ރިޔާސީ އިންތިހާބު އަންނަ ސެޕްޓެމްބަރު ހަތެއްގައި ބާއްވަނީ

މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބު އަންނަ ސެޕްޓެމްބަރު މަހުގެ ހަތްވަނަ ދުވަހު ބާއްވާ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުވާދު ތައުފީޤު ވިދާޅުވީ، މިއަހަރު ބޭއްވުމަށް ކަނޑައެޅިފައިވާ ރިޔާސީ އިންތިޚާބު އަންނަ ސެޕްޓެމްބަރު މަހުގެ ހަތް ވަނަ ދުވަހު ބޭއްވުމަށް ކޮމިޝަނުން ނިންމާފައިވާއިރު އެކަމަށް ވާންޖެހޭ ތައްޔާރީތައް ކޮމިޝަނުން ވަމުންގެންދާ ކަމަށެވެ.
އޭނާ ވިދާޅުވީ ކޮމިޝަނުން ކުރިން ނިންމާފައި ވަނީ އަންނަ އޮގަސްޓް މަހުގެ 31 ނުވަތަ ސެޕްޓެމްބަރު މަހުގެ ފުރަތަމަ ހަފްތާއިން ދުވަހެއްގައި ބޭއްވުމަށް ކަމަށާއި އެހެން ނަމަވެސް ޤާނޫނުގައި ކަނޑައަޅާފައިވާ މުހުލަތުތައް ހަމަކޮށް އެންމެ އަވަހަށްވެސް ރިޔާސީ އިންތިޚާބު ބޭއްވެން އަންނަނީ އަންނަ ސެޕްޓެމްބަރު މަހުގެ ހަތްވަނަ ދުވަހު ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ ދެވަނަ ބުރަކަށް ދާން ޖެހިއްޖެ ނަމަ އިންތިހާބުގެ ދެ ވަނަ ބުރު 28 ސެޕްޓަމްބަރުގައި ބޭއްވުމަށް ވެސް ނިންމާފައިވާ ކަމަށެވެ.
ކޮމިޝަނުން މިކަން ހާމަކޮށްފައިމިވަނީ ރިޔާސީ އިންތިޚާބު ބާއްވާ ތާރީޚު ވީހާ ވެސް އަވަހަކަށް އިއުލާންކުރެއްވުމަށް ރައީސް ޑރ.ވަހީދު ގޮވާލައްވާފައިވަނިކޮށެވެ.
ރިޔާސީ އިންތިހާބު ކައިރިވަމުން އަންނައިރު ބައެއް ބޭފުޅުން މިހާރު ދަނީ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާންކުރައްވާ ކެމްޕެއިންތައްކޮށް ވައުދުތައް ވަމުންނެވެ.
އެގޮތުން އެންމެ ފުރަތަމަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަން އިއުލާންކުރައްވާފައިވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާޙިމް އެވެ. ދެވަނައަށް އިންތިހާބުގައި ވާދަކުރައްވާނެ ކަން އިއުލާންކުރީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.
އޭގެ އިތުރުން ޕީޕީއެމްއިން ވެސް ވަނީ ރިޔާސީ ކެންޑިޑޭޓަކު ނެރޭނެކަމަށް ބުނެފައެވެ. އަދާލަތު ޕާޓީން ރިޔާސީ އިންތިހާބުގައި ވާދަކުރުމާއި މެދު އަދި ގޮތެއް ނުނިންމި ނަމަވެސް އެޕާޓީން ދަނީ މެނިފެސްޓޯއެއް އެކުލަވާލުމުގެ މަސައްކަތްކުރަމުންނެވެ.
ގައުމީ އިއްތިހާދު ޕާޓީގެ އިސް ބައެއް ބޭފުޅުން ވިދާޅުވަނީ އެޕާޓީގެ ޓިކެޓުގައި ރައީސް ޑރ.ވަހީދު ރިޔާސީ ރޭހަށް ނިކުންނަވާނެ ކަމަށެވެ. މޯލްޑިވސް ޑިވެލޮޕްމަންޓް އެލައަންސް (އެމްޑީއޭ) އިން ރިޔާސީ އިންތިހާބުގައި ވާދަކުރާނެކަން އިއުލާން ނުކުރި ނަމަވެސް އެޕާޓީން ވެސް ދަނީ ވައުދުތަކެއް ވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ