ތިނަދޫ ކަރަންޓު މައްސަލައަށް ހަ މަސްތެރޭ ދާއިމީ ހައްލު ލިބޭނެ: ފެނަކަ

(ގދ. ތިނަދޫ): ގދ. ތިނަދޫއަށް ދިމާވާ ކަރަންޓު ކެނޑުމުގެ މައްސަލައަށް ދާއިމީ ހައްލެއް ކުރިއަސް އޮތް ހަ މަސް ތެރޭ ލިބިގެންދާނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ. ތިނަދޫގެ ކަރަންޓުގެ މައްސަލައާ ގުޅޭގޮތުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު "ސަން" އަށް ވިދާޅުވީ ތިނަދޫގެ ކަރަންޓަށް ދިމާވާ މައްސަލައަކީ މި ރަށުގެ އިންޖީނުގޭގައި އަލިފާން ރޯވުމުގެ ހާދިސާއަށްފަހު ގާއިމުކޮށްފައި ހުރި ވަގުތީ އިންޖީނުގޭގައި ހުރި އިންޖީނުތަކުން ކަރަންޓު ދިނުމުގައި ދިމާވި ޓެކްނިކަލް މައްސަލައެއް ކަމަށެވެ. ތިނަދޫ އަށް ކަރަންޓު ދޭން އިންޖީނުތައް ބަހައްޓާފައި ހުރި ތަން-- ސަން ފޮޓޯ "އިންޖީނު ކޮންޓްރޯލް މޮޑިޔުލްސްތަކެއް ފެއިލްވީ. ފެއިލްވީމާ އަޅުގަނޑުމެން އެ ރިޕްލޭސް ކުރަން ފެށި މަސައްކަތް ނާކާމިޔާބުވީ. ނާކަމިޔާބުވާން ދިމާވި މައިގަނޑު މައްސަލައަކީ އެ ނިޒާމު ގާއިމްކޮށްފައި ހުރީ ވަރަށް ދެރަކޮށް. އެހެން ނަމަވެސް އިރާދަކުރެއްވިއްޔާ މިހާރު މަސައްކަތް މި ދާ ސްޕީޑަށް ބަލާފައި މާދަމާގެ ވަގުތެއްގައި ތިނަދޫއަށް އަނެއްކާވެސް ދާއިމީ ރަނގަޅު ހަރުދަނާ ނިޒާމެއްގެ ތެރެއިން ކަރަންޓު ދެވޭނެކަމުގެ ޔަގީން ކަން އަޅުގަނޑުމެންނަށް އެބައޮތް،" ސައީދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިވަގުތު އެ މަސައްކަތް ކުރިއަށްދާ ކަމަށާއި ބައެއް ޓްރާންސްފޯމަރުތައް މިއަދު އިރުއޮއްސޭއިރު މި ރަށަށް އަންނާނެ ކަމަށެވެ. "އިތުރު ޖެން ސެޓެއް މާލެއިން މާދަމާގެ ވަގުތެއްގައި އަންނާނެ ކަމަށް މި ބަލަނީ،" ސައީދު ވިދާޅުވިއެވެ. ތިނަދޫ އަށް ކަރަންޓު ދޭން އިންޖީނުތައް ބަހައްޓާފައި ހުރި ތަން-- ސަން ފޮޓޯ ތިނަދޫގައި މިވަގުތު ކަރަންޓު ދޭން ބޭނުންކުރާ އިންޖީނުތައް ބަހައްޓާފައި ހުރީ ޓިނުން ހަދާފައިވާ ތަނެއްގައެވެ. ވަގުތީގޮތުން އެތަނަށް ގެންނަޖެހޭ ބަދަލުތައް ގެނެސް، އިތުރަށް ބަހައްޓަންޖެހޭ ސިންކްރޮނައިޒިން ޕެނަލްތައް ބެހެއްޓުމުގެ މަސައްކަތް ފަށައިގެން މިހާރު ކުރިއަށް އެބަދެއެވެ. ތިނަދޫއަށް ކަރަންޓު ދިނުމަށް މިވަގުތު ފަސް މެގަވޮޓުގެ އިންސްޓޯލްޑް ކެޕޭސިޓީ އެބަހުއްޓެވެ. ނަމަވެސް އިންޖީނުތައް ބެހެއްޓިފައި ހުރިގޮތުން އިންޖީނުތަކުން ނެގެނީ އޭގެ ދެބައިކުޅަ އެއްބައި ކަރަންޓެވެ. "މާނައަކީ އެއް މެގަވޮޓް ޖެންސެޓަކުން މި ނެގެނީ 400 ކިލޯވޮޓް ނޫނީ 500 ކިލޯވޮޓް. މިއީ ގޮންޖެހުމެއް. މި ހުރިހާ ގޮންޖެހުމަކުން އަރައިގަނެވޭނީ އަޅުގަނޑުމެން އަލަށް އިމާރާތްކުރާ އިންޖީނުގޭގެ މަސައްކަތް ނިމި ނެޓްވޯކަށް ގެންނަންޖެހޭ ބަދަލުތައް ގެނެވިގެން،" ސައީދު ވިދާޅުވިއެވެ. ކުރިއަށް އޮތް ހަ މަސް ތެރޭ އެ މަސައްކަތް ނިންމާލެވޭނެ ކަމަށް ސައީދު ވިދާޅުވިއެވެ. ތިނަދޫ އަށް ކަރަންޓު ދޭން އިންޖީނުތައް ބަހައްޓާފައި ހުރި ތަން-- ސަން ފޮޓޯ ސައީދު ވިދާޅުވ މި ހަފްތާ ތެރޭގައި ތިނަދޫއިން ކަރަންޓު ކެނޑުމުގެ ސަބަބުން މުޅި ހުވަދުއަތޮޅުގެ ރައްޔިތުންނަށް ބޮޑު ދައްޗަކާ ކުރިމަތިވި ކަމަށެވެ. އެގޮތުން ތިނަދޫއަކީ މުޅި ހުވަދުއަތޮޅުގެ ރައްޔިތުން ގިނަ ހިދުމަތްތަކެއް ހޯދަން އަންނަ ރަށަކަށް ވެފައި، ކަރަންޓު ކެނޑުމުގެ ސަބަބުން ބޮޑެތި ދަތިތައް ކުރިމަތިވި ކަމަށެވެ. ސައީދު ވަނީ ތިނަދޫ ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް ޝުކުރު އަދާކުރައްވައިފައެވެ. "އަޅުގަނޑުމެންނަށް ދިމާވި ދައްޗަކީ އެކަން ކޮށްފައި ހުރި ގޮތުން ކުރަން ނުޖެހޭ އެތައް މައްސަކަތެއްކޮށް ވަގުތު ބޭކާރު ކުރަން ޖެހުން. އެކަމަކު ބަލި ފެނުމުން އެކަމަށް ފަރުވާ ދިނުމަށް ކުރަންޖެހޭ ކަންތައް ކުރަމުން މިދަނީ،" ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިންގް ޑިރެކްޓަރު ވިދާޅުވިއެވެ. ތިނަދޫ ފެނަކަ އޮފީސް -- ސަން ފޮޓޯ "މިހާރު އަނެންހެން ބުނަންޏާ މިރަށުގައި ނެތް އިންޖީނުގެއެއް. އިންޖީނުތައް ހުރީ މަގުމަތީގައި ބަހައްޓާފައި. ކޮންމެ އިންޖީނަކީ ވަކި އިންޖީނެއް. އެ އިންޖީނަކުން އެ ދެވުނު ސަރަހައްދަކަށް [ކަރަންޓު] ދޭންވީ. އެއީ ވަރަށް ދެރަވަރުކޮށް ކޮށްފައި ހުރި ކަމެއް. އިރާދަކުރެއްވިއްޔާ އެކަމުން އަރައިގަނެވެން ކުރެވެން ހުރި ހުރިހާ ކަމެއް އަޅުގަނޑުމެން ކުރާނަން،" ސަައީދު ވިދާޅުވިއެވެ. މި ހަފްތާގެެ އާދިއްތަ ވިލޭރޭ ތިނަދޫއިން ކަރަންޓު ކެނޑުމަށްފަހު މުޅި ރަށަށް ކަަރަންޓު ދިނުމުގައި ދެ ދުވަސް ހޭދަވިއިރު އަދިވެސް ލޯޑު ބޮޑުވާ ވަގުތުތަކުގައި އެކި ސަރަހައްދުތަކުން ދަނީ ކަރަންޓު ކަނޑަމުންނެވެ. ގާތްގަނޑަކަށް 7،000 މީހުންގެ އާބާދީއެއް އޮންްނަ ތިނަދޫގެ ރައްޔިތުންގެ އެންމެ ބޮޑު އެއް އުއްމީދަކީ ރަށުގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ