އެމްއެމްޕީއާރުސީން ވަގަށް ނެގި ފައިސާތައް ހުރި ތަނެއް އެނގިވަޑައިނުގަންނަވާ ކަމަށާއި އެ ފައިސާތައް ހުރި ތަން، އިދިކޮޅު ފަރާތްތަކަސް އެނގިވަޑައިގަންނަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީން ވިދާޅުވީ އެ ގެއްލުނު ފައިސާތައް ހޯދުމަށް މަސައްކަތް ކުރައްވަން ޖެހޭ ކަމަށެވެ.
"އަޅުގަނޑުމެން މަސައްކަތްކޮށްފީމު، އަޅުގަނޑުމެންނަށް އެނގޭ މި ފައިސާ ގެއްލިފައިވެއްޖެ ކަން. ފައިސާ ހުރި ތަން އަޅުގަނޑުމެންނަށް ނޭނގެނީ،" ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް މީގެ ކުރިން ވަނީ އެމްއެމްޕީއާރުސީގެ ވައްކަމުގެ ފައިސާއާ ބެހޭ ގޮތުން ގިނަ ވާހަކަފުޅުތަކެއް ދައްކަވާފައެވެ. ނަމަވެސް އެފައިސާތައް ވީ ތަނެއްގެ ވާހަކަ ދެއްކެވި މިއީ ފުރަތަމަ ފަހަރެވެ. އެގޮތުން ރައީސް ވިދާޅުވީ އެ ފައިސާތައް ވީތަނެއް އިދިކޮޅު ފަރާތްތަކަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.
އިދިކޮޅު ފަރާތްތަކުން އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ އެމްޑީޕީގެ ތިން އަހަރު ދުވަހުގެ ވެރިކަމުގައި އެކި ވުޒާރާތަކުން ގެއްލުނު 1.5 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދުން ކަމަށް ރައީސް ވިދާޅުވިއެވެ.
އެމްއެމްޕީއާރުސީން ވަގަށް ނެގި ފައިސާތައް ހުރިތަނަކުން ހޯދައި ދެއްވާނެ ކަމަށް ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މީގެކުރިން ވިދާޅުވެފައެވެ.
ނ. މަނަދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި އިބޫ ވިދާޅުވީ އެ މަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ ދުވަހު އެމްއެމްޕީއާރުސީގެ ވައްކަމުގެ މައްސަލައިގެ ތަހްގީގު ފައްޓަވާނެ ކަމަށެވެ. އެގޮތުން އެ ހިޔާނާތުގައި ބައިވެރިވި ހުރިހާ ފަރާތްތަކުން ޖަވާބު ދާރީކުރުވާނެ ކަމަށް ވިދާޅުވެ އިބޫ ވަނީ އޮޑިޓަރ ޖެނެރަލް އާއި އޭސީސީގެ މެމްބަރުންނަށް ވަރުގަދަ އިންޒާރެއްވެސް ދެއްވާފައެވެ.
އެމްއެމްޕީއާރުސީ ފައިސާ ހުރިތަނެއް ނޭނގޭ، އިދިކޮޅު މީހުންނަށް އެނގޭނެ - ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ