ކަރަންޓު ކެނޑި ރަތަފަންދޫގެ މުވައްސަސާތަކާއި ސްކޫލު ބަންދު

ގދ. ރަތަފަންދޫ އިންޖީނުގޭގެ ޖަނަރޭޓަރަކަށް މައްސަލަ ދިމާވެ މުޅި ރަށުން ކަރަންޓު ކެނޑިފައިވާ ކަމަށް އެރަށު ކައުންސިލުގެ ރައީސް ހުނައިފް އަސްލަމް ވިދާޅުވެއްޖެއެވެ.
ޕެނަލް ބޯޑެއް ގޮވައި މީގެކުރިން ވެސް މައްސަލަތައް ދިމާވެފައިވާ ރަތަފަންދޫ އިންޖީނު ގޭގެ ޖަނަރޭޓަރަކަށް މައްސަލަ ދިމާވެގެން މުޅި ރަށުން ކަރަންޓު ކަނޑާލާފައިވަނީ މިއަދު ހެނދުނު 10:00 ހާއިރު ކަމަށް ހުނައިފް ވިދާޅުވިއެވެ.
"އިންޖީނަކަށް މައްސަލަ ދިމާވެގެން ކަރަންޓު ކަނޑާލާ ވާހަކަ ގޮވި މިއަދު ހެނދުނު 9:40 ހާއިރު. އެކަމަކު އަދިވެސް ކަރަންޓެއް ނާދޭ. ދެން އިންޖީނު މަރާމާތު ކުރާ ސާމާނު ބަލާ މަޑަވެއްޔަށް ވެސް ދިޔައީ މުޅި ރަށުން ކަރަންޓު ކަނޑާލާފަ. ނޭނގެ ކަރަންޓު ލިބޭނެ އިރެއް،" ވީއެފްޕީއާ ވާހަކަ ދައްކަވަމުން ހުނައިފް ވިދާޅުވިއެވެ.
އާބާދީގައި 500 އެއްހާ މީހުން ދިރިއުޅެމުން އަންނަ ރަތަފަންދޫ އިންޖީނުގެއަކީ ފެނަކަ ކޯޕަރޭޝަން އިން ހިންގަމުން އަންނަ އިންޖީނުގެއެކެވެ. ދޭތެރެ ދޭތެރެއިން ކަރަންޓުގެ މައްސަލަތައް ކުރިމަތިވާ ރަތަފަންދޫ ރައްޔިތުންނަށް އެކަމުގެ ސަބަބުން ބޮޑެތި ދަތިތަކާއި ކުރިމަތިވަމުން އަންނަކަމަށް ވެސް ހުނައިފް ވިދާޅުވިއެވެ.
"ވަރަށް ގިނައިން ކަރަންޓުގެ މައްސަލަތައް ކުރިމަތިވޭ. މިއަދު ހުރިހާ މުވައްސަސާތަކެއް ވެސް ބަންދުކޮށްފައި. ސްކޫލުގެ ކިޔެވުން ވެސް ނެތް. ކަރަންޓު ނެތިގެން ކުދިންތައް ގެއަށް ފޮނުވާލައިފި."
ރަތަފަންދޫއަށް ދިމާވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް އެރަށަށް ވަނީ މީގެ ފަސް ވަރަކަށް މަސްކުރިން އާ ޕެނަލް ބޯޑެއް ވެސް ގެންގޮސްފައެވެ. އެހެންނަމަވެސް މިހާތަނަށް އެޕެނަލް ބޯޑު ހަރުކޮށްފައިނުވާ ކަމަށް ހުނައިފް ވިދާޅުވިއެވެ.
"ޕެނަލް ބޯޑު ހަލާކުވި ފަހަރު ވެސް މިރަށުން އެއްލައްކަ ފަންސާސް ހާސްއާ ގާތް ކުރާ ވަރުގެ ބޮޑު ގެއްލުމެއް ރައްޔިތުންގެ މުދަލަށް ލިބުން. މިފަހަރުވެސް މިހާ ގިނަ އިރު ވަންޏާ ފްރިޖުގަ ހުންނަ ތަކެއްޗަށް ވެސް ގެއްލުންވާނެ." ހުނައިފް ވިދާޅުވިއެވެ.
އަސާސީ ހިދުމަތްތަކުން ރައްޔިތުން މަހްރޫމްވުމުން ގިނަ ކަންބޮޑުވުންތަކެއް ހުރިކަން ފާހަގަކޮށް ހުނައިފް ވިދާޅުވީ އެރަށަށް ދިމާވާ ކަރަންޓުގެ މައްސަލައަށް ހައްލެއް ލިބޭނެ ދުވަހެއް ވަރަށް ބޮޑަށް ދެކެން ބޭނުންވާ ކަމަށެވެ.
ރަތަފަންދޫއަށް ކަރަންޓު ފޯރުކޮށްދެމުން އަންނަނީ ތިން ޖަނަރޭޓަރު ބޭނުންކޮށްގެންނެވެ. އެއީ 120 ކިލޯވޮޓްގެ ޖަނަރޭޓަރަކާއި 84 ކިލޯވޮޓްގެ ޖަނަރޭޓަރެއްގެ އިތުރުން 160 ކިލޯވޮޓްގެ ޖަނަރޭޓަރެކެވެ. ރޭގަނޑު އެރަށަށް ކަރަންޓު ފޯރުކޮށްދެމުންދަނީ 120 ކިލޯވޮޓާއި 84 ކިލޯވޮޓްގެ ޖަނަރޭޓަރު ބޭނުންކޮށްގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ