މެމްބަރު ނަޝީދު ޔާމިނަށް ތާއިދު ކުރައްވަން ނިންމަވައިފި

ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ރިޔާސީ އިންތިޙާބުގެ ދެވަނަ ބުރުގައި ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަބުދުﷲ ޔާމިނަށް ތާއިދު ކުރައްވަން ނިންމަވައިފިއެވެ.
ދިޓީވީ މެދުވެރި ކުރަށްވާ ދެއްވި އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވީ ޔާމީންއަށް ތާއިދު ކުރަން ނިންމެވީ ޔާމީންގެ ވެރިކަމެއްގައި ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާވެ ހުރިހާ އެންމެން ގޮވައިގެން އުޅެވޭނެ ފަދަ ސަރުކާރެއް އުފެއްދޭނެ ކަމަށް އުންމީދު ކުރާތީ ކަމަށެވެ.
އަދި ޔާމީން އާއި އެކު ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކޮށްފައިވާތީ ޔާމީން ރަނގަޅަށް ދެނެވަޑައިގަންނަވާ ކަމަށާއި ޔާމީންއަށް ތާއިދު ކުރާ އެއް ސަބަބަކީ ނަޝީދުގެ ވެރިކަމުގެ ތަޖުރިބާ ރަނގަޅު ނުވުމުން ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
މިދަނޑިވަޅުގައި ވަކި ކެނޑިޑޭޓްއަކަށް ތާއިދު ކުރަން ނިންމެވީ މިވަގުތު ހަނު ހުންނެވުމަކީ އެންމެ ރަނގަަޅު ގޮތް ކަމުގައި ނުވާތީ ކަމަށް ވެސް ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ޔާމިނަށް ތާއީދު ކުރައްވާއިރު  ޔާމީން ވެރިކަމަށް ވަޑައިގެންފި ނަމަ ޔާމީންގެ ކިބައިން އެދިވަޑައިގަންނަވާ ކަންތައްތަކެއް ވެސް އެބަ ހުރި ކަމަށެވެ. އެގޮތުން ރާއްޖެ ބަލައިގެންފައިވާ ޑިމޮކްރެސީ ނަގަހައްޓައި ދަމަހައްޓަވައި ދެއްވުމަށް މަސައްކަތްކޮށްދެއްވުމާއި ޝަރުއީ ދާއިރާގައި ހުރި މައްސަލަތައް ހައްލުކޮށްދެއްވުމަށް މަސައްކަތްކޮށްދެއްވުމަށް އެދިވަދައިގަންނަވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ރާއްޖޭގައި ބޮޑެތި މައްސަލަތަކެއް އެބަހުރި ކަމަށާއި އެ މައްސަލަތައް ހައްލުކުރުމަށް އިންތިޙާބުގައި ވާދަކުރަށްވާ ދެ ބޭފުޅުންގެ ތެރެއިން އެންމެ ރަނގަޅު ބޭފުޅަކީ ޔާމީން ކަމަށެވެ.
ނަޝީދު ވިދާޅުވި ގޮތުގައި ރާއްޖޭގައި ހުރި އިޖުތިމާއީ އިގްތިސާދީ އަދި ޒުވާނުންނާ ގުޅުން ހުރި މައްސަލަތައް ހައްލު ކުރެވޭނީ ގުޅިގެން މަސައްކަތްކޮށްގެންނެވެ. ޔާމީން ވެރިކަމަށް ވަޑައިގެންފި ނަމަ އެކަންކަން، ގުޅިގެން ރަނގަޅު ކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ޔަގީން ކުރައްވާ ކަމަށް ވެސް ރައްޔިތުންގެ މަޖިލީހުގައި މިހާތަނަށް ވެސް މިނިވަން މެންބަރުންގެ ގޮތުގައި ތިއްބެވި މަދު މެންބަރުންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ ނަޝީދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ