އިންޓަ މިއާމީން ބެނާޑޯ ސިލްވާ އަށް ޝައުގުވެރިވެއްޖެ އިންޓަ މިއާމީން ބެނާޑޯ ސިލްވާ އަށް ޝައުގުވެރިވެއްޖެ

މިއާމީ، ޔުނައިޓެޑް ސްޓޭޓްސް (މާޗް 13) - ލިއޮނަލް މެސީގެ ކެޕްޓަންކަމުގައި ކުޅެމުން އަންނަ އެމެރިކާގެ ކްލަބް، އިންޓަ މިއާމީން މެންޗެސްޓާ ސިޓީގެ ޕޯޗުގީސް ތަރި، ބެނާޑޯ ސިލްވާގެ ސޮއިހޯދަން ޝައުގުވެރިކަން ފާޅުކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އުމުރުން 31 އަހަރުގެ ބެނާޑޯ ސިލްވާ ވަނީ މި ސީޒަނަށް ފަހު، ސިޓީއާ އެކު އޭނާ ހަދާފައި އޮތް ކޮންޓްރެކްޓް ހަމަވުމުން އެ ކްލަބް ދޫކޮށްލާނެކަން އިއުލާނުކޮށްފަ އެވެ. އެ ގޮތުން، ކުރިން ބެންފީކާ އާއި މޮނާކޯ އަށް ކުޅުނު ބެނާޑޯ ސިލްވާ، ސިޓީ ދޫކޮށްލަން މި ނިންމީ ނުވަ އަހަރު އެ ޓީމަށް ކުޅެދިނުމަށް ފަހު އެވެ.
ބެނާޑޯ ސިލްވާގެ ސޮއި ހޯދަން އޭނާގެ ކުރީގެ ކްލަބް ބެންފީކާގެ އިތުރުން ތުރުކީގެ ގަލަތަސަރާއި އާއި އިޓަލީގެ ޔުވެންޓަސް އިން ވެސް ޝައުގުވެރިކަން ފާޅުކޮށްފައިވާއިރު، އެ ރޭހަށް ވަންނަން އިންޓަ މިއާމީން ވެސް މި ވަނީ ނިންމައިފަ އެވެ.
އެކަމަކު، ބެނާޑޯ ސިލްވާ އަށް މި ވަގުތު ސިޓީގައި ލިބެމުން އަންނަ 8-10 މިލިއަން ޑޮލަރުގެ މުސާރައާ އެއްވަރުގެ ކޮންޓްރެކްޓެއް ދިނުމާ މެދު، ގަލަތަސަރާއި އާއި ބެންފީކާ އިން ވަނީ ދެ ވަނަ ވިސްނުމަކަށް ދާން ނިންމާފައި ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަދި، ޔުވެންޓަސް އިން އެ ކްލަބްގެ މާލީ ކަންކަމަށް ބަލާފައި، އޮފާއާ މެދު ވިސްނާނެ ކަމަށް ވެސް މީޑިއާތަކުން އަންނަނީ ރިޕޯޓްކުރަމުންނެވެ.
އިންޓަ މިއާމީން ވަރަށް ބޮޑަށް ޓީމު އިތުރަށް ރަނގަޅުކުރަން ބޭނުންވާއިރު، ބެނާޑޯ ސިލްވާ އަކީ އެ ޓީމުގެ ސިސްޓަމާ ގުޅޭ ކުޅުންތެރިއެއް ކަމަށް އެ ކްލަބްގެ ޓެކްނިކަލް ޓީމުން ވަނީ ނިންމައިފަ އެވެ.
ސިޓީން 2017 ވަނަ އަހަރު ބެނާޑޯ ސިލްވާގެ ސޮއި ހޯދީ މޮނާކޯ އަށް 55 މިލިއަން ޑޮލަރުގެ ފީއެއް ދައްކައިފަ އެވެ. ސިޓީ އަށް މިހާތަނަށް ކުޅެދިން 446 މެޗުން 75 ލަނޑު ޖަހައި، 77 ލަނޑު ޖަހަން ވަނީ ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ