މިސްރުގެ ނައިބު ރައީސް ކަމަށް ޖެނެރަލް އުމަރު ސުލައިމާން، ބޮޑުވަޒީރަކަށް އަހްމަދު ޝަފީޤު

ޤާހިރާ : މިސްރުގެ ރައީސް ޙުސްނީ މުބާރަކް، އެޤައުމުގެ ނައިބު ރައީސް ކަމުގެ މަޤާމަށް ޖާސޫސީ އިދާރާގެ ވެރިޔާ ޖެނެރަލް ޢުމަރުސުލައިމާން ޢައްޔަން ކުރައްވައިފިއެވެ. މުބާރަކްގެ ވެރިކަން ދިގުލައިގެން ދިޔަނަމަވެސް މިހާތަނަށް އޭނާ ނައިބު ރައިސަކު ޢައްޔަން ކުރައްވާފައެއް ނުވެއެވެ.
މިސްރުގެ ޤާނޫނު އަސާސީ ބުނާގޮތުން ރައީސް ކަމުގެ މަޤާމުގައި ހުންނަވާ ބޭފުޅަކު އިސްތިއުފާދެއްވައިފިނަމަ ނޫނީ ވެރިކަންނުކުރެވޭ ޙާލަތެއް އޭނާއަށް ކުރިމަތިވެއްޖެނަމަ ވަގުތީގޮތުން ރައީސް ކަމުގެ މަޤާމް އަދާކުރައްވާނީ ނައިބު ރައީސެވެ. އެހެންކަމުން މިއީ މިސްރުގެ ވެރިކަމުގެ ނިޒާމާ ދެކޮޅަށް މިހާރު ރައްޔިތުން ކުރަމުންގެންދާ މުޒާހަރާތަކާގުޅިގެން އޭނާގެ ވެރިކަމުގެ ނިޒާމަށް ކުރިމަތިވެދާނެ މައްސަލަތަކަށް ބައްލަވާފައި ދަސްތޫރީ ހުސްކަމެއް މިސްރަށް އަޔަނުދިނުމަށްޓަކައި މުބާރަކް އެޅުއްވި ފިޔަވަޅެއް ކަމަށް މުރާސިލުން ބުނެއެވެ.
ރައީސް ޙުސްނީ މުބާރަކްގެ ވެރިކަމާ ދެކޮޅަށް ރައްޔިތުން ކުރަމުންގެންދާ މުޒާހަރާ ތައް ހުއްޓުމެއްނެތި ކުރިޔަށްދާތީ މުބާރަކްވަނީ މިސްރުގެ ބޮޑުވަޒީރާއި ކެބިނެޓް އުވާލައްވާފައެވެ. އަދި ބޮޑުވަޒީރު ކަމުގެ މަޤާމަށް ސިވިލްއޭވިއޭޝަން މިނިސްޓަރ އަޙްމަދު ޝަފީޤު ޢައްޔަން ކުރައްވައި އާސަރުކާރެއް އެކުލަވާލުމުގެ މަސައްކަތްވަނީ ޝަފީޤާ ޙަވާލުކުރައްވާފައެވެ.
ނައިބު ރައީސްކަމަށް ޢައްޔަން ކުރެއްވި ޢުމަރު ސުލައިމާނަކީ އުމުރުން 75 އަހަރު ވެފައިވާ، ތަޖްރިބާކާރު އަދި މުބާރަކް ވަރަށް އިތުބާރު ކުރައްވާ ބޭފުޅެކެވެ. އޭނާއަކީ ރިޓަޔަރ ކުރައްވާފައިވާ ޢަސްކަރީ ޖެނެރަލެއްވެސް މެއެވެ. -- އަލްޖަޒީރާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ