މަސްތުވާތަކެއްޗާ ގުޅުން އޮތީ ޔާމީނެއް ނޫން، ނަޝީދުއާ: އުމަރު

މިހާރު މާލެއާއި ރާއްޖޭގައި ހިނގަމުންދާ މާރާމާރީ ތަކަކީ ވަރަށް ބޮޑެތި މައްސަލަތަކެއްގެ ތެރެއިން އުފެދިގެން ހިނގަމުންދާ ކަންތައްތަކެއް ކަމަށާއިި އެންމެބޮޑު މައްސަލައަކީ މަސްތުވާތަކެތީގެ މައްސަލަ ހައްލުނުވެ ދިގުލައިގެން ދިއުން ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ހޯމް މިނިސްޓަރު އުމަރު ނަސީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެމްޑީޕީގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބުދުﷲ ކުރެއްވި ސުވާލަށްފަހު މެންބަރުންނަށް އިތުރު ސުވާލުކުރުމަށް ހުޅުވާލި ފުރުސަތުގައި މެންބަރަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
މިއަދުގެ ޖަލްސާގައި އީވާ ހޯމް މިނިސްޓަރާއި ސުވާލު ކުރެއްވީ ޕީޕީއެމްގެ 2013 ވަނަ އަހަރުގެ ރިޔާސީ ޕްރައިމަރީގައި ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަކީ ދިވެހިރާއްޖޭގެ މަސްތުވާތަކެތީގެ ބޮޑުންނާއި ގާތްގުޅުމެއް އޮންނަ ބޭފުޅެއް ކަމަށް އުމަރު ވިދާޅުވުމާއި ގުޅިގެން އެކަން ތަހުގީގު ކޮށްފައިވޭތޯ ބެލުމަށެވެ.
މިއަދުގެ މަޖިލީހުގައި އީވާ ސުވާލުކުރެއްވުމުން މިނިސްޓަރު އުމަރުވަނީ އެކަމަކީ މިނިސްޓަރު ކަމާއި ހަވާލުވެވަޑައިގަތުމުގެ ކުރިން ދައްކާފައިވާ ވާހަކަތަކެއް ކަމަށް ވިދާޅުވެ އެ ސުވާލަށް ޖަވާބު ދެއްވުމަށް ދެކޮޅު ހައްދަވާފަ އެވެ. އުމަރު ވިދާޅުވީ އީވާގެ ސުވާލަކީ ވަޒީރުންނާ ސުވާލުކުރުމުގެ ގާނޫނުގެ ދަށުން ކުރެވޭނެ ސުވާލެއް ނޫން ކަމަށެވެ. އަދި އެއީ ގާނޫނާ އަސާސީއާ ހިލާފަށް ކުރެވޭ ސުވާލެއް ކަމަށް ވެސް ވިދާޅުވި އެވެ.
ނަމަވެސް މިސުވާލުގެ ޖަވާބުގައި އުމަރު ވިދާޅުވީ ރައީސް ޔާމީން އަކީ މަސްތުވާތަކެއްޗާއި ގުޅުމެއް ހުރި ބޭފުޅެއް ނޫން ކަމަށާއި އެހެންނަމަވެސް މަސްތުވާތަކެއް ގުޅުންހުރި މީހުންގެ މިގައުމުގެ ވެރިކަން ކޮށްފައިވާ ކަމަށެވެ.
"މިހާރު ކުޑަކަމުދާ ތަކެތި ޓެސްޓް ކުރިޔަސް ޕޮޒިޓިވް ވާނެ،" ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތުހުމަތުކުރައްވާ އުމަރު ވިދާޅުވި އެވެ.
އެމްޑީޕީގެ މެންބަރުން ކުރެއްވި ސުވާލުތަކަށް އަމާޒު ކުރައްވާ މިއަދުގެ ޖަލްސާގައި އުމަރު ވިދާޅުވީ އެމްޑީޕީގެ މެންބަރުން ސުވާލެއް ނުކުރައްވާ ކަމަށާއި ކުރައްވާ ކަމެއް ކުރައްވަނީ ޒާތީކޮށް ކަމަށެވެ.
އެމްޑީޕީގެ މެންބަރުންގެ ސުވާލު ތަކަށް ހޯމް މިނިސްޓަރު ޖަވާބު ދެއްވަމުން ގެންދެވި ގޮތާއި މެދު ހިތްހަމަޖެހިވަޑައިނުގެން ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އުމަރު ވިދާޅުވީ އެމްޑީޕީގެ މެންބަރުން ކޮންމެ މޭރުމަކުން ސުވާލު ކުރެއްވިޔަސް ޖަވާބު ދޭނެ ކަމަށެވެ. ނަމަވެސް އިދިކޮޅު އެމްޑީޕީގެ އެމްޑީޕީގެ މެންބަރުން ސުވާލުކުރައްވަނީ ޖެއްސުމަށް ކަމަށްވާތީ ޖަވާބު ވެސް ދެއްވާނީ އެ ބޭފުޅުން ސުވާލުކުރައްވާ މޭރުމުން ކަމުގައި އުމަރު ވިދާޅުވި އެވެ. އަދި ދުވާލަކު ދެފަހަރު މަޖިލީހަށް ގެނެސް ސުވާލު ކުރިއަސް އޭނާ ޖަވާބު ދެއްވާގޮތުން އެމްޑީޕީގެ މެމްބަރުންގެ އަނގަމަތީގައި މަލަން އެޅިގެން ދިއުން ނޫން ކަމެއް ނުވާނެ ކަމުގައި ވެސް އުމަރު ވިދާޅުވި އެވެ.
"އަޅުގަނޑު މި ޖަވާބު ދެނީ އެމްޑީޕީން ސުވާލުކުރާ ގޮތަށް. މިތަނުގައި ޕީޕީއެމްގެ މެންބަރުން ނޫނީ ސުވާލެއް ނުކުރޭ. އަޅުގަނޑު ވަޒީރު ކަމުގައި ހުރުމަކީ އެމްޑީޕީގެ ދަށުވެގެން ހުރުމެއް ނޫން. އެކަމެއް ނުވާނެ،" އެމްޑީޕީގެ މެންބަރުންގެ ސުވާލުތަކަށް ޖެއްސުމާއި ރުންކުރު ގޮތަކަށް ޖަވާބު ދެއްވަމުން އުމަރު ވިދާޅުވި އެވެ.
އުމަރު ވަޒީރު ކަމާއި ހަވާލުވުމުގެ ކުރިން ދެއްކެވި "ވަލެއްގެ" ވާހަކައަށް އިޝާރާތް ކުރައްވާ އެމްޑީޕީގެ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އުމަރު ވިދާޅުވީ އެވަލުގައި ރީދޫ ކުލަ ނޫން ހުރިހާ ކުލައެއް ވެސް ޖެހޭނެ ކަމަށެވެ.
ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ހިންގާފައިވާ ގާނޫނާ ހިލާފު އަމަލުތަކުގެ ތަހުގީގު ކުރިއަށްދާ ގޮތަކާއި ގުޅޭގޮތުން ޕީޕީއެމްގެ ތިނަދޫ ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ކުރެއްވި ސުވާލުގައި ޖަވާބުގައި އުމަރު ވިދާޅުވީ ކުރީގެ ސަރުކާރުން ހިންގާފައިވާ ކަންކަން ބަލައި ތަހުގީގުކޮށް އެކަންކަން ޝަރީއަތަށް ފޮނުވުމަށްވުރެއް ބޮޑަށް މިސަރުކާރުން މަސައްކަތް ކުރަނީ ރައްޔިތުންނަށް ހިދުމަތް ކުރުމަށް ކަމަށެެވެ. އަދި މިސަރުކާރުން ކަންކަން ކުރާ ގޮތުން ފެންނާނީ އޯގާތެރި ގޮތްތަކެއް ކަމަށް ވެސް ވިދާޅުވި އެވެ.
"މިސަރުކާރުން އެއްވެސް ކަމަކަށް ކުރިމަތިލާކަށް ޖަވާބު ދޭކަށް ޖެހިލުން ނުވާކަށް މިއިނގެނީ. އަޅުގަނޑުމެން އަތުގައި އެބަހުރި އެމްޑީޕީ ސަރުކާރުގެ ގިނަ މައްސަލަތައް އެބަހުރި. މިހާރު ވެސް މިތަނުން ބޭފުޅަކު ނިކުމެގެން އެދިޔައީ. އެބޭފުޅާގެ ޗެކް ބައުންސުވުމުގެ މައްސަލަތައް ވެސް އެބަހުރި،" އެމްޑީޕީއަށް ނިސްބަތްވާ މަޖިލީހުގެ ނައިބް ރައީސް މޫސާ މަނިކަށް އިޝާރާތް ކުރައްވާ އުމަރު ވިދާޅުވި އެވެ.
މިހާރު ހިންގަމުންދާ ހަމަނުޖެހުންތަކާ ގުޅޭގޮތުން މެންބަރުން ސުވާލުކުރެއްވުމުން އުމަރު ވިދާޅުވީ މިހާރު މިހިނގާ ހަމަނުޖެހުންތަކަކީ ބައެއް ބޮޑެތި މައްސަލަތަކުގެ ތެރެއިން ނިކުންނަ މައްސަލަތައް ކަމަށެވެ. އަދި މާރާމާރީތައް ނުހުއްޓެވޭ މައިގަނޑު ދެ ސަބަބަކީ ފުލުހުންނަށް އެކަށީގެންވާ ވަސީލަތްތައް ނެތުމާއި، މަސްތުވާތަކެއްޗަށް ހިތްވަރުދީ ބަޔަކު އަޑީގައި ތިބެގެން އެކަން ކުރުވުން ކަަމަށް ވެސް އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ އެމްޑީޕީގެ ވެރިކަން ނިމުމުން ފެބްރުއަރީ އަށެެއްގައި ފުލުހުންގެ ވަސީލަތްތައް އެމްޑީޕީން ނިކުމެ އަންދާލާފައިވާ ކަމަށާއި އެއީ 200 މިލިއަން ރުފިޔާގެ ގެއްލުން ކަމަށެވެ. އަދި އުމަރު ރައީސް ޔާމީނާ ގުޅޭގޮތުން ދެއްކެވި ވާހަކަފުޅު ތަކަށް އެއްވެސް ފަރާތެއްގެ ކިބައިން މައާފަށް އެދިވަޑައިގެންފިންތޯ އެމްޑީޕީގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހްމީ ސުވާލުކުރެއްވުމުން އުމަރު ވިދާޅުވީ އޭނާ އެއްވެސް ފަރާތެއްގެ ކިބައިން މައާފަށް އެދެން ޖެހިއްޖެނަމަ އެކަން ކުރައްވާނެ ކަމަށާއި އެއީ ޖެހިލުންވެވަޑައިގަންނަވާ ކަމެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި އެމްޑީޕީން މުޅި ގައުމަށް ދައުލަތަށް ދިން ގެއްލުމާއި ގުޅިގެން އެމްޑީޕީން ދިވެހި ރައްޔިތުންގެ ކިބައިން މައާފަށް އެދިވަޑައިގަތުމަށް އުމަރު ގޮވާލެއްވި އެވެ.
މިހާރު ހިނގަމުންދާ މާރާމާރީ ތަކަކީ ބަޔަކު އަޑީގައި ތިބެގެން ރޭވިގެން ހިނގާ ކަމެއް ކަމަަށް ވެދާނެ ކަމަށާއި އެހެންނަމަވެސް މިހާރުގެ މާރާމާރީ ތަކުގެ މައުލޫމާތު އާންމުކޮށް ހުޅުވާލެވިފައިވާ ފޯރަމެއްގައި ހިއްސާކުރައްވަން ދަތިފުޅުވާ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ހުރިހާ ކުށެއްގެ އަސްލަކީ މަސްތުވާތަކެތި ކަމަށާއި އެހެންކަމުން އެކަން ހުއްޓުވުމަށް މަސްތުވާތަކެތި ބޭނުންކުރާ މީހުން ރިހިބިލިޓޭޓް ކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަަށް ވެސް ވިދާޅުވި އެވެެ.
"އެހެންނަމަވެސް އަޅުގަނޑު ކުރިން ދެންނެވިހެން މިކަމަށް އެދެވޭ ހައްލެއް ގެނައުމަށް 15 ވަރަކަށް އަހަރު ނަގާނެ،" މަސްތުވާތަކެއްޗާ ދެކޮޅަށް އަބަދުވެސް ވަކާލާތު ކުރައްވާ އުމަރު ވިދާޅުވި އެވެ.
ހޯމް މިނިސްޓަރުގެ ބާރުތައް ހަނިކުރައްވާ ހޯމް މިނިސްޓްރީގެ މެންޑޭޓަށް ރައީސުލްޖުމްހޫރިއްޔާ ބަދަލުތަކެއް ގެނެސްފައިވާ ކަމަށް ދެކެވޭ ވާހަކަތަކަށް މިއަދު ފުރަތަމަ ފަހަރަށް އުމަރު ވަނީ އެއްބަސްވެވަޑައިގެންފަ އެވެ. އެގޮތުން ވިދާޅުވީ ރައީސް އަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ހޯމް މިނިސްޓްރީގެ މެންޑޭޓަށް ބަދަލުތަކެއް ގެނެސްފައިވާ ކަަމަށެވެ. އެގޮތުން ހޯމް މިނިސްޓަރު ފުލުހުންނަށް އަމުރުކޮށްގެން ތަހުގީގު ކުރުމުގެ ބާރު މިހާރު ނެތް ކަމަަށް ވިދާޅުވި އެވެ. ނަމަވެސް އުމަރުގެ ވަޒީރުކަމުގައި މިހާތަނަށް އެއްވެސް މައްސަލައެއް އައިސްފައިވާނަމަ އެމައްސަލައެއް ބަލަމުންދާ ކަމަށާއި އެއްވެސް މައްސަލައެއް ނުބަލާ ދޫކޮށްލާފައި ނުވާނެ ކަމުގައި ވެސް ވިދާޅުވި އެވެ.
މިއަދުގެ ޖަލްސާގައި އެމްޑީޕީގެ މެންބަރުން ކުރެއްވި ސުވާލު ތަކަށް އުމަރު ރުންކުރު ގޮތަކަށް ޖަވާބު ދެއްވުމާއި ގުޅިގެން އެމްޑީޕީގެ މެންބަރުން ހިތްހަމަނުޖެހުން ފާޅުކުރެއްވި ނަމަވެސް ޕީޕީއެމްގެ މެންބަރުން ވަނީ އުމަރަށް "އައްސަރިބަހާ ސާބަސް" ދަންނަވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ