ހުރިހާ ގެއަކަށް ހިލޭ އިންޓަނެޓުދޭ ވާހަކަ ވިދާޅުވެފައިނުވާނެ ކަމަށާއި ވައުދުވެވަޑައިގެންފައިވަނީ ދެއަހަރު ތެރޭގައި ރާއްޖޭގެ ހުރިހާ ގޭބިސީއަކަށް ހައި ސްޕީޑް ބްރޯޑްބޭންޑް އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދިނުމަށް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
"ދިވެހިރާއްޖޭގެ އަޑާއެކު ގާސިމް އިބްރާހިމް" މިނަމުގައި ރޭ ދިވެހިރާއްޖޭގެ އަޑުން ކުރިއަށް ގެންދިޔަ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ އިންޓަނެޓު ގޭގައި ބޭނުންކުރާއިރު އެ ހަރަދުވާ މިންވަރާއި ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ހަވާލުވެވަޑައިގަންނަވަނީ ނޫން ކަމަށާއި ޖުމްހޫރީ ޕާޓީން ބުނެފައިވަނީ އެ ފެސިލިޓީޒް ގާއިމުކުރާނެ ވާހަކަ ކަމަށެވެ.
އަދި އެމީހަކު އިންޓަނެޓު ބޭނުންކުރާ މިންވަރަކުން ފައިސާ ދައްކަވަން ޖެހޭނެ ކަމަށް ގާސިމް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ދަންނަވާފައި މިވަނީ އެ ފެސިލިޓީޒް ގާއިމުކުރާނެ ވާހަކަ، ދެން އެމީހަކު އެ ބޭނުންކުރާ ވަރަކުން ޕޭ ކުރަން ޖެހޭނެ ދެއްތޯ، އެއީ އެކަން އޮންނާނެ ގޮތަކީ، ފެސިލިޓީޒް ދޭނެ ވާހަކަ." މިހާތަނަށް ގިނަ އަދަދެއްގެ ވައުދުވެވަޑައިގެންފައިވާ ގާސިމް ރޭ ވިދާޅުވި އެވެ.
ގާސިމްގެ ވެރިކަމެއްގައިކުރާނެ ކަންތައްތަކުގެ މައްޗަށް ބައްލަވާއްލަވަމުން ގާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ރާއްޖޭގައި އިސްލާމީ ޝަރީއަތް ގާއިމު ކުރައްވާނެ ކަމަށާއި އިސްލާމީ ޝަރީއަތުގައިވާ ގޮތަށް ހުކުމްތައް ތަންފީޒު ކުރަން ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތަކާއި ގަވާއިދުތައް ވެސް ހައްދަވާނެ ކަމަށެވެ.
މި ޕްރޮގްރާމްގައި ގާސިމްގެ ވެރިކަމެއްގައި ޓުއަރިޒަމް ސިޔާސަތާއި މަސްވެރިކަމުގެ ސިނާއަތާއި، އެހެނިހެން ބައެއް ސިނާއަތްތަކުގެ އިތުރަށް ރާއްޖޭގެ ރަށްތަކަށްކޮށްދެއްވާނެ ކަންތައްތަކާއި ރާއްޖެ އަމާންކަންމަތީ ބޭއްވުމާއި ޝަރުއީ ދާއިރާ ވަރުގަދަކުރުމާއި ބެހޭ މައުލޫމާތުވެސް ގާސިމް ވަނީ ރައްޔިތުންނާއި ހިއްސާ ކުރައްވާފަ އެވެ.
ގާސިމް އިބްރާހިމް ޖުމްހޫރީ ޕާޓީގެ ފަރާތުން ރިޔާސީ އިންތިހާބަށް ނުކުންނަވާއިރު ރަނިންމޭޓް ކަނޑައެޅުމާއި ގުޅޭގޮތުން ޕްރެޒެންޓަރު ކުރި ސުވާލަށް ޖަވާބުދެއްވަމުން ގާސިމް ވިދާޅުވީ އެކަމަށް އަދި ލަސް ނުވާ ކަމަށާ ނަމަވެސް ކައިރި ދުވަސްތަކެއްގައި ރަނިން މޭޓަކު އިއުލާން ކުރައްވާނެ ކަމަށެވެ.
"ރަނިންމޭޓަކާއިމެދު ވިސްނަމުން މިދަނީ އަދި މީހަކު ފައިނަލެއް ނުކުރަން. ނުވެގެންނެއް ނުން އަދި ވަގުތު އޮތީމައި އެކަން މަޑުކޮށްލައިގެން ހުރީ. ދިވެހިބަހުގައިވެސް އޮވޭނޫންތޯ ފަހުން ކިޔާ މާލޫދު މޮޅުވާނެއޭ. އެހެންވީމަ ކޮންމެހެން އަވަސް އަރުވާލުމަކީ މާނައެއް ހުރިކަމެއް ނޫން." ގާސިމް ވިދާޅުވި އެވެ.
އެމްޑީޕީ ރިޔާސީ އިންތިހާބުގައި ބަލިކުރުމަށް މާބޮޑު ކޯލިޝަނެއް ބޭނުން ނުވާކަން ވެސް ރޭ ގާސިމް ވަނީ ހާމަކުރައްވާފައެވެ. ގާސިމް ވިދާޅުވީ އެއްވެސް ޕާޓީއަކާ ކޯލިޝަން ހަދަން އަދި ނުވިސްނަވާ ކަމަށެވެ.
“ގައުމާގެން ކުރިއަށް” ކޯލިޝަނުން ޢަދާލަތު ޕާޓީވަކިވެ ޖުމްހޫރީޕާޓީއާ ގުޅެން އުޅޭ އަޑު ފެތުރިފައިވާތީ އެކަމާ ބޭހޭގޮތުން ސުވާލު ދެންނެވުމުން ގާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީއަށް އަދި އެއްވެސް ހުށަހެޅުމެއް އެކަމާއި ބެހޭގޮތުން ހުށަހަޅާފައިނުވާ ކަމަށާއި އަދާލަތުން ކަންކުރާނެ ގޮތެއްވެސް އެނގިވަޑައި ނުގަންނަވާ ކަމަށެވެ.
ނަމަވެސް އަދާލަތުން ޖޭޕީއާއެކު ކޯލިޝަން ހަދަން ބޭނުން ކަމަށްވާނަމަ އެކަމާ ވާހަކަ ދެކެވި ދެފަރާތް އެއްބަސްވާ ގޮތެއްގެ މަތިން އެކަން ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
ހުރިހާ ގެއަކަށް ހިލޭ އިންޓަނެޓުދޭ ވާހަކަ ވިދާޅުވެފައިނުވާނެ ކަމަށް ގާސިމް ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ