ނައީމް މަގާމުން ދުރުކުރުމަށް މަސައްކަތްކުރީ ރައްޔިތުން ބޭނުންވާ އަދި އިންސާފުގެ މަގުން: ތަސްމީން

އޮޑިޓަ ޖެނެރަލް އިބްރާހިމް ނައީމާ މެދު ކުރި ހިޔާނާތުގެ ތުހުމަތުތަކާ ގުޅިގެން އޭނާ މަގާމުން ވަކިކުރުމަށް ޑީއާރުޕީން މަސައްކަތް ކޮށްފައިވާނީ ރައްޔިތުން ބޭނުންވާ އަދި އިންސާފުގެ މަގުން ކަމަށް އެ ޕާޓީގެ އިންތިހާބުވެފައިވާ ލީޑަރު އަދި މަޖިލީހުގެ ބ. ކެންދޫ ދާއިރާގެ މެމްބަރު އަހުމަދު ތަސްމީން އަލީ ރޭ ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި 43 މެމްބަރުންގެ އަޣުލަބިއްޔަތުން އޮޑިޓަ ޖެނެރަލްގެ މަގާމުން ނައީމް ވަކިކުރުމާ ގުޅިގެން އެކަމުގެ އުފަލުގައި ޑީއާރުޕީން ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ތަސްމީން ވިދާޅުވީ ނައީމް ވަކިކުރެއްވުމުން ދޭހަވަނީ ކޮންމެ ފަހަރަކު އެމްޑީޕީން ބޭނުންވާ ގޮތަށް ކަންތައްތައް ނުވާނެކަމެވެ.
"ވަކި ބަޔަކު ނުރުހޭ ކޮންމެ ފަހަރަކު، އެމްޑީޕީގެ ސަރުކާރު ނުވަތަ އެމްޑީޕީގެ މަޖިލީހުގެ މެމްބަރުން ނުރުހޭ ކޮންމެ ފަހަރަކު އެ މީހުންނަށް ގަދަކަމުން، ހަމަޖެހިފައިވާ އުސޫލުތައް މުގުރާލައި އެ މީހުން ބޭނުންވާ ގޮތަށް ކަންކަން ފުރޮޅާލިޔަ ނުދިނުމަށް އަޅުގަނޑުމެން ކުރި މަސައްކަތެއް މިއީ،" އާޓިފިޝަލް ބީޗް ސަރަހައްދުގައި ބޭއްވި ބައްދަލުވުމުގައި ތަސްމީން ވިދާޅުވި އެވެ. "އަޅުގަނޑުމެންނަށް މިއަދު މި ވަނީ މި މަސައްކަތުގައި ކާމިޔާބު ލިބިފައި. އަޅުގަނޑުމެންނަށް މި މަސައްކަތުގައި ކާމިޔާބު ލިބިފައި މި ވަނީ، އަޅުގަނޑުމެން މަސައްކަތް ކޮށްފައި ވަނީ ދިވެހި ރައްޔިތުން އެދޭ ގޮތުގެ މަތިން ކަމަށް ވާތީ. އަޅުގަނޑުމެން މަސައްކަތް ކޮށްފައި މި ވަނީ ހައްގުގެ މަގުގައި ކަމަށް ވާތީ. އަޅުގަނޑުމެން މަސައްކަތް ކޮށްފައި މި ވަނީ އިންސާފުވެރިކަމާ އެކީގައި، ހަމަޖެހިފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ވާތީ."
ޑީއާރުޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ވެސް ލީޑަރު ވިދާޅުވީ އޮޑިޓަ ޖެނެރަލް މަގާމުން ވަކިކުރުމަށް މަޖިލީހުގައި ކުރި މަސައްކަތުން އެ ޕާޓީ އަށް ލިބިފައި ވަނީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ. އެހެންވެ އެކަމަށް ވޯޓު ދެއްވި ޑީއާރުޕީގެ މެމްބަރުންގެ އިތުރުން ޕީއޭ އާއި ގައުމީ ޕާޓީ އާއި ޖުމްހޫރީ ޕާޓީ އަދި މިނިވަން މެމްބަރުންނަށް ތަސްމީން ޝުކުރު އަދާކުރެއްވި އެވެ.
ތަސްމީން ވިދާޅުވީ އޮޑިޓަ ޖެނެރަލް މަގާމުން ދުރުކުރުމަކީ ޑީއާރުޕީ އަށް ލިބުނު ވަރަށް ކުޑަ މިންވަރެއްގެ ކާމިޔާބީއެއް ކަމަށާއި ކުރިމަތީގައި ވަރަށް ބޮޑެތި ގޮންޖެހުންތައް އެބަހުރި ކަމަށެވެ.
"އަޅުގަނޑު ތިޔަ ހުރިހާ ބޭފުޅުންނަށް ޔަގީންކޮށް އަރުވަނީ ތިޔަ ބޭފުޅުން ތިޔަ އެދިވަޑައިގަންނަވާ ގޮތުގެ މަތިން، ދިވެހި ރައްޔިތުން އެދިވަޑައިގަންނަވާ ގޮތުގެ މަތިން އެ މަސައްކަތްތައް ކުރުމުގައި ﷲ ގެ އިރާދަފުޅާ އެކީގައި ސާބިތުކަމާ އެކީގައި ދެމިތިބޭނަމޭ،" ތަސްމީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޑީއާރުޕީން ސަރުކާރާ ދެކޮޅަށް އެކިއެކި ހަރަކާތްތައް ހިންގަނީ އެ ނޫން ގޮތެއް ނެތިގެން ކަމަށެވެ. އެ ގޮތުން ގާނޫނުތަކާ ހިލާފަށް ހިތުހުރި ގޮތަކަށް ގޮށްމުށުގެ ބާރުން ކަންތައްތައް ތަންފީޒު ކުރާ ހިސާބަށް ސަރުކާރުގެ ކަންތައްތައް ދިއުމުން އިދިކޮޅު ފަރާތްތަކުގެ ހައިސިއްޔަތުން ގާނޫނީ ވާޖިބު އަދާކުރުމަށް ދާން ޖެހޭ ކޮންމެ ދުރު މިނަކަށް ވެސް ދާން މަޖުބޫރު ވަނީ ކަމަށެވެ.
"އަޅުގަނޑުމެން އެ ކަންތައްތައް ކުރަނީ އޭގެ ސަބަބުން ނުކުންނަ ބައެއް ކަހަލަ މައްސަލަތަކާ ދޭތެރޭގައި ކަންބޮޑު ނުވާތީކީ ނޫން. އަޅުގަނޑުމެން އެކަހަލަ ކަންތައްތައް މެދުވެރިވާކަށެއް ނޭދެން. އެހެން ނަމަވެސް ވަކި ބަޔަކު ނޭދޭ ގޮތަށް ދިވެހިރާއްޖޭގައި އެއްވެސް ކަމެއް ނުވަންޏާ ހަމަޖެހިފައިވާ އުސޫލުތަކާއި ގާނޫނާއި ގަވާއިދުތަކުގެ އިމުން ބޭރުން ކަންތައްތައް ކުރެވެން ފަށައިފިއްޔާ އަޅުގަނޑުމެން މިހާރު މި ހާސިލް ކޮށްފައިވާ ހުރިހާ ކަމެއް އަންނަން އޮތް ޖީލުތަކަށްޓަކައި އަޅުގަނޑުމެންގެ އަތުން ބީވެގެން ދާނީ. އެހެންވީމަ ދިވެހިރާއްޖޭގައި މިހާރު ގާއިމްވެފައި މިވާ ސިޔާސީ ޕާޓީގެ ނިޒާމާއި ޑިމޮކްރެޓިކް އުސޫލުތަކުގެ ތެރޭގައި އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައިވާ ވާޖިބެއް އެ ކަންތައްތައް ދިފާއު ކުރުމަށްޓަކައި މަސައްކަތް ކުރުން،" ތަސްމީން ވިދާޅުވި އެވެ.
ރޭގެ ބައްދަލުވުމުގައި ތަސްމީންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ ޑީއާރުޕީގެ ވަރަށް ގިނަ މެމްބަރުން ވާހަކަ ދެއްކެވި އެވެ.
އެގޮތުން ރ. އުނގޫފާރު ދާއިރާގެ މެމްބަރު ޑރ. އަފްރާޝީމް އަލީ ވިދާޅުވީ އިއްޔެ އަކީ ކުރީގެ ރައީސް މައުމޫނަށް އެންމެ ބޮޑަށް ދުއްތުރާ ކުރެއްވި އަދި ރިޔާސީ އިންތިހާބުގައި މައުމޫންގެ ކެމްޕޭނަށް އެންމެ ބޮޑު ޓައިމް ބޮމެއް ވައްޓާލި އޮޑިޓަ ޖެނެރަލް ނައީމްގެ އަތަށް އެ ޓައިމް ބޮން ގޮވި ދުވަސް ކަމަށެވެ.
"މިއަދަކީ މިއީ ވަރަށް އުފާވެރި ދުވަހެއް. މިއަދަކީ މާތް ﷲ ސުބުހާނަހޫ ވަތައާލާ އަބަދުވެސް ހެޔޮ ގޮތުގައި މަސައްކަތްކުރާ މީހުންނަށާއި މުއުމިނުންނަށާއި ހައްގު މަގަށް އަބަދުވެސް ނަސްރު ދެއްވާނެކަން ވަރަށް ރަނގަޅަށް ދިވެހި ހުރިހާ ރައްޔިތުންނަށް ސާބިތުވެގެން ދިޔަ ދުވަހެއް،" ޑރ. އަފްރާޝީމް ވިދާޅުވި އެވެ. "މިއަދު އުފާވެރި ދުވަހަކަށް ވަނީ ދިވެހި ރައްޔިތުންގެ ޕާޓީގެ އިއްޒަތްތެރި މެމްބަރުން އިސްނަގައިގެން މި ކުރި މަސައްކަތަކީ މިއީ ވަރަށް ދީނީ، ގައުމީ މަސައްކަތަކަށް ވާތީ. ދިވެހި ރައްޔިތުންގެ ފައިސާ އަށް ހިޔާނާތްތެރިވި އޮޑިޓަ ޖެނެރަލް އޭނާގެ މަގާމުން ދުރު ކުރެވުނު ދުވަސް ކަމަށް ވާތީ."
އޭނާ ވިދާޅުވި ގޮތުގައި އޮޑިޓަ ޖެނެރަލްގެ މަގާމުން ނައީމް ވަކިކުރުމުން ސާބިތު ވަނީ ޑީއާރުޕީން ހިޔާނާތްތެރިންނަށާއި ވައްކަންކުރާ މީހުންނަށް ޖާގަ ނުދޭނެކަން ކަމަށެވެ.
އއ. ތޮއްޑޫ ދާއިރާގެ މެމްބަރު އަދި ޑީއާރުޕީގެ އިންތިހާބު ވެފައިވާ ޑެޕިއުޓީ ލީޑަރު އަލީ ވަހީދު ވިދާޅުވީ އޮޑިޓަ ޖެނެރަލްގެ މަގާމުން ނައީމް ވަކިކުރުމުން އެނގިގެން ދިޔައީ ރާއްޖޭގައި ވަކި ބަޔަކަށް ދެން ގަދަ ބާރުން މަސައްކަތް ނުކުރެވޭނެ ކަމަށާއި މި ސަރުކާރުގެ ބާކީ އޮތް ދުވަސްތަކުގައި ވެސް ސަރުކާރުން ކަންކަން ކުރަން ޖެހޭނީ ގާނޫނީ އިމުގެ ތެރޭގައި ކަމަށެވެ.
"ހަގީގަތުގައި 43 ވޯޓު އޮޑިޓަ ޖެނެރަލާ ދެކޮޅަށް ލިބުމަށް ފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް އެކަން އިއުލާން ކުރުމަށް ފަހު އަޅުގަނޑުގެ ސިކުނޑި އަށް ވަރަށް ގިނަ މަންޒަރުތައް ފެނިގެން ދިޔަ. އޭގެ ތެރޭގައި އަޅުގަނޑުމެންނަށް ފެނޭ ފާއިތުވި ތިން ރޭ އެތަކެއް ނިކަމެތި ރައްޔިތުންނަށް ލިބެމުންދިޔަ އަނިޔާތައް. މި ޕާޓީގެ އެތައް މެމްބަރުންތަކެއް ކަރުނަ ގޭހުގެ ފުޅިތަކަށް ދެކޮޅު ހެދުމާ އެކު ވެސް ނުވަތަ އޭގެ ޝިކާރައަކަށް ވުމާ އެކު ވެސް ފަސް ޖެހުމެއް ނެތި އަންނަމުން ދިޔަ މަންޒަރުތައް މިއަދުގެ ވޯޓުގެ ނަތީޖާ އިއުލާން ކުރުމާ ދޭތެރޭގައި ސިކުނޑިއަށް ސަވާރުވަމުން ދިޔަ،" އަލީ ވަހީދު ވިދާޅުވި އެވެ. "އެހެންވީމަ އަޅުގަނޑު ދަންނަވާލަން ބޭނުންވާ ވާހަކަ އަކީ މިއަދު ހަގީގަތުގައި މި އައީ ދިވެހި ރައްޔިތުންގެ ކިބައިން ބާރު ވެރިކަމެކޭ. މިއަދު މިއީ ހަގީގަތުގައި އެކަނި ޑީއާރުޕީގެ މެމްބަރުންނަށް ލިބުނު ކާމިޔާބީއެއް ނޫނޭ. މިއީ ޑީއާރުޕީއާ ދިވެހި ރައްޔިތުންގެ ތެރޭގައި ހައްގާއި ނަސްރަށް ތާއީދުކުރާ ރައްޔިތުންގެ މަސައްކަތުން އަޅުގަނޑުމެން ހޯދި ނަސްރެކޭ."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ