50 މިލިއަން ރުފިޔާ ޚަރަދު ކޮށްގެން, 54 ގާބޭޖް ޓްރަކް ގަތުމަށް ވެމްކޯއިން ބޮޑު ކޮރަޕްޝަނެއް! ހުރިހާ މުއާމަލަތެއްވެސް ކުރަނީ ވެމްކޯގެ އެމްޑީ މުޖުތަބާ ޖަލީލްގެ އާއިލި ފަރާތެއްގެ ނަމުގައި ދުބާއީގައި އުފައްދާފައިވާ ކުންފުންޏެއް މެދުވެރިކޮށް!

މާލޭގެ ކުނި އުކުމުގެ މަސައްކަތް މެނޭޖް ކުރުމަށް އުފައްދާފައިވާ ދައުލަތުގެ ކުންފުނި ވެމްކޯއިން ގާބޭޖް ޓްރަކް (ކޮމްޕެކްޓަރ ވެހިކަލް) ގަތުމަށް ދުބާއީގައި, ވެމްކޯގެ މެނޭޖިން ޑިރެކްޓަރ މުޖުތަބާ ޖަލީލުގެ އާއިލީ ފަރާތެއްގެ ނަމުގައި އުފައްދާފައިވާ ކުންފުންޏެއް މެދުވެރިކޮށް ކުރިޔަށް ގެންދާކަމަށް “ދިޔަވަރު އޮންލައިން”އަށް މައުލޫމާތު ލިބިއްޖެއެވެ.
“ދިޔަވަރު އޮންލައިން”އާއި މައުލޫމާތު ޙިއްސާކުރި ވެމްކޯގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި މި ޕްރޮޖެކްޓުގެ ދަށުން ވެމްކޯއަށް 54 ގާބޭޖް ޓްރަކު ގަތުމަށް މިހާރު ވަނީ ހަމަޖައްސާފައެވެ. 54 ވެހިކަލް ވެމްކޯއަށް ގަތުމަށް ޕްރޮޕޯސަލް ހަދާ, މުޖުތަބާ ޖަލީލު ދައްކަވާފައިވާ ހުއްޖަތަކީ އެކުންފުނިން ރާއްޖޭގެ އެކި ރަށްތަކަށް ވެމްކޯގެ ޚިދުމަތްތައް ފުޅާކުރުންކަމަށް “ދިޔަވަރު އޮންލައިން”އާއި މައުލޫމާތު ޙިއްސާކުރި ވެމްކޯގެ އޮސް އޮފިޝަލު ވިދާޅުވެފައިވެއެވެ.
ރާއްޖޭގެ ރަށްތަކަށް ކުނި އުކުމުގެ ޚިދުމަތް ފުޅާކުރުމުގެ ނަމުގައި ވެމްކޯއަށް 54 ގާބޭޖް ޓްރަކް ގަތުމަށް މަސައްކަތް ކުރަމުންދާއިރު, ރާއްޖޭގެ ގިނަ ރަށްތަކަކީ އެރަށްތަކުގެ ކައުންސިލްތަކުން މިހާރުވެސް ކުނި އުކުމުގެ ޚިދުމަތް ފޯރުކޮށްދެމުންދާ ރަށްތަކެވެ. އެގޮތުން ދައުލަތުގެ މާލިއްޔަތުން ޚަރަދު ކޮށްގެން ގިނަ ރަށްތަކުގައި މިހާރުވެސް ކައުންސިލްތަކުން ވަނީ ކުނި މެނޭޖްކުރުމުގެ ވަސީލަތްތައް ގާއިމް ކޮށްފައެވެ.
އެހެންކަމުން ރަށްތަކަށް ވެމްކޯގެ ކުނިއުކުން ފުޅާކުރުމުގެ ނަމުގައި 54 ގާބޭޖް ޓްރަކް ވެމްކޯއަށް ގަންނަނީ ކޮރަޕްޝަންގެ އުސޫލުން މުޖުތަބާ ޖަލީލު ނާޖާއިޒު ގޮތުގައި މާލީ ބޮޑު މަންފާއެއް ހޯދުމުގެ ބޭނުމުގައިކަމަށް “ދިޔަވަރު އޮންލައިން”އާއި މައުލޫމާތު ޙިއްސާކުރި ވެމްކޯގެ އިސް އޮފިޝަލަކު ވިދާޅުވެފައި ވެއެވެ.
އޮފިޝަލް ވިދާޅުވީ ވެމްކޯއިން ގަތުމަށް ހަމަޖެހިފައިވާ 54 ވެހިކަލް ޖުމްލައަގަށް, ވެމްކޯގެ ޕްރޮޕޯސަލްގައި ވާގޮތުން 3.2 މިލިއަން ޑޮލަރު އަރައެވެ. ވެމްކޯއަށް ގަތުމަށް ހަމަޖައްސާފައިވަނީ 6 ސީބީއެމް (ކިއުބިކް މީޓަރ) ސައިޒްގެ ވެހިކަލްތަކެވެ. އޭގެ ވެހިކަލެއްގެ އަގު ވެކްމޯއިން ތައްޔާރު ކޮށްފައިވާ ޕްރޮޕޯސަލްގައިވާ ގޮތުން 60,0000 އެމެރިކާ ޑޮލަރަށް އަރާކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.
އެގޮތުން ދިވެހި ރުފިޔާއިން ބަލާކަމަށް ވާނަމަ, 54 ގާބޭޖް ޓްރަކް ގަތުމަށް 50 މިލިއަން ދިވެހި ރުފިޔާ ދައުލަތުގެ ބަޖެޓުން ޚަރަދު ކުރަން ޖެހޭނެއެވެ. އޮފިޝަލް ވިދާޅުވެފައިވަނީ ކޮންމެ ވެހިކަލެއް ކުއޯޓު ކޮށްފައިވަނީ އަސްލު އަގަށްވުރެ 15,000 ޑޮލަރު ބޮޑުކޮށް ކަމުގައެވެ. އެގޮތުން 54 ވެހިކަލްއަށް “ކޮމިޝަން”ގެ ގޮތުގައި 8 ލައްކަ އެމެރިކާ ޑޮލަރު މުޖުތަބާ ޖަލީލު ނަގާކަމަށް އޮފިޝަލް ވިދާޅުވިއެވެ. އެއީ ދިވެހި ރުފިޔާއިން ބަލާނަމަ 12.5 މިލިއަން ރުފިޔާއެވެ.
“ދިޔަވަރު އޮންލައިން”އަށް މައުލޫމާތު ދެމުން ވެމްކޯގެ އޮފިޝަލް ވިދާޅުވެފައިވަނީ, މި ވެހިކަލް ގަތުމަށް އެވާޑް ކުރުމަށް ހަމަޖެހިފައިވަނީ ދުބާއީގެ ކުންފުންޏަކަށް ކަމުގައެވެ. އެކުންފުންޏަކީ މުޖުތަބާ ޖަލީލްގެ ގާތް އާއިލީ މީހެއްގެ ނަމުގައި އުފައްދާފައިވާ ކުންފުންޏެއް ކަމަށާއި, މި ވެހިކަލް ގަތުމަށް ދިވެހި އެއްވެސް ކުންފުންޏެއް މެދުވެރިކުރަން މުޖުތަބާ ޖަލީލު ބޭނުން ނުވާކަމުގައެވެ.
އާއިލާ މީހެއްގެ ނަމުގައި ދުބާއީގައި އުފައްދާފައިވާ ކުންފުންޏަށް ދައުލަތުގެ ބަޖެޓުން ފައިސާ ދެއްކުމުން, މުޖުތަބާ ޖަލީލު ބޭނުންވާ “ކޮމިޝަން” ސިދާ އޭނާއަށް ލިބޭނެ ކަމުގެ ޔަގީންކަން އޮންނާނޭކަމަށްވެސް ވެމްކޯގެ އޮފިޝަލް ވިދާޅުވިއެވެ. އޮފިޝަލް ވިދާޅުވީ މި މުއާމަލާތުގައި ރަސްމީ މައުލޫމާތު ފިޔަވާ, އަމަލީ އެއްވެސް ކަމެއް މުޖުތަބާ ޖަލީ ވެމްކޯގެ ދެ ޑީއެމްޑީންގެ ތެރެއިން އެއްވެސް ބޭފުޅަކާ ހިއްސާ ކުރަމުންނެއް ނުދެއެވެ.
ވެމްކޯގެ އެމްޑީ ކުރިޔަށް ގެންދަވާ ކޮރަޕްޝަންގެ މި މުއާމަލާތުގެ ގިނަ ލިޔެކިޔުންތައްވެސް “ދިޔަވަރު އޮންލައިން”އަށް ވަނީ ލިބިފައެވެ.
މުޖުތަބާ ޖަލީލަކީ އޭނާ, ރައީސް ޔާމިންގެ ވެރިކަމުގައި އެންސްޕާގެ ސީއީއޯގެ މަގާމުގައި ހުރެ, އުސޫލުތަކާ ހިލާފަށް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)ގެ މަސައްކަތެއް ކުރުމަށް އަމިއްލަ ކުންފުންޏަކާ ހަވާލުކުރި މައްސަލައިގައި އޭނާގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އޭސީސީން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް, މައްސަލަ ފޮނުވާފައިވާ ފަރާތެކެވެ.
މިމައްސަލަ އޭސީސީން ޕީޖީއަށް ފީޖީއަށް ފޮނުވާފައިވަނީ 2022 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 22 ވަނަ ދުވަހުއެވެ. އެމައްސަލަ އަދިވެސް އޮތީ ޕީޖީގައެވެ.
ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށްފަހު ދައުލަތުގެ ކުންފުނިތަކުގެ އިސް މަގާމްތަކަށް އައްޔަން ކޮށްފައިވަނީ ވައްކަމުގެ ބޮޑެތި ތުހުމަތު އޮތް ފަރާތްތައްކަން ފާހަގަ ކޮށްލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ