ޑިސެމްބަރ 23 ގެ ބޮޑު މުޒާހަރާގައި ހުރިހާ ދިވެހި ރައްޔިތުން ބައިވެރިވުމަށް ޤާސިމް އިލްތިމާސް ކުރައްވައިފި

ޤާސިމް އިބްރާހީމް - ފޮޓޯ : ރައީސް އޮފީސްއިސްލާމްދީން ޙިމާޔަތްކުރުމަށް ގޮވާލައި މިމަހު 23 ވަނަ ދުވަހު ބާއްވާ ބޮޑު މުޒާހަރާގައި ހުރިހާ ދިވެހި ރައްޔިތުން ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމް އިލްތިމާސް ކުރައްވައިފިއެވެ.ޖުމްހޫރީ ޕާޓީން އިންތިޒާމުކޮށްގެން އދ. ދަނގެތީގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ޤާސިމް ވިދާޅުވީ މަދަނީ އިއްތިހާދުން އިންތިޒާމުކުރާ މި މުޒާހަރާއަކީ ކޮންމެ ދިވެހި ރައްޔިތަކުވެސް ބައިވެރިވުން މުހިންމު މުޒާހަރާއެއް ކަމަށެވެ.ޤާސިމް ވިދާޅުވީ ރާއްޖޭ އިސް މަޤާމުތަކުގައި ތިއްބެވި ކޮންމެ ބޭފުޅަކީވެސް މާތްﷲ ގަންދީ ހުވައެއް ކުރައްވައިގެން ތިއްބެވި ބޭފުޅުން ކަމަށެވެ. އަދި ވިދާޅުވީ ކޮންމެ ބޭފުޅަކު ވެސް މަސައްކަތް ކުރައްވަން ވިސްނަވަން ވާނީ އިސްލާމީ ހުދޫދުގެ ތެރެއިން އަދި ޤާނޫނީ އިމުގެތެރެއިން ކަމަށެވެ. ނަމަވެސް، އެއާ ޚިލާފަށް މިއަދު ފެންނަމުން ދަނީ އިސްލާމީ އަޤީދާ ބަލިކަށިކޮށް ފުނޑުފުނޑުކޮށްލަން އުޅޭ މަންޒަރު ކަމަށެވެ.“އަޅުގަނޑުމެންނަށް މިއަދު މިފެންނަނީ ރާއްޖޭގެ ކަންކޮޅުތަކުގައި ތަފާތު ކަންކަންކޮށް އަޅުގަނޑުމެންގެ ދީނީ އަޤީދާ ބަލިކަށިކުރަން މަސައްކަތްކުރެވެމުންދާތަން” ޤާސިމް ވިދާޅުވި އެވެ.ޤާސިމް ވިދާޅުވީ އިސްލާމްދީނާއި ޤާނޫނު އަސާސީގެ ބޭރުން އެއްވެސްކަމެއް ކުރުމުގެ ފުރުޞަތު މިރާއްޖޭގައި އެ ފުރުޞަތު އެއްވެސް މީހަކަށް ދީގެން ނުވާނެ ކަމަށެވެ. އަދި ގޮތަކަށް އަމަލުކުރަން ބޭނުންނަމަ އެމީހަކަށް ޖެހޭނީ އެމީހަކު ހުރި މަޤާމުން އިސްޠިއުފާ ދިނުމަށް ކަމަށް ޤާސިމް ވިދާޅުވިއެވެ.ޤާސިމް ވިދާޅުވީ ކޮންމެ މީހަކުވެސް މަސައްކަތްކުރަންޖެހޭނީ އިސްލާމްދީނާއި ޤައުމަށްޓަކައި އެމީހަކަށް ކުރެވުނު އެންމެ ރަނގަޅަކަށް ކަންކަން ކުރަން ކަމަށެވެ. އެހެން ނަމަވެސް، މިހާރުގެ ސަރުކާރަކީ އެކަން ހަޖަމުކުރެވޭ ސަރުކާރެއް ނޫން ކަމުގައި ޤާސިމް ސިފަކުރެއްވިއެވެ.މިހާރުގެ ސަރުކާރުގެ ފުރަތަމަ ހޯމް މިނިސްޓަރު ކަމުގެ މަޤާމުގައި  ދުވަސްކޮޅަކު މަސައްކަތްކުރެއްވުމަށް ފަހު ޤާސިމް ވަނީ އަމިއްލަ އަށް އެމަޤާމުން އިސްތިއުފާ ދެއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ