ޕްރޮސިކިއުޓަ ޖެނެރަލްގެ މަގާމަށް އަހުމަދު މުއިއްޒުގެ ނަންފުޅު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި

ޕްރޮސިކިއުޓަ ޖެނެރަލްގެ މަގާމަށް މއ. ޑޯންޝައިން، އަލްއުސްތާޒު އަހުމަދު މުއިއްޒުގެ ނަންފުޅު ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމް ހުށަހަޅުއްވައިފި އެވެ.
ޖިނާއީ ކޯޓުގެ އިސް ގާޒީކަން ވެސް ކުރިން ކުރައްވައިފައިވާ އަދި ގާނޫނު އަސާސީ އިސްލާހުކުރި ރައްޔިތުންގެ ހާއްސަ މަޖިލިސްގެ ހއ. މެމްބަރުކަން ވެސް ކުރައްވައިފައިވާ މުއިއްޒުގެ ނަންފުޅު ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ހުށަހެޅުއްވީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށް ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ވެ އެވެ.
ޕްރޮސިކިއުޓަ ޖެނެރަލްގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޖިނާއީ ކުށްތަކާ ގުޅިގެން ރާއްޖޭގައި ކުރާ އެންމެހައި ދައުވާތަކާ ބެހޭ ކަންކަން ބެލެހެއްޓުމާއި ތަހުގީގުކުރާ އެކި އިދާރާތަކުން ހުށަހަޅާ ހެއްކާއި ގަރީނާ ވަޒަންކޮށް، ދައުވާއެއް އުފުލަންޖެހޭކަން ނުވަތަ ނޫންކަން ކަނޑައެޅުން ހިމެނެ އެވެ. މީގެ އިތުރުން، ޖީނާއީ މައްސަލަތަކުގައި ދައުވާކުރުމުގެ އެންމެހައި އުސޫލުތައް ކަނޑައެޅުމާއި ޖިނާއީ މައްސަލައަކާ ގުޅިގެން ކޯޓަކުން އިއްވައިފައިވާ ހުކުމެއް ނުވަތަ ނިންމައިފައިވާ ނިންމުމެއް އިސްތިއުނާފުކުރަން ހުށަހެޅުން ވެސް ހިމެނެ އެވެ.
ގާނޫނު އަސާސީގައި ބުނާ ގޮތުން ޕްރޮސިކިއުޓަ ޖެނެރަލްގެ މަގާމަށް އައްޔަންކުރާ މީހަކު އެ ވަޒީފާގެ އިތުރުން އެހެން ވަޒީފާއެއް އަދާކުރާ މީހަކަށް ވެގެނެއް ނުވެ އެވެ.
މުއީޒަކީ އެހެން ލޯޔަރަކާ ގުޅިވަޑައިގެން އަމިއްލަފުޅު ލޯފާމެއް ހިންގަވާ، މަޝްހޫރު ގާނޫނީ ވަކީލެކެވެ. އޭނާ ގެންދަވަނީ އެކިއެކި މައްސަލަތަކުގައި ކޯޓުތަކުގައި ވަކާލާތު ކުރައްވައި، ކާމިޔާބު ކުރައްވަމުންނެވެ.
ގާނޫނުއަސާސީއަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި، ގާނޫނުއަސާސީގައިވާ ގޮތުގެ މަތިން ޕްރޮސިކިއުޓަ ޖެނެރަލް އައްޔަން ކުރަންވާނެ ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައި ވެ އެވެ. ޕްރޮސިކިއުޓަ ޖެނެރަލްގެ މަގާމަށް އައްޔަންކުރާ މީހަކު ކަނޑައަޅާނީ، އާ ގާނޫނުއަސާސީ އަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 15 ދުވަހުގެ ތެރޭގައި އެ މީހެއްގެ ނަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، އެ މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ، ވޯޓު ދިން މެންބަރުންގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުުން އެ ނަން ފާސްވެގެން ކަމަށް ވެސް އާ ގާނޫނުއަސާސީގައި ވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ