ގައުމީ އެއްބައިވަންތަކަމުގެ ގުޅުމުގެ އުތުރު އަރުމާޒު ވަރަށް ކާމިޔާބު: ޑރ. ޝަހީދު

އިންތިގާލީ ސަރުކާރެއް އުފެއްދުމުގައި ރައްޔިތުންގެ ތާއީދު ހޯދުމަށް އުތުރުގެ އަތޮޅުތަކަށް "އުތުރު އަރުމާޒު"ގެ ނަމުގައި ކުރި ދަތުރު ވަރަށް ކާމިޔާބު ކަމަށް ގައުމީ އެއްބައިވަންތަކަމުގެ ގުޅުމުން މިއަދު ބުނެފި އެވެ.
އެގުޅުމުގެ ތަރުޖަމާން ޑރ. އަހްމަދު ޝަހީދު މިއަދު ވިދާޅުވީ ޖެނުއަރީ 1- 8 އަށް އުތުރުގެ އަށް އަތޮޅެއްގެ 14 ރަށަކަށް ކުރި ދަތުރުގެ މަގުސަދު ވަރަށް ބޮޑަށް ހާސިލުވެފައިވާ ކަމަށެވެ.
އުތުރު އަރުމާޒު ދިޔައީ ހއ، ހދ، ށ، ނ، ރ، ބ، ޅ އަދި ކ. އަތޮޅަށެވެ.
"އުތުރު އަރުމާޒުގެ މަގުސަދަކީ މި އަހަރުގެ އިންތިހާބު މިނިވަންކުރުމުގެ ބޭނުން ރައްޔިތުންނަށް ކިޔައިދިނުން. މިކުރި ދަތުރުން އެނގޭ ރައްޔިތުން މިނިވަން އިންތިހާބަކަށް ބޭނުންވާކަން. ބަދަލަކަށް ބޭނުންވާކަން،" ފޮރިން މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ޑރ. ޝަހީދު ވިދާޅުވި އެވެ. "މި ދަތުރު ކުރަން ޖެހުނީ ދައުލަތުގެ މީޑިއާ އިންސާފުވެރިނުވުމުން. އިންތިގާލީ ސަރުކާރެއްގެ ބޭނުމާ ގުޅޭ ގޮތުން ރައްޔިތުންނަށް އޮޅޭ ގޮތަށް ސަރުކާރުން ދަނީ މައުލޫމާތު ފަތުރަމުން."
އެމްޑީޕީ އާއި އައިޑީޕީ އާއި އަދާލަތު އަދި ރަޖިސްޓްރީކޮށް ނުދީ އޮތް ސޯޝަލް ލިބަރަލް ޕާޓީގެ އިތުރުން ސިޔާސީ ހަރަކާތެއްގެ ގޮތުގައި މަސައްކަތްކުރާ ނިއު މޯލްޑިވްސް ގުޅިގެން އުފައްދާފައިވާ ގައުމީ އެއްބައިވަންތަކަމުގެ ގުޅުމުގެ އުތުރު އަރުމާޒުގައި ބައިވެރިވި އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު )އަންނި( ވިދާޅުވީ "ތާރީހުގައި ކޮށްފައިވާ އެކިއެކި އަރުމާޒުތަކަށް ވުރެ ގައުމީ އެއްބައިވަންތަކަމުގެ ގުޅުމުގެ އަރުމާޒު ކާމިޔާބުކަން ކުޑައެއް ނުވާނެ،" ކަމަށެވެ.
"އަޅުގަނޑުމެންނަށް އެނގިގެން ދިޔަ މިނިވަން އިންތިހާބަކަށް އިންތިގާލީ ސަރުކާރެއް ރައްޔިތުން ބޭނުންވާކަން،" އަންނި ވިދާޅުވި އެވެ.
ގައުމީ އެއްބައިވަންތަކަމުގެ ގުޅުމުން ދިޔަ ރަށްރަށުގައި އިންތިގާލީ ސަރުކާރާ ބެހޭ ގޮތުން މައުލޫމާތު ދިނުމުގެ ސެމިނާ ބޭއްވި ކަމަށާއި މައުލޫމާތު ކަރުދާސްތައް ބެހުމުގެ އިތުރުން ޕޯސްޓަރުތައް ހަރުކުރި ކަމަށް ވެސް ޑރ. ޝަހީދު ވިދާޅުވި އެވެ.
"އުތުރު އަރުމާޒުގައި ދިޔަ ރަށްރަށުގެ ތެރެއިން ރ. މީދޫ ފިޔަވައި އަޅުގަނޑުމެންނާ ދެކޮޅަށް ބަޔަކު ނުތެދުވޭ. މީދޫން ފެނުނު މަންޒަރުތައް ވެސް އަޅުގަނޑުމެންނަށް ހަޖަމްކުރެވުނު. އަޅުގަނޑުމެން ގަބޫލްކުރަން އަޅުގަނޑުމެންނާ ވެސް ދެކޮޅު ހިޔާލުގެ މީހުން ތިބެން ޖެހޭނެކަން. އެ މީހުންގެ ޝުއޫރު ވެސް ފާޅުކުރާނެކަން،" ޑރ. ޝަހީދު ވިދާޅުވި އެވެ.
އިންތިގާލީ ސަރުކާރަކަށް ރ. މީދޫން ތާއީދު އޮތްކަން މާ ބޮޑަށް ފެނިގެން ނުދާ ކަމަށާއި ނަމަވެސް އެކަމާ ކަންބޮޑުނުވާ ކަމަށް އަންނި ވިދާޅުވި އެވެ.
އުތުރުގެ އަތޮޅުތަކަށް ކުރި ދަތުރު ނިންމުމަށް ފަހު ބޯޓު މާލެ އައީ އިއްޔެ އިރު އޮއްސުނު ވަގުތުގަ އެވެ. އެ ބޯޓުގައި ދަތުރުކުރި މީހުންނަށް މަރުހަބާ ކިޔުމަށްޓަކައި އެއް ނަންބަރު ފާލަން ކައިރި އަށް ގިނަ ބަޔަކު ދިޔަ އެވެ.
ރާއްޖޭގައި އިންތިގާލީ ސަރުކާރެއް ގާއިމުކުރަން ނުޖެހޭ ކަމަށާއި މި އަހަރުގެ ރިޔާސީ އިންތިހާބު މިނިވަންކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ