މުހިއްމު ލިޔުމެއް ނެތުމުގެ ސަބަބުން ކުރިމިނަލް ކޯޓާއި ހައިކޯޓުން ބޭރުކޮށްލި ޖިންސީ ގޯނާގެ މައްސަލައެއް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރަން ނިންމައިފިއެވެ.
މި މައްސަލައަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތަކަށް ޖިންސީ ގޯނާކުރި ކަމުގައި ތުހުމަތުވާ މައްސަލައެކެވެ. މި މައްސަލަ ހައިކޯޓާއި ކުރިމިނަލް ކޯޓުން ބޭރުކޮށްލާފައިވަނީ އެ މައްސަލާގައި ހިމެނޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތަކީ ސިކުނޑީގެ މައްސަލައެއް ހުންނަ ފަރާތެއްކަން ސާބިތުކުރުމަށް ސަރުކާރު ޤަބޫލުކުރާ މުއައްސަސާއަކުން ހޯދާފައިވާ ލިޔުމެއް ހުށަނާޅައިގެންނެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުން އަމަލުކުރުމާ ބެހޭ ޤާނޫނުގެ ދަށުން ބުއްދީގެ ތަސައްރުފު ނުފެދޭ ފަރާތެއް އުމުރުން 18 އަހަރު ފުރުނަސް ބަލާނީ ކުޑަކުއްޖަކަށް ބަލާ އުޞޫލުންނެވެ.
ދައުލަތުން ކުރިމިނަލް ކޯޓުގެ ނިންމުން އިސްތިއުނާފުކުރުމުން ހައިކޯޓުންވަނީ ކުރިމިނަލް ކޯޓުގެ ނިންމުން ރަނގަޅުކަމަށް ކަނޑައަޅާފައެވެ. އެއީ އެ މައްސަލާގައި ހިމެނޭ ފަރާތަކީ ނަފްސާނީ ބައްޔެއް ހުރި ބުއްދި އުނި ފަރާތެއްކަން ސާބިތުވާނެ ލިޔުމެއް ހުށަހެޅި ނަމަވެސް އެ ލިޔުމަކީ ސަރުކާރުން ބަލައިގަންނަ ތަނަކުން ހޯދި ލިޔުމެއްކަން ސާބިތުކުރަން ލިޔުމެއް ހުށަހަޅާފައި ނެތުމުން ކަމަށް ހައިކޯޓުން ބުންޏެވެ.
އެ މައްސަލާގައި ހައިކޯޓުން ނިންމި ނިންމުމާމެދު ހިތްޕުޅު ހަމަޖެހިވަޑައިނުގެން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ ކަމުގައި ޕްރޮސެކިއުޓާ ޖެނެރަލް ޙުސައިން ޝަމީމު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވެއެވެ. ހުށަހެޅި ލިޔުމާމެދު ދެބަސްވުމެއް އެބައޮތް ކަމުގައި އޭނާ ވިދާޅުވިއެވެ.
އަދި މިފަދަ މައްސަލަތަކަށް ނިޒާމުގެ ތެރެއިން ޙައްލު ހޯދޭނެ ކަމުގައާއި، ސާބިތުކަމާއެކު ގޮތް ދޫނުކުރައްވައި ވަޑައިގަންނަވާނީ އިންޞާފު ޤާއިމުކުރުމުގެ މަސައްކަތުގައި ކުރިއަށް ކަމުގައިވެސް ޝަމީމު ވިދާޅުވިއެވެ.
ލިޔުމެއް ނެތިގެން ބޭރުކޮށްލި ޖިންސީ ގޯނާގެ މައްސަލައެއް ސުޕްރީމް ކޯޓަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ