ދ. މީދޫގައި ޔުނިސެފުން އިމާރާތްކޮށްދިން ކްލާސް ރޫމް އިމާރާތާއި ޕްރީ ސްކޫލް ރައްޔިތުންނާ ހަވާލުކޮށްފި

ދ. މީދޫގައި ޔުނިސެފުން ހެދި ކްލާސް ރޫމް އިމާރާތާއި ޕްރީ ސްކޫލް އެ ރަށުގެ ރައްޔިތުންނާ އެ ޖަމާއަތުން މިއަދު ހަވާލުކޮށްފި އެވެ.
މި ދެ އިމާރާތް ހަވާލުކުރުމަށްޓަކައި މިއަދު ހެނދުނު މީދޫގައި ބޭއްވި ރަސްމިއްޔާތުގައި އެ ދެ އިމާރާތް ހަވާލުކޮށްދިނުމުގެ ލިޔުމާއި ދެ އިމާރާތުގެ ތަޅުދަނޑި ރަށުގެ ކަތީބު ސިއްދީގު އަލީއާ ހަވާލުކޮށްދެއްވީ ބެންކޮކްގައި ހުންނަ ޔުނައިޓެޑް ނޭޝަންސް އޮފީސް ފޯ ޕްރޮޖެކްޓް ސާވިސް )ޔުނޮޕްސް(ގެ އޭޝިއާ ޕެސިފިކް ރީޖަނަލް އޮފީހުގެ ޕޯޓްފޯލިޔޯ މެނޭޖަރު ސިއާމަކް މޮގައްދަމެވެ.
މި ރަސްމިއްޔާތުގައި ސިއާމަކް ވިދާޅުވީ ސުނާމީގައި ގެއްލުންވި ގައުމުތަކުގައި ޔުނިސެފުން ހިންގާ މަޝްރޫއުތައް އެންމެ ހަލުއިކޮށް ކުރިއަށްދަނީ ރާއްޖޭގައި ކަމަށާއި އެކަމަށް ވަރަށް ބޮޑަށް އުފާކުރައްވާ ކަމަށެވެ.
މީދޫގައި އިމާރާތްކުރި އަށް ކްލާސް ރޫމްގެ ދެ ބުރި އިމާރާތާއި ތިން ކްލާސްރޫމްގެ ޕްރީ ސްކޫލްގެ އިތުރުން، ސުނާމީގައި ހަލާކުވި މި ރަށުގެ ހެޑްމާސްޓަރުގެ ގެއާއި މިހާރު ހުރި ސްކޫލް ވެސް ޔުނިސެފްގެ އެހީގައި ވަނީ މަރާމާތުކޮށްދީފަ އެވެ. މި މަސައްކަތްތަކަށް ގާތްގަނޑަކަށް 4.3 މިލިއަން ރުފިޔާ ހަރަދުވި ކަމަށް ޔުނިސެފުން ވިދާޅުވި އެވެ.
ސުނާމީގައި ރާއްޖޭގެ ސިއްހީ ދާއިރާއަށާއި ތައުލީމީ ދާއިރާ އަށް ލިބުނު ގެއްލުން ފޫބެއްދުމަށްޓަކައި ޔުނިސެފުން ހިންގާ 5.32 މިލިއަން އެމެރިކާ ޑޮލަރު ) 68.4 މިލިއަން ރުފިޔާ(ގެ މަޝްރޫއުގެ ދަށުން 100 މަޝްރޫއު ހިންގުމަށް ވަނީ ރާއްވަވައިފަ އެވެ.
މި މަޝްރޫއުގެ މަސައްކަތްކުރިއަށް ގެންދަވާ ޔުނޮޕްސްގެ ޕްރޮޖެކްޓް ކޯޑިނޭޓަ ފެކާރޭ ގެބްރެކަލް ވިދާޅުވީ ޔުނިސެފްގެ މި މަޝްރޫއުގެ މަގްސަދަކީ ރަށުގެ ރައްޔިތުންނަށް ނަފާ ލިބޭ ގޮތަށް މަޝްރޫއު ހިންގުން ކަމަށެވެ.
"މި މަޝްރޫއުގެ 100 މަޝްރޫއުގެ ތެރެއިން 70 އަށް ވުރެ ގިނަ މަޝްރޫއަކީ އެ މަޝްރޫއެއް ހިންގާ މުޖުތަމައަކަށް ސީދާ ފައިދާވާ ގޮތަށް ރޭވިފައިވާ މަޝްރޫއު،" ފެކާރޭ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ