'މަސްތުވާތަކެތީގެ ވިޔަފާރިވެރިން ކޯޓުން ދޫވިޔަ ނުދޭން މަސައްކަތް ކުރަންޖެހޭ'

މަސްތުވާތަކީގެ ވިޔަފާރި ކުރާ މީހުން ޝަރުއީ މަރުހަލާގައި، ސަލާމަތްވެގެން ދިޔުމަށް ހުރި މަގުތައް ބަންދުކުރަން މުޅި ދައުލަތް އެކީގައި މަސައްކަތް ކުރަންޖެހޭ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލުމަށް މިއަދު ދޫނިދޫގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން ހޯމް މިނިސްޓަރު ވިދާޅުވީ މަސްތުވާތަކެތީގެ ވިޔަފާރީގައި އިސްކޮށް އުޅޭ ފަރާތްތައް ސަލާމަތްވެގެން ދިޔުމަކީ މުޖުމަތަމައަށް އޮތް ވަރަށް ބޮޑު ބިރެއް ކަމަށެވެ.
އިމްރާން ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލައަށް ހައްލެއް ލިބޭނީ ފުލުހުން، މަސްތުވާތަކެތި ހޯދައި ތަހުގީގުކުރުމަށްފަހު ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އާ ހަވާލުކުރުމުން ޕީޖީގެ ތެރެއިން ރަނގަޅަށް މަސައްކަތް ކުރެވިގެން ކަމަށެވެ. އަދި ކޯޓުގެ ތެރެއިން އެފަދަ މައްސަލަތައް ރަނގަޅަށް ނިންމަންޖެހޭ ކަމަށާއި ނޫނީ އެކަމަށް ހައްލު ނުލިބޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
Articl Inline Image
ރާއްޖޭގައި ކުރާ ކުށްތަކުގެ ގާތްގަނޑަކަށް 70 އިންސައްތަ މައްސަލަތަކަކީ ކޮންމެވެސް ކަހަލަ މަސްތުވާތަކެއްޗަކާއި ގުޅުންހުރި މައްސަލަތަކެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ. އެގޮތުން ގޭންގު މާރާމާރީ ފަދަ ކަންކަންވެސް ގުޅެނީ މަސްތުވާތަކެއްޗާ ކަމަށް އިމްރާން ވިދާޅުވި އެވެ.
މީގެ އިތުރުން އިމްރާން ވިދާޅުވީ މަސްތުވާތަކެތީގެ ސަބަބުން ބޮޑު އަސަރެއް ކުރަނީ ޒުވާނުންނަށް ކަމަށްވާއިރު، އެ ފަރާތްތައް ރިހެބިލިޓޭޓްކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށެވެ.
މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން މުއްސަނދިކަން ހޯދާ ފަރާތްތަކާއި ދެކޮޅަށް މުޅި މުޖުތަމައު އެކީގައި ނިކުންނަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އެފަރާތްތަކުން މަސައްކަތް ކުރަނީ ޒުވާނުންނާއި އެމީހުންގެ އާއިލާތައް ބޭނުންކޮށްގެން ފައިދާ ނަގަން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ