ބައިޑެން އާއި ކަމަލާއަށް ރައީސް ޞާލިހު މަރުޙަބާ ދަންނަވައިފި

އެމެރިކާގެ އައު ރައީސް ޖޯ ބައިޑެން އާއި ނައިބު ރައީސާ ކަމަލާ ހެރިސްއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިހު މަރުޙަބާ ދަންނަވައިފިއެވެ.
އެމެރިކާގެ 46 ވަނަ ރައީސް ކަމުގެ ހުވާ ބައިޑެން ކުރައްވުމާ ގުޅިގެން ރައީސް ޞާލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އެމެރިކާއަކީ ރާއްޖެއަށް ވަރަށް ގާތް ގުޅުމެއް ބާއްވަމުން އަންނަ ގައުމެއް ކަމަށާއި އެގޮތުން އެމެރިކާއާއި ރާއްޖެއާއި ދެމެދު އޮތް ގުޅުން ރައީސް ބައިޑެންގެ ދައުރުގައި އިތުރަށް ފުޅާވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
މީގެ އިތުރުން ކުރިއަށް އޮތް ތަނުގައި ދެ ގައުމު ގުޅުން މިހާރަށްވުރެ ބަދަހިވާނެކަމަށް ގަބޫލުކުރައްވާކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.
މިދިޔަ އަހަރު އެމެރިކާގައި އޮތް އިންތިޚާބު ބޮޑު އަޣުލަބިއްޔަތަކުން ބައިޑެން ކާމިޔާބު ކުރެއްވިއިރު، އޭރުގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ވާދަކުރައްވައި އިލެކްޓޯރަލް ވޯޓުން ކުރި ހޯއްދަވައި، ބައިޑެން ވަނީ މިހާތަނަށް އެންމެ ގިނަ ވޯޓު ލިބިވަޑައިގެންނެވި ރިޔާސީ ކެނޑިޑޭޓްގެ ލަޤަބުވެސް ހޯއްދަވާފައެވެ.
އުމުރުފުޅުން 78 އަހަރުގެ ޖޯ ބައިޑެންއަކީ އެމެރިކާގެ ރައީސަކަށް މިހާތަނަށް އިންތިޚާބުވެ ވަޑައިގެންނެވި އެންމެ އުމުރުން ދުވަސްވީ ރައީސްވެސް މެއެވެ.
އިންޑިއާ-ޖެމެއިކާއަށް ނިސްބަތްވެ ވަޑައިގަންނަވާ ކަމަލާއަކީ އެމެރިކާގެ ފުރަތަމަ އަންހެން ނައިބު ރައީސްއަކަށް ވެވަޑައިގަތުމުގެ އިތުރުން، "މިކްސްޑް ރޭސް" އަކަށް ނިސްބަތްވެ ވަޑައިގަންނަވާ ފުރަތަމަ ނައިބް ރައީސް ވެސް މެއެވެ. ހަމައެއާއެކު، އުމުރުފުޅުން 55 އަހަރުގެ ކަމަލާއަކީ އެމެރިކާގެ ފުރަތަމަ ކަޅު ނަސްލުގެ ނައިބް ރައީސްއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ