ހަތަރު ވަނަ ގައުމީ ފިލްމު އެވޯޑުގައި ހަ އެވޯޑު ކާމިޔާބުކޮށް، އެންމެ މޮޅު ފިލްމުގެ މަގާމު ޑައިރެކްޓަރު އަބްދުލް ފައްތާހުގެ "ވެހޭ ވާރޭ ތެރޭން" ހޯދައިފި އެވެ.
ވޭތުވެދިޔަ ތިން އެވޯޑަށް ވުރެ 50 ޕަސެންޓު ބޮޑުކޮށް 290،000ރ. ފައިސާގެ އިނާމު ހުށަހަޅައިގެން އަލިމަސް އުފާ ކާނިވަލުގައި ރޭ ބޭއްވި އެވޯޑު ހަފުލާގައި "ވެހޭ ވާރޭ ތެރޭން" ވަނީ އެންމެ މޮޅު ފިލްމުގެ އިތުރުން އެންމެ މޮޅު ޑައިރެކްޝަން، (އަބްދުލް ފައްތާހު) އެންމެ މޮޅު ބަތޮލު (ޔޫސުފް ޝަފީއު) އަދި އެންމެ މޮޅު އޮރިޖިނަލް ސްކްރީން ޕްލޭ ވެސް ހޯދައިފަ އެވެ. މީގެ އިތުރުން އެންމެ މޮޅު އާޓް ޑައިރެކްޝަނާއި އެންމެ މޮޅު މޭކަޕްގެ މަގާމު ވެސް އެ ފިލްމު ވަނީ ހޯދައިފަ އެވެ.
މި އެވޯޑުގައި "ދަރިންނަށްޓަކައި" އަދި "ކަލާޔާ ނުލާ" އިން އެންމެ މޮޅު ބަތޮލަކަށް ނޮމިނޭޓްވެ "ކަލާޔާ ނުލާ" އިން ނިއުމާ މުހަންމަދު ވަނީ އެންމެ މޮޅު ބަތޮލާއަކަށް ހޮވައިފަ އެވެ. "މިއަދު" ނޫހުގެ ފަރާތުން އިންތިޒާމްކޮށްގެން މިދިޔަ ޖޫން މަހުގެ ތެރޭގައި ބޭއްވި "މިއަދު ކްރިސްޓަލް" އެވޯޑުގައި ވެސް އެންމެ މޮޅު ބަތޮލާގެ މަގާމު ހޯދައިފައި ވަނީ ނިއުމާ އެވެ.
ދެހާސް ތިނަކުން ދެހާސް ފަސް ވަނަ އަހަރުގެ ނިޔަލަށް ނުކުތް ފިލްމުތައް ބައިވެރިކޮށްގެން ނެޝެނަލް ސެންޓަ ފޮ ދި އާޓްސް (އެންސީއޭ) އިން ބޭއްވި އެވޯޑުގައި އެންމެ މޮޅު ސަޕޯޓިން އެކްޓަރުންނަށް ހޮވާފައި ވަނީ "ޒުލޭހާ" އިން އަލީ ސީޒަން އާއި ޝީލާ ނަޖީބެވެ. އެންމެ މޮޅު ވާހަކައަކަށް "ޒުލޭހާ"އިން ފާތުމަތު ނަހުލާ، އެންމެ މޮޅު ޗައިލްޑް އާޓިސްޓަކަށް "ޒުލޭހާ" އިން މަރިޔަމް އީނާޒު ވަނީ ހޮވައިފަ އެވެ.
ފިލްމު އެވޯޑުގެ ގަވާއިދަށް ބަދަލު ގެނެސް މި ފަހަރު ބޭއްވި އެވޯޑުގައި އެންމެ މޮޅު ކުރު ފިލްމު ޑައިރެކްޓަރަކަށް "ފަޅިސިކުންތު 2" އިން ރަވީ ފާރޫގާއި އެންމެ މޮޅު ކުރު ފިލްމަކަށް އަހުމަދު ޝާޒުގެ "ފަޅި ސިކުންތު" ވަނީ ހޮވައިފަ އެވެ.
މި އެވޯޑުގައި އެންމެ މޮޅު އަންހެން ލަވަ ކިޔުންތެރިޔާގެ މަގާމަށް ހޮވާފައި ވަނީ "އެދިއެދިހޯދީމޭ" އިން ޝިފާ ތައުފީގާއި ހަމަ އެ ފިލްމުން އަބްދުލް ހަންނާނެވެ. އެންމެ މޮޅު ލިރިކްސް އަށް "އެދިއެދި ހޯދީމޭ" އިން "އޮއްސިފައިވާ އިރު"، އަމިއްލަ ރާގަށް "ދަރިންނަށްޓަކައި" އިން މުހަންމަދު އިކުރާމާއި ކޮރިއޮގްރަފީ އަށް "ކަލާޔާނުލާ" އިން ސުނީތާ އާއި ރަވީ، ކޮސްޓިއުމް ޑިޒައިނަރަކަށް "ޒުލޭހާ" އިން ޖާދުﷲ އާއި ލައިލާ، ސްކޯއަކަށް "އެދަތުރު"ން އައްޔުމަން ޝަރީފް، ސިނެމޮޓޮގްރަފީ އަށް އިބްރާހިމް މޫސާ އާއި ހަސަން ހަލީމް، އެޑިޓިން އަށް "ކަލާޔާނުލާ" އިން ސަދާ އަހުމަދު އެވެ. އެންމެ މޮޅު ނެރޭޓިވް ޑޮކިއުމެންޓްރީއަކަށް ހޮވައިފައި ވަނީ ޓިވީ މޯލްޑިވްސްގެ "ކްއެސްޓް ފޮ ބެޓަ ލައިފް" އެވެ.
މި އެވޯޑަށް ފަހު އެންމެ މޮޅު ޑައިރެކްޓަރަކަށް ހޮވައިފައިވާ ފައްތާހު ބުނީ، ޖުމްލަކޮށް ބަލާއިރު އެހެން އެ ވޯޑުތަކަށް ވުރެ މި ފަހަރުގެ އެ ވޯޑު ފުރިހަމަ ކަމަށެވެ. ނަމަވެސް ފިލްމު އެވޯޑު ހަފުލާގެ އިންތިޒާމް އެއަށް ވުރެ ފުރިހަމަކޮށް ކުރިއަށް ގެންދެވޭނެ ކަމަށް ގަބޫލުކުރާ ކަމަށް ވެސް އޭނާ ބުންޏެވެ.
"ޖަޖު ކުރުން ވެސް ޖުމްލަކޮށް ރަނގަޅު. އެހެން ނަމަވެސް ބައެއް އެވޯޑުތަކާ މެދު ސުވާލު އުފެދޭ. އަހަރެންނަށް އުއްމީދު ނުކުރާ އެ ވޯޑުތައް ވެސް އެބަހުރި ލިބިފައި. ހަމައެގޮތަށް އުއްމީދު ކުރި ކެޓަގަރީތަކުން ވެސް އެވޯޑު ނުލިބި އެބަހުރި. އެހެން ނަމަވެސް އެވޯޑު ހަފުލާއާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭ،" ފައްތާހު ބުންޏެވެ.
ހަތަރު ވަނަ ގައުމީ ފިލްމު އެވޯޑު ބާއްވާފައި ވަނީ، ތިން ވަނަ ގައުމީ ފިލްމު އެވޯޑުގައި ދިމާވެފައިވާ މައްސަލަތަކާއި ފަންނާނުންގެ ހިތްހަމަނުޖެހުންތައް ހައްލުކުރުމަށް ފިލްމީ ދާއިރާގެ މީހުންނާއި ފިލްމު އެސޯސިއޭޝަން އަދި އާޓްސް ދާއިރާގެ ފަންނުންވެރިންނާ އެކު އެންސީއޭ އިން ވަނީ ވަރަށް ގިނަ މަޝްވަރާ ބައްދަލުވުންތައް ބާއްވައި ހިޔާލު ހޯދުމަށް ފަހު އެވެ.
ގައުމީ ފިލްމު އެވޯޑު: ހަ އެވޯޑާ އެކު އެންމެ މޮޅު ފިލްމަކަށް "ވެހޭ ވާރޭ ތެރޭން"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ