ރާއްޖެއިން ތުރުކީއަށް އެކްސްޕޯޓް ކުރާ 214 އައިޓަމަކުން ޑިއުޓީ ފީ ކަނޑާލަދޭން ދިވެހި ސަރުކާރުން އެދިއްޖެ

ދިވެހިރާއްޖެއިން ތުރުކީއަށް އެކްސްޕޯޓް ކުރާ 214 އައިޓަމަކުން ޑިއުޓީ ފީ ކަނޑާލަދޭން ދިވެހި ސަރުކާރުން އެދިއްޖެ އެވެ.
ދިވެހި ސަރުކާރުން މިކަމަށް އެދިފައި ވަނީ ތުރުކީއާއެކު ރާއްޖެއިން ކުރިއަށް ގެންދާ ފްރީ ޓްރޭޑް އެރޭޖްމެންޓްގެ ދަށުން ހަދާފައިވާ އެއްބަސްވުންތަކާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް އިއްޔެ ބޭއްވި ބައްދަލުވުމެއްގަ އެވެ.
މި ބައްދަލުވުމުގައި މަޝްވަރާ ކުރެއްވި ކަންކަމާއި ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، ރާއްޖޭގެ އުފައްދާ މުދާ ތުރުކީއަށް އެތެރެކޮށް، ވިއްކުމުގައި ލުއި ފަސޭހަ ގޮތްތަކެއް ހޯދުމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ.
އެގޮތުން ރާއްޖެއިން ތުރުކީއަށް މުދާ އެކްސްޕޯޓް ކުރުމުގެ ނިޒާމް ފަސޭހަ ކުރުމަށާއި އެއްވެސް ޑިއުޓީ ފީއަކާ ނުލާ 214 ބާވަތެއްގެ މުދާ އެކްސްޕޯޓްކުރުމުގެ މަގު ފަހިކޮށްދިނުމަށް ރާއްޖެއިން އެދިފައިވާ ކަމަށް ސައީދް ވިދާޅުވިއެވެ. މި މަޝްވަރާ ބައްދަލުވުމުގައި ތުރުކީ އަދި ރާއްޖޭގެ އިކޮނޮމިކް ދާއިރާގެ އިސްބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ތުރުކީއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު ދެ ގައުމުގެ ދޭތެރޭ ވިޔަފާރީގެ ގުޅުން ވަރުގަދަ ކުރުމުގެ ގޮތުން މަސައްކަތްތަކެއް ކުރަމުންދާކަން ސައީދު ވަނީ މިދިޔަ މަހުގެ ތެރޭ ހާމަކުރައްވާފައެވެ. އެގޮތުން ކުރިއަށް ދަނީ ދެ ގައުމުން އެކަށައަޅާ ހާއްސަ ބައެއް މުދާ އެކުލެވޭ މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް (ފްރީ ޓްރޭޑް އެގްރީމެންޓް) އެކުލަވާލުމުގެ މަސައްކަތް ކަމަށް އޭނާ ވަނީ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ