މިހާރު އޮތް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް އިތުރު ހަތަރު ފަނޑިޔާރުން އައްޔަންކޮށް ޖުމްލަ އަދަދު ނުވައަކަށް ހަދަން އުޅޭ ކަމަށް އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.
އަލީ ޒާހިރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިތުރު ހަތަރު ފަނޑިޔާރުން އައްޔަންކޮށް ޖުމްލަ އަދަދު ނުވަ ފަނޑިޔާރުންނަށް އިތުރުކުރާނެ ކަމަށެވެ.
"ފަނޑިޔާރުންގެ ގާނޫނަށް ގެނައި އިސްލާހު ރަނގަޅު ކަމަށް ކަނޑައަޅައި، ކްރިމިނަލް ކޯޓުން ހުކުމް އިއްވާ ދެ ފަނޑިޔާރެއްގެ މަގާމު ގެއްލުވާލާ، އިތުރު ދެ ފަނޑިޔާރަކު ވަކިކޮށް އަނެއްކާ ވެސް ފަސް ފަނޑިޔާރުންނަށް ހަދާނެ" އަލީ ޒާހިރު ވިދާޅުވިއެވެ.
އަލީ ޒާހިރު ވިދާޅުވި ގޮތުގައި އެގޮތަށް ހަދަނީ ސްޕްރީމް ކޯޓަކީ ވެސް "ގޮނޑި ކޮއްކޮ އަކަށް" ހެދުމަށެވެ.
އަލީ ޒާހިރު ވިދާޅުވީ އެކަން ނިމޭ އިރު އުއްތަމަ ފަނޑިޔާރުގެ މަގާމުގައި ހުންނަވާނީ ސަރުކާރުގެ އިސް ސިޔާސީ މަގާމެއްގައި ހުރި ބޭފުޅަކު ކަމަށެވެ.
"މިހާރު ސުޕްރީމް ކޯޓުގައި ތިބި ތިން ފަނޑިޔާރުންނަށް އިބުރަތެއް ލިބޭނެ ނަމަ ކިތަންމެހާ ވެސް ރަނގަޅު, އޭގެއިތުރުން މުޅި ދުސްތޫރީ ނިޒާމު ފުނޑުފުނޑު ކުރާއިރު ފުލުހުންނާ ސިފައިން ތިބޭނީ ބަލަންތޯ" އަލީ ޒާހިރު ވިދާޅުވިއެވެ.
ސުޕްރީމް ކޯޓަށް އިތުރު ހަތަރު ފަނޑިޔާރުން އައްޔަން ކުރަން ރާވަމުންދާ ކަމަށް އަލީ ޒާހިރު ވިދާޅުވިއިރު ސުޕްރީމް ކޯޓަށް އިތުރު ހަތަރު ފަނޑިޔާރަކު އައްޔަން ކުރެވޭނީ ރައްޔިތުންގެ މަޖިލީހުން ކޯޓުތަކުގެ ޤާނޫނު އިސްލާހު ކޮށްގެންނެވެ. އެފަދަ އިސްލާހެއް އަދި އެއްވެސް ފަރާތަކުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިކަން އެނގިފައެއް ނުވެއެވެ.
ސުޕްރީމް ކޯޓަށް އިތުރު ހަތަރު ފަނޑިޔާރުން އައްޔަން ކުރަން ދަނީ ރާވަމުން - އަލީ ޒާހިރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ