އަމާޒަކީ ކަރަންޓް އުފައްދަން ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުން: އެނާޖީ

އިއާދަކުރަނިވި ހަކަތައިން ކަރަންޓް އުފެއްދުމަށް ކުރިއަށްގެންދާ އިންވެސްޓްމަންޓްގެ މަސައްކަތް ނިމުމުން، މިހާރު ރާއްޖެއިން ކަރަންޓް ބޭނުންކުރުމަށް ތެލަށް ބަރޯސާވެފައިވާ މިންވަރު މަދުކުރެވި، ހަކަތަ ބޭނުންކުރާ މިންވަރު އިތުރުވެގެންދާނެކަށް އެންވަޔަރުމަންޓް މިނިސްޓްރީން ބުނެފިއެވެ.
ސިންގަޕޫރުގަިއ ބޭއްވި މޯލްޑިވުސް އިންވެސްޓްމަންޓް ފޯރަމްގެ ހަވާސާގައި ވީ ނިއުސްއަށް މައުލޫމާތުދެއްވަމުން، އެނާޖީ މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލް އަހުމަދު އަލީ ވިދާޅުވީ އެމިނިސްޓްރީން ކުރިއަށްގެންދާ އިއާދަކުރަނިވި ހަކަތައިގެ ޕްރޮޖެކްޓްގެ ތެރެއިން ކުރިއަށް އޮތް ފަސްއަހަރު ނިމިގެންދާއިރު، ރާއްޖޭގައި 40 މެގަވޯޓުގެ ސޯލާ ހަކަތަ އުފައްދަން އަމާޒު ހިފާފައިވާކަމަށެވެ. އެގޮތުން އަންނަ އަހަރުގެ ތެރޭގައި މުޅި ރާއްޖޭގައި އަށް މެގަވޯޓުގެ ސޯލާ ހަކަތަ އުފައްދާނެ ކަމަށް އަހުމަދު އަލީ ވިދާޅުވިއެވެ.
"މި ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި ހަތަރު މެގަވޯޓް ސޯލާ ކަރަންޓް މާލެއާއި ހުޅުމާލޭގައި ޖަހާލެވޭނެ. އަދި ރާއްޖެތެރޭގެ ރަށްރަށަށް އަމާޒުކޮށްގެން އެރަށްރަށުގައި. އޭގެތެރެއިން ފަސް ރަށެއްގެ ނެޓްވޯކް ރަނގަޅުކުރެވި ޖަނަރޭޓާ ސެޓްތައް ރަނގަޅުކުރެވި ހަތަރު މެގަވޯޓްގެ ކަރަންޓް ނެގޭނެ ސޯލާ ޕެނަލް ރަށްރަށުގައި ވެސް ޖެހިގެންދާނެ." އަހުމަދު އަލީ ވިދާޅުވިއެވެ.
ވިދާޅުވީ މި މަސައްކަތް ނިމުމުން ރާއްޖޭގައި ކަރަންޓްގެ ބޭނުންކުރުމަށް ޑީސަލް ބޭނުންކުރާ މިންވަރު ވަރަށްބޮޑުތަނުން މަދުވެ، ޖައްވަން ބޭރުކުރާ ވިހަ ގޭސްތައް ވެސް މަދުވެގެންދާނެކަމަށެވެ. ސޯލާ ޕެނަލް ހަރުކޮށްގެން ކަރަންޓް އުފެއްދުމުގެ އިތުރަށް، ތަފާތު ގޮތްގޮތަށް ކަރަންޓް އުފެއްދުމުގެ މަސައްކަތް ކުރަމުންދާކަމަށާއި، އެގޮތުން ވައިން ކަރަންޓް އުފެއްދުމާއި ތަފާތު އިއާދަކުރަނިވި ހަކަތައިން ރާއްޖެއިން ލިބެންހުރި ހަކަތައިގެ ވަސީލަތްތަކުން ކަރަންޓް އުފެއްދުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ