ކުޑަކުދިންތަކަކާ ބަދުއަހުލާގީ އަމަލު ހިންގުމުގެ މައްސަލައެއްގައި ހިމެނޭ މީހަކު ދަށު ކޯޓުން ދޫކޮށްލާފައިވަނިކޮށް އަލުން ބަންދުކުރުމަށް ހައިކޯޓުން މިދިޔަ ބުރާސްފަތި ދުވަހު އަމުރު ކޮށްފި އެވެ.
ފުލުހުން ބުނީ 53 އަހަރުގެ އެ މީހާ އަކީ 2011 ވަނަ އަހަރުން ފެށިގެން އެކި ދުވަސްމަތިން ތަފާތު ތިން ކުއްޖަކާ ޖިންސީ އަމަލު ހިންގުމުގެ ކުށުގައި ހައްޔަރުކޮށްފައިވާ މީހެއް ކަމުގަ އެވެ.
މި މައްސަލަތަކާ ގުޅިގެން އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މިދިޔަ ޖުލައި 17 ވަނަ ދުވަހު އެވެ. އޭގެ ފަހުން ހަތަރު ފަހަރެއްގެ މަތިން އޭނާގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވެ އެވެ.
އޭނާ ދޫކޮށްލާފައިވަނީ ފަސްވަނަ ފަހަރަށް މުއްދަތު އިތުރު ކުރުމަށް ޏ. ފުވައްމުލައް މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިދިޔަ އޮގަސްޓް މަހުގެ 31 ވަނަ ދުވަހު އެވެ.
މި މައްސަލަ ފުލުހުން އިސްތިއުނާފު ކުރުމުން ހައިކޯޓުން ކޮށްފައިވާ ހުކުމުގައި ބުނެފައިވަނީ އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލާގައި، އޭނާ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސްދޭން ހުރި މީހަކަށް ނުފޫޒު ފޯރުވަފާނެކަމަށްޓަކައި، އަދި އޭނާގެ ކިބައިން މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށްޓަކައި އޭނާ މިމަހުގެ 11 ވަނަ ދުވަހުން ފެށިގެން 15 ދުވަހުގެ މުއްދަތަށް ހޯމް މިނިސްޓްރީން ކަނޑައަޅާތަނެއްގައި ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކުރާ ކަމަށެވެ.
ފުލުހުން ބުނީ މި މައްސަލަ ޏ. ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ ކަމުގަ އެވެ.
ކުޑަކުދިންތަކަކާ ބެހިގެން ދަށު ކޯޓުން ދޫކޮށްލި މީހާ ހައްޔަރުކުރަން ހައިކޯޓުން އަމުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ