ގާސިމް ކޮމިޓީއަށް ހާޒިރުކުރާނީ ބުދަ ދުވަހު: މުގައްރިރު

ފަނޑިޔާރަކާބެހޭ ގޮތުން ނެރެގެން އުޅެނީ \"ދޮގު ވީޑިއޯއެއް\" ކަމަށް ކެމްޕޭން ޖަލްސާއެއްގައި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވި މައްސަލަ ބެލުމަށް މިއަދު ބާއްވަން ހަމަޖެއްސި ބައްދަލުވުން ފަސްކޮށްފިއެވެ.
މިމައްސަލަ ބެލުމަށް މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީގެ ބައްދަލުވުން މިއަދު ބޭއްވުމަށް އިއްޔެ ހަމަޖެއްސުމަށް ފަހު ކެންސަލް ކޮށްފައިވާއިރު، ކޮމިޓީގެ މުގައްރިރު ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު މުހަންމަދު ނަޝީދު ވިދާޅުވީ ދެން އެބައްދަލުވުން އޮންނާނީ އަންނަ ހަފްތާގެ ބުދަ ދުވަހުކަމަށެވެ.
"އަޅުގަނޑުމެން ކޮމިޓީން ނިންމާފައި އޮންނާނީ ކޮމިޓީގެ ބައްދަލުވުންތައް އޮންނާނީ މަޖިލީހުގެ ރަސްމީ ޖަލްސާތައް އޮންނަ ދުވަސްތަކުގައި ކަމަށް. މިއަދު ކޮމިޓީގެ ޖަލްސާ ބާއްވަން ނިންމީ އިއްޔެ މަޖިލީހުގެ ޖަލްސާ ހިންގަމުންދަނިކޮށް. ނަމަވެސް ޖަލްސާ ނިންމާލިއިރު މަޖިލީހުގެ ރިޔާސަތުން އިއުލާން ކުރެއްވި ދެން ޖަލްސާއެއް އޮންނާނީ އަންނަ ބުދަ ދުވަހުކަމަށް. އެހެންވީމަ މިއަދު ބާއްވަން ހަމަޖެއްސި ކޮމިޓީ ދެން އޮންނާނީ އެދުވަހު،" ކޮމިޓީގެ މުގައްރިރު މުހަންމަދު ނަޝީދު ވިދާޅުވިއެވެ.
ސުޕްރީމް ކޯޓްގެ ފަނޑިޔާރު އަލީ ހަމީދު އަންހެނަކާއެކު ނަހަމަ ގޮތުގައި ޖިންސީ ގުޅުން ހިންގާ ކަމަށް ބުނާ ވީޑިއޯއެއްގެ މައްސަލަ ފުލުހުންނާއި ޖޭއެސްސީން ބަލަމުން ދަނިކޮށް، ގާސިމް އެގޮތަށް ވާހަކަ ދެއްކެވުމަކީ ގާސިމްގެ މުސްތަގިއްލުކަން ގެއްލި، އޭނާ ވަކި އަތަކަށް ޖެހިވަޑައިގެން ހުންނެވިކަން ސާބިތުވާކަމެއްކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހްމީ (އިންތި) ހުށަހެޅުއްވި މައްސަލާގައި ބުނެފައިވެއެވެ.
އިންތި ހުށަހެޅުއްވި މައްސަލާގައި އިތުރަށް ބުނެފައިވަނީ ޖޭއެސްސީގެ ގާނޫނުގެ 17 ވަނަ މާއްދާ އާއި އެ ކޮމިޝަންގެ ހިންގާ ގަވާއިދުގެ 24 ވަނަ މާއްދާއާ ހިލާފު ކަމެއް ކަމަށާއި އެއީ ޖޭއެސްސީގެ މިނިވަންކަމާއި، މުސްތަގިއްލުކަމާއި އިންސާފުވެރިކަން ވެސް ގެއްލިދާ ކަމެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ