އިންތިގާލީ ބާބުގެ ޑްރާފްޓް މާދަމާ މަޖިލީހަށް ފޮނުވަން ގާސިމް އަންގަވައިފި

އިންތިގާލީ ބާބު ޑްރާފްޓުކޮށް ނިންމައި، ބުރާސްފަތި ދުވަހު މަޖިލީހަށް ފޮނުވުމަށް ދިރާސާކޮށް ޑްރާފްޓްކުރާ ކޮމިޓީ އަށް ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް އަންގަވައިފި އެވެ.
މިދިޔަ ހޯމަ ދުވަހު ޑްރާފްޓް ކޮމިޓީގެ މެމްބަރުންނަށް ގާސިމް ފޮނުއްވި ސިޓީއެއްގައި، މާޗް މަހުގެ 13 ވަނަ ދުވަހު )މާދަމާ(ގެ 00: 14 ގެ ކުރިން އިންތިގާލީ ބާބުގެ ޑްރާފްޓް ފޮނުއްވައިދެއްވުމަށް އެދިވަޑައިގެންފައި ވެ އެވެ. އެ ޑްރާފްޓް މާދަމާ ފޮނުވައިފި ނަމަ މި މަހުގެ 19 ގައި ނުރަސްމީ ބައްދަލުވުން ބާއްވާނެ ކަމަށް ވެސް އެ ސިޓީގައި ވިދާޅުވެފައި އެވެ.
ޑްރާފްޓު ކޮމިޓީގެ މުގައްރިރު، މާލޭ މެމްބަރު އިބްރާހީމް އިސްމާއީލް )އިބުރާ( މިއަދު ވިދާޅުވީ "މާދަމާގެ ނިޔަލަށް އިންތިގާލީ ބާބުގެ ޑްރާފްޓް ނިންމައި މަޖިލީހަށް ނުފޮނުވޭނެ" ކަމަށެވެ.
"ޕްރޮފެސަރު ޝުމައިޒާ ބަދަލުތައް ގެނެސްފި. ނަމަވެސް މިހާރު ޑްރާފްޓް ޕެނަލެއް ނެތުމުން އެ މަސައްކަތް ނުނިންމިގެން މިއުޅެނީ. ޑީއާރުޕީން ޕެނަލްގެ މެމްބަރުން ނިކަމެތިވާ ގޮތަށް ވާހަކަ ދެއްކުމުން ތިން މެމްބަރަކު މިހާރު ނުނިކުންނަވައިފި،" އިބުރާ ވިދާޅުވި އެވެ. "ޑްރާފްޓް ކޮމެޓީގެ ބައްދަލުވުމެއް މާދަމާ ބޭއްވޭތޯ އެބަ މަސައްކަތް އެބަކުރަން."
އިންތިގާލީ ބާބުގެ ޑްރާފްޓް ނުލިބުނަސް، މި މަހުގެ 23 ވަނަ ދުވަހު މަޖިލީހުގެ ޖަލްސާތައް އަލުން ފަށާނެ ކަމަށް ވެސް ގާސިމް ފޮނުއްވި ސިޓީގައި ވެ އެވެ.
"އިންތިގާލީ ކަންތައްތަކާ ބެހޭ ބާބުގެ ޑްރާފްޓެއް ނުލިބިއްޖެ ނަމަ ޑްރާފްޓެއް ނުލިބުނީ ކަމަށް ބަލައި 23 ވަނަ ދުވަހު ޖަލްސާއެއް ބޭއްވުމަށް އަޅުގަނޑު ހަމަޖައްސައިފީމެވެ. އެ ދުވަހުގެ ޖަލްސާ، އެ ދުވަހުގެ ހެނދުނާއި މެންދުރު ފަހާއި ރޭގަނޑާއެކު ކުރިއަށް ގެންދަން އަޅުގަނޑު ގަސްދުކުރާ ވާހަކަ ވެސް ދެންނެވީމެވެ." ގާސިމްގެ ސިޓީގައި ވެ އެވެ.
އެ ޖަލްސާތަކުގައި އިންތިގާލީ ކަންތައްތަކާ ބެހޭ ބާބުގައި ހިމެނުމަށް މެމްބަރުން ހުށަހަޅާ ހުށަހެޅުންތަކަށް ފުރުސަތު ދިނުމަށް ފަހު ބަހުސްކޮށް އެ ހުށަހެޅުންތަކަށް ވޯޓަށް އަހައި އިންތިގާލީ ބާބު ދުވަހުން ދުވަހަށް ނިންމުމަށް ގަސްދުކުރައްވާ ކަމަށް ވެސް ގާސިމްގެ ސިޓީގައި ވިދާޅުވެފައި ވެ އެވެ.
ހާއްސަ މަޖިލީހުގެ ޖަލްސާތައް ފެށޭނެ ކަމަށް ބުނެފައި ވަނީ މި މަހުގެ ހަ ވަނަ ދުވަސް ނުވަތަ 13 ވަނަ ދުވަހު އެވެ. ނަމަވެސް އިންތިގާލީ ބާބުގެ ޑްރާފްޓް ނިންމޭގޮތް ނުވުމުން އެ ގޮތަށް ޖަލްސާތައް ވަނީ ބޭއްވޭގޮތް ނުވެފަ އެވެ.
ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ގަވާއިދުގެ ހަތް ވަނަ މާއްދާގެ ނ.ގައިވާ ގޮތުން އެންމެ ފަހުން ޖަލްސާއެއް ބޭއްވި ތާރީހުން ފެށިގެން 10 ދުވަހުގެ ތެރޭގައި ޖަލްސާއެއް ބާއްވަންޖެހެ އެވެ. އެ މުއްދަތު މިއަދަށް ހަމަވާނެ އެވެ. އެއްވެސް ސަބަބެއް މެދުވެރިވެގެން 10 ދުވަސް ތެރޭގައި ޖަލްސާއެއް ބާއްވަން ދަތިވެއްޖެ ނަމަ ސަބަބު ބަޔާންކޮށް މެމްބަރުންނަށް އެކަން އެންގެވުމަށް ފަހު، ޖަލްސާއެއް ނުބާއްވާތާ 10 ދުވަސް ހަމަވާ ދުވަހުން ފެށިގެން 14 ދުވަހުގެ ތެރޭގައި ޖަލްސާއެއް ބާއްވަންޖެހޭނެ ކަމަށް ގަވާއިދުގައި ވެ އެވެ.
އިންތިގާލީ ބާބުގެ ނިންމަން ޑްރާފްޓް ކޮމެޓީ އަށް ދަތިވެފައި ވަނީ ޑްރާފްޓް ޕެނަލުން އެކުލަވާލި ޑްރާފްޓްގައި، މަޖިލީހުގައި މެމްބަރުން ދެއްކެވި ވާހަކަ އާއި ޑީއާރުޕީން ހުށަހެޅި ކަންކަން ހިމަނާފައި ނެތް ކަމަށް އެ ޕާޓީން ބުނެ، ޑްރާފްޓް ގަބޫލް ނުކުރާ ކަމަށް ބުނުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ