މަގުބޫލު ޕާޓީއަކަށް ހެދުމަށް އަދިވެސް ބުރަ މަސައްކަތްތަކެއް ކުރަން ޖެހޭ - މައުމޫން

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަކީ ރައްޔިތުންގެ މެދުގައި މަގުބޫލު ޕާޓީއަކަށް ހެދުމަށް އަދިވެސް ބުރަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ކުރީގެ ރައީސް އަދި އެޕާޓީގެ ދާއީމީ ރައީސް ކަމަށް އިންތިހާބަކާއި ނުލާ ހޮވިވަޑައިގަތް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ ކޮންގްރެސްގައި އެޕާޓީގެ ގިނަ މަގާމުތަކަށް މެންބަރުން އިންތިހާބުކުރުމަށްފަހު މިރޭ މަންދޫބުންނަށް ބޭއްވި ކެއުމުގެ ހަފްލާގައި ވާހަކަފުޅުދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ޕީޕީއެމަކީ ކުރިއަރަމުން އަންނަ ރައްޔިތުންގެ ތާއީދު ބޮޑު ޕާޓީއެއް ކަމަށާއި ޕީޕީއެމް ހަރުދަނާކޮށް ކުރިއެރުވުމަށް މަސައްކަތް ކުރާ އެ ޕާޓީގެ މެމްބަރުންނަށް ޝުކުރުއަދާކުރައްވާ ކަމަށެވެ.
ޕީޕީއެމްގެ ކޮންގްރެސްގައި އެ ޕާޓީގެ އެކި މަގާމްތަކަށް ވާދަކުރި ކެންޑިޑޭޓުންގެ ތެރެއިން ނާކާމިޔާބީއާ ކުރިމަތިލާން ޖެހުމަކީ ކުރިމަތިވި ގޮންޖެހުމެއް ކަމަށް ގަބޫލުނުކުރުމަށާއި ކޮންގްރެސްގައި މަގާމަކަށް އިންތިހާބު ނުވި ނަމަވެސް އެކަމާ ހިތާމަ ނުކުރުމަށް މައުމޫން ވަނީ އެދިވަޑައިގެންފައެވެ.
ގައުމަށް ހިދުމަތް ކުރުމުގެ ފުރުސަތު އަދިވެސް ލިބޭނެ ކަމަށާއި ޕާޓީއަށާއި ގައުމަށް ހިދުމަތްކުރުމުގެ ފުރުސަތު މުސްތަގުބަލްގައި ހުޅުވިގެންދާނޭ ކަމަށް ގަބޫލުފުޅުކުރައްވާ ކަމަށް ވެސް އިންތިހާބުގައި ބަލިވި ފަރާތްތަކަށް ހިތްވަރުދެއްވާ ރައީސް މައުމޫން ވިދާޅުވި އެވެ.
އަދި ކޮންގްރެސްގައި ވާދަވެރި ކެމްޕޭނަކަށް ފަހު ކާމިޔާބު ހޯދި ފަރާތްތަކާއި ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު ފަރާތްތަކަށް ވެސް މައުމޫން ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.
ކޮންގްރެސް އަށް ރަށްރަށުން އައި ގިނަ އަދަދެއްގެ މަންދޫބުންނާއި ޕާޓީގެ އިސް ފަރާތްތައް ބައިވެރިވެވަޑައިގެންނެވި ކެއުމުގެ ހަފްލާގައި ޕްރައިމަރީގައި ވާދަކުރައްވާނެ ކަން އިއުލާންކުރައްވާފައިވާ ޔަގީން ޓީމްގެ މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން އަބްލްގައްޔޫމް ބައިވެރިވެވަޑައިގެންނެވި ނަމަވެސް ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާންކުރައްވާފައިވާ އުމަރު ޓީމްގައި ހިމެނިވަޑައިގަންނަވާ އުމަރު ނަސީރު ބައިވެރިވެވަޑައިގެންފައެއް ނުވެ އެވެ. އެކަމަކު ޓީމް އުމަރުގެ އެހެން ބައިވެރިން އެތަނުގައި ތިއްބެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ