އެކުވެރިވެ އެއްބައިވަންތަވުމަށް ގާސިމް ރާއްޖޭގެ ރައްޔިތުންނަށް ގޮވާލައްވައިފި

ދިވެހި ޤައުމު ބައިބައިވެފައިވާ މިދަނޑިވަޅުގައި ހުރިހާ ރައްޔިތުންގެ ގުޅިގެން ޤައުމު ބިނާކުރުމަށް އަޒުމު ކަނޑައެޅުމަށާއި ރައްޔިތުން އެކުވެރިވެ އެއްބައިވަންތަވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމަގިލީ ދާއިރާގެ މެންބަރ ޤާސިމް އިބްރާހިމް ގޮވާލައްވައިފި އެވެ.
މިއަހަރުގެ ޤައުމީ ދުވަހާ ގުޅިގެން ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވި ޤައުމީ ދުވަހުގެ ތަހުނިޔާ މެސެޖުގައި ގާސިމް ވިދާޅުވީ ޤައުމު ބައިބައިވެފައިވާ މި ނާޒުކު ވަގުތުގައި ޤައުމުގެ ކުރިއެރުމަށްޓަކައި ހުރިހާރައްޔިތުން ގުޅިގެން މަސައްކަތް ކުރުމަކީ މުހިންމު ކަމެއްކަމަށެވެ.
ޤައުމެއް ކުރިއަރާނީ އަދި ޤައުމެއް ތަރައްޤީވެގެންދާނީ އެޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ އެކުވެރިކަމާއި އެއްބައިވަންތަކަމުގެ މައްޗަށްކަމަށް ވިދާޅުވެ ޤާސިމް އިބްރާހިމް ވަނީ ޤައުމީ ދުވަހު ހުރިހާ ރައްޔިތުންގެ އެންމެ ބޮޑު އަޒުމަކަށް ހަދަންވީ އެކުވެރިވެ އެއްބައިވަންތަކަން އާލާކުރުންކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
ޤާސިމް އިބްރާހިމްގެ މެސެޖުގައި ވިދާޅުވެފައިވަނީ ރާއްޖޭގެ ތަރައްޤީއާއި ޤައުމުގެ ކުރިއެރުމަށް އޭނާ އަބަދުވެސް އެދިވަޑައިގަންނަވާކަމަށާއި އޭނާގެ މުޅި ހަޔާތުގައިވެސް ވެވަޑައިގެންނެވި މިންވަރަކުން އަބަދުވެސް މަސައްކަތްކުރެއްވެވީ ޤައުމު ބިނާކުރެއްވުމަށް ކަމަށެވެ. އަދި ރައްޔިތުންގެ އުފާގަތި ކަމަށާއި ރައްޔިތުންގެ ކުރިއެރުމަށްޓަކައި ކަމަށާއި މާތްﷲ ވާގިފުޅާއިއެކު އަބަދުވެސް ދެމިހުންނަވާނީ ހަމަ އެގޮތުގައި ކަމަށެވެ.
ދިވެހިންނަކީ އެކުވެރިކަމާއި އެއްބައިވަންތަކުގެ ލާމަސީލު މިސާލު ރައްޔިތެއްކަން މީގެ ކުރިންވެސް ދައްކަމުން އައި ފަޚުރުވެރި ބައެއް ކަމަށާއި ޤައުމީ ދުވަހުގެ ބަތަލުންގެ އަގުހުރި ޒިކުރާއިން ފިލާވަޅު ލިބިގަނެ ޤައުމު ބިނާކުރުމުގެ މަސައްކަތް ފެށުމަށް ގާސިމް ވަނީ ހުރިހާ ރައްޔިތުންނަށް ގޮވާލައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ