މެލޭޝިއާގެ ވެރިކަން ކުރާ ޕާޓީގެ އަހަރީ އާންމު ޖަލްސާގެ ޝަރަފްވެރި މެހްމާނަކަށް މައުމޫން

މެލޭޝިއާގެ ވެރިކަން ކުރާ ޕާޓީ ޔުނައިޓެޑް މެލޭސް ނެޝަނަލް އޮގަނައިޒޭޝަން (ޔޫއެމްއެންއޯ) އިން ބާއްވާ އަހަރީ އާންމު ޖަލްސާގެ ޝަރަފްވެރި މެހްމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވުމުގެ ދައުވަތު ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމްއަށް ލިބިވަޑައިގަތުމާއި ގުޅިގެން އެ ދައުވަތު ގަބޫލުފުޅުކުރައްވައިފިއެވެ.
ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލް ވިދާޅުވީ ރައީސް މައުމޫން ދައުވަތު ލިބިފައިވަނީ މެލޭޝިއާގެ ވެރިކަން ކުރާ ޕާޓީގެ އަހަރީ އާންމު ޖަލްސާގައި އާއި އިންޓަނޭޝަނަލް ފޯރަމެއްގައި ބައިވެރިވުމުގެ ފުރުސަތު ކަމަށާއި ފޯރަމްގައި ރައީސް މައުމޫން ބައިވެރިވެވަޑައިގަންނަވާނީ ޕެނަލިސްޓެއްގެ ހައިސިއްޔަތުން ކަމަށެވެ.
މެލޭޝިއާގެ ވެރިކަން ކުރާ ޕާޓީން ބާއްވާ އަހަރީ އާންމު ޖަލްސާ އާއި ފޯރަމް އޮންނާނީ އަންނަ މަހުގެ 24 އިން 27 އަށް މެލޭޝިއާގެ ވެރިރަށް ކުއަލަލަމްޕޫރުގައިއެވެ.
"މިފަދަ މުހިންމު ފަންޝަނަކަށް ރައީސް މައުމޫނަށް ދައުވަތު ދެއްވިކަމީ އަޅުގަނޑުމެން ވަރަށް ބަލައިގަންނަ ކަމެއް، މީގެން އެބަ ދޭހަކޮށްދޭ ޕީޕީއެމްއަކީ މުހިންމު ޕާޓީއެއްގެ ގޮތުގައި އޭޝިއާ ރީޖަންގައި، އޭޝިއާ ރީޖަންގައި ޕީޕީއެމް ބަލައިގަންނަ ކަމުގެ ސާބިތު އެއް ހެކި މިއީ." ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވިއެވެ.
ތޮލާލް ވިދާޅުވީ މިދެ ހަފްލާގައި ބައިވެރިވެވަޑައިގެންނެވުމުގެ ފުރުސަތު ރައީސް މައުމޫންއަށް ލިބިވަޑައިގެންފައިވަނީ، ރާއްޖޭގެ ވެރިކަމުގައި ހުންނެވިއިރު ކުރެއްވި މަސައްކަތްޕުޅުތައް ބަލައިގަނެ، އެކަން ކަން އަގު ވަޒަން ކުރައްވާތީ ކަމަށެވެ.
މީގެއިތުރުން ޕީޕީއެމްގެ ރައީސްކަމުގައި ހުންނަވައިގެން ވެސް ރައީސް މައުމޫން ވަރަށް ބޮޑެތި ހިދުމަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށާއި މިލިބުނު ފުރުސަތަކީ މިކަންކަމުގެ ސަބަބުން ލިބުނު ފުރުސަތެއް ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް ތޮލާލް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ