގައި ކަރަންޓެއް ނެތެވެ.
ކަރަންޓު ކެނޑިފައިވާ ސަރަހައްދުތަކަށް ހަވީރު 5:00 އާއި 6:00 އާ ދެމެދު އަލުން ޚިދުމަތް ދޭން ފެށޭނެ ކަމަށް ލަފާކުރެވޭ ކަމަށް ސްޓެލްކޯ އިން ބުނެފައިވީ ނަމަވެސް އެކަން އަދި ހައްލެއް ނުވެ އެވެ. އަދި ހަވީރު ހައެއްގެ ފަހުން ވަނީ އިތުރު ސަރަހައްދުތަކުން ކަރަންޓު ކެނޑިފަ އެވެ.
"...އަދި މިރޭގެ ބައެއް ގަޑިތަކުގައި ލޯޑް ޝެޑް ކުރަން ޖެހިދާނެ ކަމުގެ ވާހަކަ ކަސްޓަމަރުންގެ މައުލޫމާތަށްޓަކައި ދެންނެވީމެވެ،" ކަރަންޓު ކުންފުނިން ނެރުނު ބަޔާނެއްގައި ވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ